ބޮލީވުޑް

ބަންސާލީގެ ދެ ފިލްމެއް ޝާހްރުކް ދޫކޮށްލައިފި

ސުޕަސްޓާ ޝާހްރުކް ޚާން ވަނީ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ 2002 ވަނަ އަހަރު ނިކުތް ކާމިޔާބު ފިލްމު "ދޭވްދާސް" ކުޅެފަ އެވެ. އޭގެފަހުން ބަންސާގެ ފިލްމަކުން ޝާހްރުކް ފެންނާނެ އިރެއްގެ އިންތިޒާރު އޭނާގެ ފޭނުންކުރަމުން އަންނަތާ އެތަކެއް އަހަރެއްވެއްޖެ އެވެ.

ބަންސާލީގެ ދެ ފިލްމަކުން ހުށަހެޅުން ލިބިފައިވާ ކަމަށް ޝާހްރުކް މިިދިޔަ އަހަރުގެ ތެރޭގައި ބުނުމުން އޭނާގެ ފޭނުން އުންމީދުކުރަމުން އައިީ އޭގެ ތެރެއިން އެއް ފިލްމަކުން ވިޔަސް ޝާހްރުކް ފެނިގެންދާނެ ކަމަށެވެ.

ނަމަވެސް ބަންސާލީ އެތަކެއް ފަހަރު ބައްދަލުކޮށް ފިލްމާ ބެހޭގޮތުން ވާހަކަދައްކާފައި ވަނިކޮށް ވެސް ޝާހްރުކް ވަނީ އެ ދެ ފިލްމު ވެސް ނުކުޅެ ދޫކޮށްލާފަ އެވެ. އެ ދެ ފިލްމު ޝާހްރުކް ދޫކޮށްލީ ކޮން ސަބަބަކާ ހުރެ ކަމެއް އެނގިފައެއްނުވެ އެވެ.

"ޕަދްމާވަތު" ގެ ކާމިޔާބާ އެކު ބަންސާލީ ދެން ވެސް އުފައްދަން ނިންމާފައިވަނީ ތާރީހީ ލޯބީގެ ފިލްމެކެވެ. އަދި އެ ފިލްމުގައި އަލާއުއްދީން ޚިލްޖީގެ ރޯލު ކުޅެން އެންމެ ފުރަތަމަ ހުށަހަޅީ ވެސް ޝާހްރުކަށެވެ. ނަމަވެސް އެ ފަހަރު ވެސް އޭނާ ވަނީ އެ ރޯލު ދޫކޮށްލާފަ އެވެ.

ޝާހްރުކް މިހާރު ކުޅެމުން އަންނަނީ ޑައިރެކްޓަރު އާނަންދް އެލް ރާއީގެ "ޒީރޯ" އެވެ. ބަތަލާއިންގެ ރޯލުން ކެޓްރީނާ ކައިފް އާއި އަނުޝްކާ ޝަރްމާ ފެނިގެންދާ އެ ފިލްމުގައި ޝާހްރުކް ކުޅެނީ ޑްވާފެއްގެ ރޯލެވެ.

އެ ފިލްމަށްފަހު ޝާހްރުކް ކުޅޭނެ ފިލްމެއް އަދި ނުނިންމަ އެވެ. އޭނާ އަށް ހުށަހެޅުން ލިބިފައިވާ ފިލްމުތަކުގެ ތެރޭގައި ރާކޭޝް ޝަރްމާގެ ބައޮޕިކް ހިމެނެ އެވެ. ނަމަވެސް "ޒީރޯ" އަށް ފަހު ކުޅޭނެ ފިލްމެެއް ޝާހްރުކް އަދި އިއުލާނެއް ނުކުރެ އެވެ.