ވިޔަފާރި

ބީއެމްއެލް އިން ފަސް ރަށެއްގައި ކޭޝް އެޖެންޓް ހިދުމަތް ފުޅާކުރަނީ

Feb 17, 2018

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަށަރަށަށް ހާއްސަ ތައާރަފުކޮށްފައިވާ ކޭޝް އެޖެންޓް ވިއުގަ އިތުރަށް ފުޅާކުރުމުގެ ގޮތުން ފައިސާ ޖަމާކުރުމުގެ ހިދުމަތް ފަށައިފިއެވެ. މި ހިދުމަތް ފުރަތަމަ ފަށާފައިވަނީ ރ. ހުޅުދުއްފާރު ގަ އެވެ.

މި ހިދުމަތް މެދުވެރިކޮށް ފައިސާ ޖަމާކުރުމުގެ ހިދުމަތް މެދުވެރިކޮށް، އެއްވެސް ފީ އަކާ ނުލައި ކަސްޓަމަރުންނަށް ދުވާލަކު 10،000 ރުފިޔާ އާ ހަމަޔަށް ނަގުދު ފައިސާ ޖަމާކުރެވޭނެ އެވެ. އަދި މީގެ އިތުރުން ކްރެޑިޓް ކާޑަށައި ލޯނަށްވެސް ފައިސާ ދެއްކޭނެ އެވެ. ގިނަ ރަށްތަކުގައި މި ހިދުމަތް ދޭން ފެއްޓުމުގެ ކުރިން މި ހިދުމަތް ފުރަތަމަ ތަޢާރަފްކުރުމަށް ހަމަޖެހިފައިވަނީ ފަސް ރަށެއްގަ އެވެ.

މި ހިދުމަތާ ގުޅޭ ގޮތުން ބީއެމްއެލް ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރު އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވީ ކޭޝް އެޖެންޓް ހިދުމަތަކީ އަތޮޅުތަކުގައި ވަރަށް މަގްބޫލް ހިދުމަތެއް ކަމަށެވެ.

"ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ ހިދުމަތް މިއަދު ހުޅުދުއްފާރުގައި ފެއްޓޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ހާއްސަ އުފަލެއް. ކޮންމެ ރަށެއްގައި ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމް އެއް ގާއިމްކުރުމަކީ އެހާމެ ފައްސޭހަކަމެއް ނޫން. ނަމަވެސް ކޭޝް އެޖެންޓުން މެދުވެރިކޮށް މިދަނީ މިފަދަ އާބާދީ ކުޑަ ރަށްތަކުގައި ބޭންކިންގ ހިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދެމުން،" ޝަރީފު ވިދާޅުވި އެވެ.

ކުދި އާބާދީ ހިމެނޭ ރަށްތަކަށް ބޭންކިންގ ހިދުމަތް ދިނުމުގެ ގޮތުން ބޭންކުން ކޭޝް އެޖެންޓްގެ ހިދުމަތް ފައްޓާފައިވަނީ 2014 ވަނަ އަހަރުގަ އެވެ. ބޭންކްގެ ބްރާންޗެއް ނުވަތަ އޭޓީއެމް ނުހުންނަ ރަށްތަކުގައި ރީޓެއިލް ވިޔަފާރި ކުރާ ފަރާތްތަކާ އެކު ފެށުނު ފައިސާ ނެގުމުގެ ހިދުމަތް ވެގެން ގޮސްފައިވަނީ މި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ފައިދާކުރުވަނިވި ހިދުމަތެއްގެ ގޮތުގައެވެ. 2016 ވަނަ އަހަރު ބޭންކުންވަނީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޭޝް އެޖެންޓް ހިދުމަތް ގާއިމްކުރުމުގެ ލަނޑުދަނޑި ހާސިލްކޮށްފައެވެ. މިއަދު ބީއެމްއެލް އިން މި ހިދުމަތް ދެމުން އަންނަނީ 230 ކޭޝް އެޖެންޓުންނާއެކުގަ އެވެ.

ބީއެމްއެލްއިން ވަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ފުޅާކޮށްފަ އެވެ. ރާއްޖޭގެ 20 އަތޮޅުގައި 34 ބްރާންޗާއި 34 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދި 93 އޭޓީއެމްގެ އިތުރުން 4900 ޕީއޯއެސް މާޗަންޓުންނާއި 230 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.