ފެޝަން

ވިންޑޯ ޝޮޕިން: މާ ހިތްގައިމު ކަމެއް!

ބާޒާރު ކުރަން ދިއުން، މިހާރުގެ ބަހުންނަމަ "ޝޮޕިން" އަށް ދިއުމަކީ ބައެއް މީހުން އެންމެ ގަޔާވާ އެންމެ ހިތަށް ހަމަޖެހުން ލިބޭ ކަންތަކެވެ. ބައެއް މީހުން ބުނާ ގޮތުގައި އާ އެއްޗެއް، އާ ހެދުމެއް ނުވަތަ އެނޫންވެސް އެހެން އާ ޕްރޮޑަކްޓެއް ގަނެލެވުމުން ހިތަށް ވަރަށް ހަމަޖެހުން ވެސް ލިބޭނެ އެވެ.

ޝޮޕިންއަށް ދާ މީހުންގެ ތެރެއިން ބައެއް މީހުން އެއްދުވަސް ތެރޭގައި ގަންނަން ބޭނުންވާ ހުރިހާ އެެއްޗެއް ގަނެލާތަންވެސް ފެނެ އެވެ. އެއީ އެއްފަހަރާ ހުރިހާ ހިތްހަމެޖެހުމެއް ހޯދުމުގެ ބޭނުމުގައި ކަމަށްވެސް ވެދާނެ އެވެ. ނޫނީ އެއްބުރުން ގަންނަން ބޭނުންވާ ހުރިހާ އެއްޗެއް ގަނެ ނިންމާލަން ހިތްވަރު ކުރަނީ ކަމަށްވެސް ވެދާނެ އެވެ. އޭރަށް ފަސޭހަ ވެސް ވާނެތީ އެވެ.

މިގޮތަށް ޝޮޕިންކުރާ މީހުނާއި މުޅިން ތަފާތު ބައެއް ވެސް އުޅެ އެވެ. އެއީ "ވިންޑޯ ޝޮޕިން" ކުރާ މީހުނެވެ. މިއީ ވަރަށް ފާޑެއްގެ ބައެކެވެ. މި މީހުން ކުރާކަމަކީ އެއްޗެއް ގަތުމުގެ ކުރިން ފުރަތަމަ ބާޒާރުމައްޗަށް ގޮސް ފިހާރަތަކުގައި ހުރީ ކޯއްޗެއްތޯ ބަލައި ހާވަނީ އެވެ. އެއްޗެއް ގަންނަން ނިކުންނަނީ މިގޮތަށް ބެލުމަށްފަހު ދުވަހެއް ނޫނީ އެއަށްވުރެވެސް ގިނަ ދުވަސްތަކެއް ފަހުންނެވެ.

މިގޮތަށް ޝޮޕިން ކުރަނީ ކީއްވެތޯ މިކަންކުރާ ބައެއް މީހުނާއި ސުވާލު ކޮށްބަލާށެވެ. އެކި މީހުންގެ ފަރާތުން ލިބޭނީ ތަފާތު ޖަވާބުތަކެވެ.

އެންމެ ގިނަ ބަޔަކު ދޭނެ ޖަވާބަކީ އެއްޗެއް ގަތުމުގެ ކުރިން އެ އެއްޗެއް ގަތުމަށް ބޭނުންވާ ވަރަށް ފައިސާއެއް އެއްކުރަންޖެހޭތީ ބަލައިލަނީއޭ އެވެ. މާލެ ކަހަލަ ތަނެއްގައި ގޭގެ ކުއްޔަށް ބޮޑު ހަރަދެއް ކުރަންޖެހޭއިރު ފައިސާއަށް ބަލައިގެން ނޫނީ ކުއްލިއަކަށް ވިޔަފާރީ ކުރަން ދަތީކަމަށް ބުނާ މީހުން ވެސް އުޅެ އެވެ.

