ކުޅިވަރު

ބާސާގައި ގާޑިއޯލާ ހެދި ރެކޯޑާ ވަލްވެރުޑޭ ހަމަކޮށްފި

އެއިބާއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ބާސެލޯނާގައި އެ ޓީމުގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ ހެދި ލީގްގައި ބަލި ނުވުމުގެ ރެކޯޑާ، މިހާރުގެ ކޯޗް އެރުނަސްޓޭ ވަލްވެރުޑޭ އަރާ ހަމަ ކޮށްފި އެވެ.

މެންޗެސްޓާ ސިޓީއަށް މިހާރު ކޯޗު ކޮށްދޭ ގާޑިއޯލާ ބާސާގައި ހޭދަ ކުރި ތިން ސީޒަންގެ ތެރެއިން 2010/2011 ސީޒްންގައި އޭނާ ވަނީ ސްޕެނިޝް ލީގްގައި ތިން ވަނަ މެޗުން ފެށިގެން 22 ވަނަ މެޗާ ހަމަޔަށް ބަލި ނުވެ ކުރިއަށް ގެންގޮސްފަ އެވެ.

މި ރެކޯޑް ވަލްވެރުޑޭ ހުރެގެން ހަމަހަމަ ކުރި ނަމަވެސް ރެކޯޑްގައި ބާސާއަށް އެންމެ ފަހުން ކޯޗު ކޮށްދިން ލުއިސް އެންރީކޭގެ ހިއްސާއެއް ވެސް އެބައޮތެވެ. މިދިޔަ ސީޒްންގައި ލީގްގައި ބާސާ އެންމެ ފަހުން ކުޅުނު ހަތް މެޗުން އެޓީމު ބަލިވެފައި ނުވުމުން ކުރިން އޮތް ރެކޮޑާ ހަމަހަމަ ކުރެވުނީ އެ ހަތް މެޗުވެސް ހިމަނައިގެންނެވެ.

ވަލްވެރުޑޭ ކޯޗު ކަމުގެ ދަށުގައި ބާސާއިން ލީގްގެ އެއްވެސް މެޗަކުން އަދި މިހާތަނަށް ބަލިވެފައެއް ނުވެ އެވެ. ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ސްޕެނިޝް ސްޕަކަޕްގެ ދެ ލެގްގެ މެޗަށް ފަހު މި ސީޒަންގައި ބާސާ ބަލިވީ އެންމެ މެޗަކުންނެވެ. އެއީ ސްޕެނިޝް ކަޕްގެ ކްއާޓާ ފައިނަލުގައި ވާދަ ވެރި އެސްޕަންޔޯލްއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގް މެޗުގަ އެވެ.

ރޭގެ މެޗުގައި ބާސާގެ ލަނޑުތައް ކާމިޔާބު ކުރީ، ލުއިސް ސުއަރޭޒް އަދި ޖޯޑީ އަލްބާއެވެ. މެޗުގެ 60 ވަނަ މިނެޓުން ފެށިގެން އެއިބާއިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދު ކޮށެވެ. އެއީ އެ ޓީމުގެ ފަބިއަން އޮރެޔާނޯއަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.

ކުލަބުގެ ރެކޯޑަށް ފަހު ބާސާއަށް އޮތީ ވަރުގަދަ މެޗެކެވެ. ޗެމްޕިއަންސް ލީގްގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު އޮންނާނީ އަންނަ ބުދަ ދުވަހު ޗެލްސީގެ ދަނޑު ސްޓެމްފޯޑް ބްރިޖްގަ އެވެ.