ހަޑާސް ފީލްޑް ޓައުންގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، އިނގިރޭސި އެފްއޭ ކަޕްގެ ކްއާޓާ ފައިނަލަށް މެންޗެސްޓާ ޔުނައިޓަޑް ދަތުރު ކޮށްފި އެވެ.
ކްއާޓާގައި ޔުނައިޓަޑާ ދެކޮޅަށް ނިކުންނާނީ ކޮވެންޓްރީ ސިޓީ ބަލިކޮށް ކްއާޓާގެ ޖާގަ ހޯދި ބްރައިޓޮން އެންޑް ހޯވް އެލްބިއޯން އެވެ.
ޔުނައިޓަޑާއި ބްރައިޓޮން އަކީ، އެފްއޭކަޕްގެ 1983 ވަނަ އަހަރުގެ ފައިނަލުގައި ކުޅުނު ދެ ޓީމެވެ. މީގެ 35 އަހަރު ކުރިން ކުޅުނު ފައިނަލު މެޗު 2-2 ގެ ނަތީޖާއިން އެއްވަރުވުމުން، ނަތީޖާ ނެރުމަށް ޖެހުނީ އެހެން ދުވަހަކަށް މެޗު ތާވަލުކޮށް މެޗު އަލުން ކުޅޭށެވެ.
ފައިނަލުގެ ދެ ވަނަ މެޗު މެންޗެސްޓާ ޔުނައިޓަޑް ކާމިޔާބު ކުރީ 4-0 ންނެވެ. މިއަންނަ މަހު 16 ވަނަ ދުވަހު ކުޅޭ ކުއާޓާ ފައިނަލު މެޗަކީ، އޭގެފަހުން ބްރައިޓޮން އާއި ޔުނައިޓަޑް އެފްއޭކަޕްގެ ފައިނަލު ސްޓޭޖެއްގައި ކުޅޭ ފުރަތަމަ މެޗެވެ. އެހެންވެ އިނގިރޭސި މީޑިއާތަކުން ކުރިއަށް އޮތް މެޗު ސިފަ ކޮށްފައި ވަނީ 1983 ވަނަ އަހަރުގެ ފައިނަލުގެ ތިން ވަނަ މެޗުގެ ގޮތުގައެވެ.
ހަޑާސްފީލްޑް ޓައުންއާ ދެކޮޅަށް ޔުނައިޓަޑްގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ، ލުކާކޫ އެވެ. ނަމަވެސް ހުއާން މާޓާވެސް ގޯލް ޖެހި އެވެ. ނަމަވެސް ސުވާލު އުފެދިގެން ދިޔަ ކަންތައްތަކާއެކު ވީއޭއާރުން ނިންމީ ބޯޅައަށް ހަރަކާތް ކުރި އިރު ހުއާން މާޓާ ހުރީ އޮފްސައިޑްގައި ކަަމަށެވެ.
ކޮވެންޓްރީ ސިޓީއާ ދެކޮޅަށް ބްރައިޓޮން ކުޅުނު މެޗު ކާމިޔާބު ކުރީ 3-1 ންނެވެ. ބްރައިޓޮންގެ ލަނޑުތައް ކާމިޔާބު ކުރީ ޔާގަން ލޮކޭޑިއާ، ކޯނާ ގޯލްޑްސަން އަދި ލިއަނާޑޯ އުޔޯއާ އެވެ. ކޮވެންޓްރީގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ޖޯންސަން ކްލާކް ހާރިސް އެވެ.
މިއީ 1986 ގެ ފަހުން ބްރައިޓޮން އެފްއޭކަޕްގެ ފައިނަލު ސްޓޭޖަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ.
އިނގިރޭސި އެފްއޭކަޕްގެ ކްއާޓާ ފައިނަލު މެޗުތައް
ލެސްޓާ ސިޓީ - ޗެލްސީ
މެންޗެސްޓާ ޔުނައިޓަޑް - ބްރައިޓޮން
ޝެފީލްޑް ވެނިސްޑޭ ނުވަތަ ސްވަންސީ - ރޮޗްޑޭލް ނުވަތަ މެންޗެސްޓާ ޔުނައިޓަޑް
ވިގަން އެތުލެޓިކް ނުވަތަ މެންޗެސްޓާ ސިޓީ - ސައުތުހެމްޓަން