"މިހާރު އެއްޗެހި ވަރަށް އަގު ބޮޑު. އަދި ހާއްސަކޮށް ރަނގަޅު ފެންވަރެއްގެ އެއްޗެއްވެއްޖެއްޔާ ވަކިން އަގާ ކައިރިއެއް ނުވެވޭ. އެއްޗެއް ގަތުމުގެ ކުރިން އެބަޖެހޭ ބަލަން ފުރަތަމަ ޒަރޫރީ ބޭނުންތައް ފުއްދަން. އެކަމަށްވެސް ބޮޑު ހަރަދެއް އެބަދޭ. ގިނަ ފަހަރަށް ފައިސާ އެއްކޮށްގެން ވެސް އެއްޗެއް މި ގަނެވެނީ ދެ ތިން މަހު ފައިސާ އެއްކޮށްގެން. އެހެންވެ ގިނަ ފަހަރަށް ކޮށްލެވެނީ ވިންޑޯޝޮޕިން،" މީހަކު ބުންޏެވެ.

މިގޮތަށް ބާޒާރުކުރާ މީހުން ބައެއް ފަހަރު ބޭނުންވާ އެއްޗެއް އެކި ފިހާރަތަކުގައި ލިބެންހުރި އަގުތަކަށް ބަލާފަައި ގަންނަނީ އެންމެ އަގު ހެޔޮކޮށް ލިބެން ހުންނަ ފިހާރައަކުންނެވެ. "އެއް ރުފިޔާވެސް ހެޔޮވެއްޖެއްޔާ އެ ފިހާރައަކުން ގަންނަނީ. އެއް ރުފިޔާވެސް ހެޔޮވެއްޖެއްޔާ ވަރަށް ބޮޑު އެއްޗެއް އެ ސަލާމަތް ވަނީ އަހަރެން ދެކޭ ގޮތުގައި." ފިހާރައެއްގެ ތެރޭގައި އުޅުނު މީހަކު ބުންޏެވެ.

މާކެޓުގައި މިހާރު އެންމެ "ޓްރެންޑް" ވާ އެއްޗިހި ބަލައިލަން ދާ މީހުންވެސް އުޅެ އެވެ. ޒަމާނާ އެއްގޮތަށް ލައިފްސްޓައިލް ބަދަލު ކޮށްލުމަށް މިގޮތަށް ވިންޑޯ ޝޮޕިން ކޮށްލުމުން ފަސޭހަ ވާކަމަށް ބައެއް މީހުން ބުންޏެވެ.

މާލޭގައި ތިން ފިހާރަ ހިންގާ ވިޔަފާރީވެރިޔަކު ބުނި ގޮތުގައި ފިހާރައަށް އެއްޗެހި ގަންނަން އަންނަ މީހުނަށްވުރެ ވިންޑޯ ޝޮޕިން ކުރަން އަންނަ މީހުން ގިނަ އެވެ.

"ފިހާރައަށް މީހުން ވަންނަވަރާއި ބަލާފައި ސޭލްސް ދަށް. ގިނަ މީހުން އަންނަނީ އެއްޗެހި ބަލާލަން. އަގު އުޅެނީ ކިހާވަރެއްގަތޯ އާ އެކަހަލަ ކަމެއްގަ އަންނަނީ ގިނައިން. އެކަމަކު ބައެއް ފަހަރު ފެނޭ ދުވަސްކޮޅެއް ކޮށްލާފަ ހަމަ އެ ގަންނަ އަންނަތަން ވެސް." އޭނާ ބުންޏެވެ.

ބައެއް މީހުންގެ ފަރާތުން ހެއްވާ ޖަވާބުތަކެއްވެސް ލިބެ އެވެ.

