ހޮލީވުޑް

ޖެނިފާ އެނިސްޓަން ވަރިވަނީ

މަޝްހޫރު "ފްރެންޑްސް" ސީރީޒް އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ޖެނިފާ އެނިސްޓަން އާއި ފިރިމީހާ ޖަސްޓިން ތެރޫ ވަކިވުމަށް ނިންމައިފި އެވެ.

ދެ އަހަރަށްވުރެ ގިނަ ދުވަހު ކައިވެނިކޮށްގެން އުޅުމަށްފަހު އެ ދެ މީހުން ވަކިވާން ނިންމި ސީދާ ސަބަބެއް މީޑިއާއަށް ހާމަކޮށްފައެއް ނުވެ އެވެ. އެންޓަޓެއިންމަންޓް ވީކްލީއަށް އެ ދެ މީހުން ފޮނުވި ޖޮއިންޓް ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ ވަކިވާން ނިންމީ ދެ މީހުން ވާހަކަދައްކައިގެން އެކަމަށް އެބަސްވެގެން ކަމަށާއި މިގޮތަށް ނިންމި ނަމަވެސް އެ ދެމީހުންގެ ދެމެދުގައި އޮންނަ ރަހުމަތްތެރިކަމުގެ ގުޅުން އަބަދުވެސް އޮންނާނެ ކަމަށެވެ.

އެ ދެމީހުން ވަކިވާން ނިންމީ މިދިޔަ އަހަރު ފަހުކޮޅު އެވެ. މީޑިއާއަށް އެ މައުލޫމާތު ހިއްސާނުކޮށް ބޭއްވީ އެ އެކަން އެހާ ފާޅުކަން ބޮޑު ގޮތެއްގައި ހާމަކުރަން ބޭނުން ނުވާތީ ކަމަށާއި ނަމަވެސް ފަހުން ބަޔާނެއް ނެރެން ނިންމީ އެ ދެމީހުން ވަކިވުމާއި ބެހޭގޮތުންނާއި މީޑިއާތަކުން ތަފާތު ވާހަކަތައް ފަތުރާނެކަން އެނގޭތީ އެކަމަށް ފުރުސަތު ނުދިނުމަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ދާދިފަހުން ޖެނިފާ އޭނާގެ 49 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން ޖަސްޓިން ފެނިފައި ނުވާތީވެސް މީޑިއާގައި އެ ދެމީހުނާއި ބެހޭގޮތުން ތަފާތު ވާހަކަތައް ދައްކާފައިވެ އެވެ. ޕީޕަލް އިން ރިޕޯޓުކުރި ގޮތުގައި ޖެނިފާ މަލިބޫގައި އޭނާގެ އުފަންދުވަސް ފާހަގަކުރި ދުވަހު ޖަސްޓިން ވަނީ ނިއު ޔޯކް ސިޓީގައި އޭނާ ގެންގުޅޭ ކުއްތާ ގޮވައިގެން ހިނގާލަން ގޮސް ހުއްޓަ ފެނިފަ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި އެ ދެ މީހުން ވަކިވާ ނިންމީ މަސައްކަތުގައި އަވަދިނެތި އުޅެންޖެހުމުން ވަގުތު ނުދެވިގެން ކަމަށެވެ. އެ ދެ މީހުންގެ އުމުރުގެ ތަފާތު ކަމުގެ ސަބަބުން ކަމަށްވެސް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ. ޖެނީފާއަށް މިއަހަރު 49 ފުރުނުއިރު ޖަސްޓިން އަދި 46 އަހަރެވެ.

ފަސް އަހަރުވަންދެން ރައްޓެހިވެގެން އުޅުމަށްފަހު އެ ދެމީހުން ކައިވެނި ކުރީ 2015 ވަނަ އަހަރު އޮގަސްޓު މަހު އެވެ.

ޖެނިފާގެ ލޯބީގެ ގުޅުންތަކަކީ އަބަދުވެސް މީޑިއާގައި ފަލަ ސުރުހީ ލިބެމުން އަންނަ ވާހަކަތަކެކެވެ. މި ވާހަކަތައް އެންމެ ގަދައަށް ދެކެވެން ފެށީ "ފްރެންޑްސް" ސީރީޒް ކުޅެމުންދިޔައިރު 1998 ވަނަ އަހަރު އޭނާ ލޯބީގެ ގޮތުން މަޝްހޫރު އެކްޓާ ބްރެޑް ޕިޓް އާއި ގުޅުނު ހިސާބުންނެވެ.

އެ ދެމީހުން 2000 ވަނަ އަހަރު ކައިވެނިކޮށް، އޭގެ ފަސް އަހަރު ފަހުން ކައިވެނި ރޫޅުމުން ހޮލީވުޑްގެ އެންމެ ހޫނު ހަބަރަކަށް އެ ދެމީހުންގެ ވަރީގެ ހަބަރުވި އެވެ. ޖެނިފާ ވަރިކުރުމަށްފަހު ބްރެޑް ކައިވެނި ކުރީ އެންޖެލީނާ ޖޯލީ އާއެވެ.

ބްރެޑް އާއި ވަކިވުމަށްފަހު ޖެނިފާ ވަނީ ވިންސް ވޯން އަދި ޖޯން މާޔާ އާއިވެސް ލޯބީގެ ގޮތުން ގުޅިފަ އެވެ.