ވިޔަފާރި

ބީއެމްއެލް އިން އައްޑޫ ނަސްރިއްޔާ ސްކޫލަށް އެހީވެއްޖެ

Feb 17, 2018

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައްޑޫ، ހުޅުމީދޫ، ނަސްރިއްޔާ ޕްރީ-ސްކޫލަށް ބޮޑު ހަދިޔާއެއް ދީފި އެވެ.

ބީއެމްއެލްގެ "އަހަރެންގެ ބޭންކް- ދިވެހިންގެ ބޭންކް" މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ނަސްރިއްޔާ ޕްރީ-ސްކޫލަށް ލެޕްޓޮޕާއި ޕްރޮޖެކްޓަރު ހަދިޔާ ކުރުމުގެ އިތުރުން ހުޅުމީދޫ ހެރިޓޭޖް އޭރިޔާ ވަނީ ކުލަލައި ޒީނަތްތެރިކޮށްފަ އެވެ.

"އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން މިހާތަނަށް ވަނީ މުޖުތަމައަށް ފައިދާ ހުރި ގިނަ ހިދުމަތްތަކެއް ކޮށްފަ އެވެ. މީގެތެރޭގައި "އިންޓަގްރާމް ޗެލެންޖަކާއި" ކޮންމެ އަތޮޅެއްގައި އިޖުތިމާއި ޒިންމާގެ ހަރަކާތެއް ހިންގުމުގެ އިތުރުން ބާސްކެޓް ކޯޓެއް ހުޅުވުމާއި "ލައިފް ސްޓައިލް ލޯނު" ތައާރަފު ކުރުން ހިމެނެ އެވެ. މީގެ އިތުރުން އިންޓަނެޓު ބޭންކިންގެ ހިދުމަތަށް އިތުރު ފަސޭހަތައް ގެނެސް ދިނުމާއި ވިލިމާލޭގެ ބީއެމްއެލް ބްރާންޗު ވަރުގަދަ ކުރުން އަދި މާލީ ދާއިރާއަށް ސްކޫލް ކުދިން ހޭލުންތެރި ކުރުވުންވެސް ހިމެނެ އެވެ.

ބީއެމްއެލްގެ އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކަށް މިދިޔަ އަހަރު 300 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި މި އަހަރު ވެސް މި އަދަދު ހޭދަކުރާނެ ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.