ފޫހި ފިލުވަން ވިންޑޯ ޝޮޕިންކުރާ މީހުންވެސް އުޅެ އެވެ: "އަހަރެން ކޮންމެހެން ދަނީ އެއްޗެއް ގަންނަ ބޭނުންވެގެނެއް ނޫން. ހަމަ ބަލަލާ ހިތުން އަމިއްލަ ހިތްހަމަޖެހުމެއް ހޯދުމަށް. ދެން ބައެއް ފަހަރު މަގުމަތިން އެހެންދާއިރު ރީތި އެއްޗެއް ފެނުނީމަ ބަލާލަން ވަދެލަނީ ގަންނަ ބޭނުން ނުވިޔަސް." ޒުވާން އަންހެން ކުއްޖަކު ބުންޏެވެ.

"ބައެއް އެއްޗެހި ހުރޭ ވަރަށް އަގުބޮޑު އެއްޗެހި. އެނގޭ މިއިން ޒަމާނަކު ނުގަނެވޭނެކަން. ނުގަނެވުނަސް އެ އެއްޗެހީގައި އަތްލަން ފުރުސަތެއް ލިބުމުން ހިތްހަމަޖެހުމެއް ލިބޭ." ދޯ ދެމުން އެ އަންހެން ކުއްޖާ ބުންޏެވެ.

ދެން އުޅެނީ އަދި މުޅިން ތަފާތު ވިންޑޯ ޝޮޕިންއެއް ކުރާ ބައެކެވެ. މި މީހުން ފިހާރަތަކަށް ވަންނަނީ ފިހާރާގައި ހުންނަ އެއްޗެހި ބަލާލަން ކަމަށް ހެދިގެންނެވެ. އެކަމަކު ނިޔަތަކީ އޭސީ ކޮށްފައި ހުންނަ ފިހާރައިން ފިނިކޮށްލުމެވެ.

"މަގުމަތީ މިހެން އުޅޭއިރު ހޫނުވެގެން ކެތް ނުވީމަ ބައެއް ފަހަރު ވަދެލަން ފިހާރައަކަށް ފިނިކޮށްލަން. ދެން ފިހާރައަކަށް ވަދެފައި ފިނިކޮށްލާށޭ ކިޔާފައި ހުންނާކަށް ނުކެރޭނެތާ. ދެން ފިހާރައެއްގައި ހުންނަ އެއްޗެހި ބަލާލަނީ." ޒުވާން އުމުރުގެ އަންހެނަކު ބުންޏެވެ. މާލެ ކަހަލަ ހޫނުތަނެއްގައި މިވެސް ވެދާނެ ކަންކަމެވެ.

ވިންޑޯ ޝޮޕިން ނުކުރާ މީހުންގެ ޖަވާބެއް ވެސް އެބަ އޮތެވެ. އެމީހުން ބުނަނީ މިއީ ވަރަށް ގިނަ ވަގުތު ބޭކާރުވެގެންދާ ކަމެއް ކަމަށެވެ. މިގޮތަށް ބާޒާރު ކުރަން ވެއްޖެނަމަ ދެ ދުވަހަކު އެކަމަށް ވަގުތު ހުސްކުރަންޖެހޭނެ ކަމަށް އެމީހުން ބުނެ އެވެ. އޭގެ ބަދަލުގައި އެއް ދުވަސްތެރޭ ޝޮޕިން ނިންމާލުން މާ ރަނގަޅުވާނެކަމަށް އެމީހުން ދެކެ އެވެ.

ވިންޑޯ ޝޮޕިންއަކީ ވަގުތު ދާނެ ކަމަކާމެދު ދެ ބަސްވެވޭކަށް ނެތެވެ. އެކަމަކު ގަންނަ އެއްޗަކީ ރަނގަޅު ފެންވަރެއްގެ އެއްޗެއްތޯ އާއި މާލެ ކަހަލަ ތަނެއްގައި އަގަށް ބަލާފައި އެއްޗެހި ގަންނަ މީހުނަށް ވިންޑޯ ޝޮޕިން އަކީ ފައިދާވާނެ ކަމެކެވެ.