ވިޔަފާރި

ބީއެމްއެލް މުވައްޒަފުންގެ ފަރާތުން 90،000 ރުފިޔާ ހަދިޔާކޮށްފި

Feb 17, 2018
  • މުވައްޒަފުން ވަނީ ޗެރިޓީ ރަންއެއް ބާއްވާފަ
  • ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި
  • ތިން ޖަމިއްޔާއަހަށް އެހީތެރިކަން ދިން

ބީއެމްއެލް މުވައްޒަފުން ޗެރިޓީ ރަންއެއް ބާއްވައިގެން 90،000ރ. އެއްކޮށް، ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާ ތަކަށް ހަދިޔާކޮށްފި އެވެ.

ބީއެމްއެލްއިން މިމަހު ކުރިއަށް ގެންދާ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން ކުރިއަށް ގެންދިޔަ މި ދުވުމުގައި އެ ބޭންކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ. އަދި މި ދުވުމުން އެއްކުރި 90،000ރ. ރުފިޔާ، ހަދިޔާ ކުރަން ހަމަޖެހިފައިވަނީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން އާއި އެމްއޭޕީޑީ އަަދި ބިއުޓފިއުއަލް އައިސްޑައުންސިންޑްރަމް އެސޯސިއޭޝަންއަށް ކަމަށް ގައުމީ ބޭންކުން ބުނެފައިވެ އެވެ.

"އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން މިހާތަނަށް ވަނީ މުޖުތަމަ އަށް ފައިދާ ހުރި ގިނަ ހިދުމަތްތަކެއް ކޮށްފަ އެވެ. މީގެތެރޭގައި "އިންޓަގްރާމް ޗެލެންޖަކާއި" ކޮންމެ އަތޮޅެއްގައި އިޖުތިމާއި ޒިންމާގެ ހަރަކާތެއް ހިންގުމުގެ އިތުރުން ބާސްކެޓް ކޯޓެއް ހުޅުވުމާއި "ލައިފް ސްޓައިލް ލޯނު" ތައާރަފު ކުރުން ހިމެނެ އެވެ. މީގެ އިތުރުން އިންޓަނެޓު ބޭންކިންގެ ހިދުމަތަށް އިތުރު ފަސޭހަތައް ގެނެސް ދިނުމާއި ވިލިމާލޭގެ ބީއެމްއެލް ބްރާންޗު ވަރުގަދަ ކުރުން އަދި މާލީ ދާއިރާއަށް ސްކޫލް ކުދިން ހޭލުންތެރި ކުރުވުން ވެސް ހިމެނެ އެވެ.

ބީއެމްއެލްގެ އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކަށް މިދިޔަ އަހަރު 300 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި މި އަހަރުވެސް މި އަދަދު ހޭދަކުރާނެ ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.