ވާހަކަ

ބުނެދޭށޭރުހެމޭ

(15 ފެބްރުއަރީ 2018 އާ ގުޅޭ)

ލަސްކޮށްލެވިފައިވާ މަންޒަރެއް ފަދައިން ހިނިތުންވެލާއިރު ކީފާގެ ތުންފަތް ދެ މިލާ ގޮތާއި ވާހަކައިގައި އިރުއިރު ކޮޅާ ދެ ލޯ ބޮޑުކޮއްލާ ދެބުމަ ހިއްލާލާ ގޮތާއި ބޯއަރިކޮށްލާ ފަހަތަށް އައްސާލާފައި އޮތް އިސްތަށިގަނޑު ކުރިމައްޗަށް ކޮނޑުމަތިން ގެނެސް ކުޅެލާ ގޮތް ރާދިން ބަލަން އިނެވެ. ނަމަވެސް އެ މޫނުން ފެންނަނީ މާޔޫސްކަމެވެ.

އަތުން ދޫވާން އުޅުނު ފޯނާއެކު ރާދިންއަށް ހަމަހޭވެރިކަން ލިބުނެވެ. ކަނާތު ފައި ކުރިއަށް ދަމާލާފައި ޖީންސުގެ ޖީބަށް ފޯނު ކޮއްޕާލިއެވެ.

"ކީއްވެފަ ތި އިންނަނީ؟ ކޮފީ ހިހޫ ވެދާނެ" ކީފާގެ އަޑަށް ރާދިން ބަލާލިއެވެ. އޭނާ ވާހަކަދެއްކީ ރާދިންއަކާ ނޫނެވެ. އަރްސަލް ސައިބޯން ނޫޅެ އިންނާތީ އެކަމާ ގުޅުވާފައެވެ.

"މި ގަޑީގައި ކޮފީ ބޯހިތެއްނެތް؟" އަރްސަލް ބުނެލިއެވެ.

"އެކަމަކު ތީ ހުރިހާ ގަޑިއެއްގަ ވެސް ކޮފީ ބޯ މީހެއްނު... ހެދިކާއެއްގަ ވެސް އަތްނުލާންތަ ތި އިންނަނީ. އަހަރެން މި އައީ އެންމެން އެކުގައި ސައިބޯންވެގެން" ކޮފީ ޖޯޑު ނަގާ އަރްސަލްއަށް ކީފާ ދިއްކޮއްލިއެވެ.

"އަހަރެން ބުނިންތަ ކޮފީ ބޯން ބޭނުމޭ. ކީފާ ސައިބޯން ބޭނުންވީމަ ދޯ އެއްޗެހި ހިފައިގެން އައީ" އަރްސަލްގެ އަޑުގައި ހުރި ދުރުކަން ކީފާއަށް އިހުސާސް ކުރެވި އޭނާ އިނީ އަޖައިބުވެފައެވެ. އެއްޗެއް ނުބުނެ ކޮފީ ޖޯޑު ދިއްކޮށްލައިގެން އިންނަން ފެށުމުން އަރްސަލް އޭނާގެ އަތުން އެ ޖޯޑު ނެގިއެވެ. އަދި ކުރިމަތީ ހުރި ބިއްލޫރި މޭޒުމަތީ ޖޯޑު ބަހައްޓާފައި އޭނާ ތެދުވިއެވެ.

"އަރްސަލް ބުނެގެންނެއްނޫނޭ އަހަރެން ހުރިހާ ކަމެއް ކުރަނީ... ތިހާ ރޫޑް ނުވިޔަސް ވެދާނެ ދޯ. އެކުވެރިއަކަށް މިވަރުކަމެއް ވެސް ނުކޮށްދެވޭނެތަ؟ އަހަރެން ބުނީމެއްނު އަހަރެން އަރްސަލްގެ ގާތުގައި ހުންނާނަމޭ" އަރްސަލް ފުރަގަސްދީ ހިނގައިގަންނަން އުޅުމާއެކު ކީފާ އަވަސް އަވަހަށް ބުނެލިއެވެ.

"އަރްސަލް..." މަޑުމައިތިރި ގޮތަކަށް ރާދިން ގޮވާލިއެވެ.

"އަހަރެން މި ގަޑީގައި ސައިބޯ ހިތް ނެތީމައޭ މި ބުނީ. ކުރަން ބޭނުންނުވާ ކަމެއް ގަދަކަމުން ކުރުވަން އަހަރެން މީ ކުޑަކުއްޖެއްތަ؟ ބަނޑުހައިވީމަ އަހަރެން ކާނަން. ކޮފީ ބޯހިތްވީމަ ކޮފީ ވެސް ބޯނަން. ރާދުއާއި ކީފާ ސައިބޯންވީނު... އަހަރެން ތި ދެ މީހުން ނުހިފާޓަމެންނު. އެހެންނޫނަސް އަހަރެންގެ އަނގަޔަކުން ނޫންދޯ ތި ދެ މީހުން ކާނީ" އަރްސަލް އެނބުރި ރާދިންއާއި ކީފާއަށް ބަލަމުން ބުނެލިއެވެ.

"އޯކޭ މިސްޓަރ..." އަރްސަލްއާ ދިމާއަށް ތުންއަނބުރާލާފައި ކީފާ ބުނެލިއެވެ. ރާދިން ބަހެއް ނުބުނެ އިނީއެވެ. އަރްސަލް ފުންނޭވާއެއް ދޫކޮށްލަމުން ސިޓިންރޫމުން ނުކުމެވެން ހުރި ބެލްކަންޏާ ދިމާއަށް ދިޔައެވެ.

"އިޒް ހީ ގޮއިން ޓު ބީ އޯކޭ" އަރްސަލް ބެލްކަންޏަށް ނުކުތުމާއެކު ރާދިންއަށް ބަލާލާފައި ކީފާ ވާހަކަދެއްކީ ތަންކޮޅެއް މަޑުންނެވެ.

"ވަގުތާއެކު ހުރިހާ ކަމެއް ބަދަލުވާނެ. ހީ ވިލް ސަވައިވް... ޑޯންޓް ވޮރީ" ރާދިން ހިނިތުންވުމެއް ބަދަލުކޮއްލިއެވެ.

"ސަވައިވްވާކަށް ނޫން އަހަރެން ބޭނުންވަނީ. އަހަރެން ބޭނުންވަނީ އަލުން ދިރިއުޅުންދެކެ ލޯބިވާ މީހަކަށް އަރްސަލްވާން. ދިރި ހުރީތީ ދުނިޔޭގައި އުޅެ ހަޔާތުން ދުވަސްތަކެއް ބޭކާރުކޮއްލުމަކީ މޮޔައިން ކުރާ ކަމެއް" ބެލްކަނީގެ ފާރުބުރީގައި ދެއަތް އަޅުވާލައިގެން ފުރަގަސްދީގެން ހުރި އަރްސަލްއަށް ބަލާލާފައި ކީފާ ބުންޏެވެ.

"ކީފާ ކީއްވެތަ ދިރިއުޅުމެއް ނުފަށާ ތި ހުންނަނީ؟" އިރުކޮޅަކު ވިސްނަން އިނދެފައި ރާދިން އަހާލިއެވެ.

"ރާދިން ވެސް ދިރިއުޅުމެއް ނުފަށަމެއްނު؟" ހީނލާފައި ކީފާ ބުނެލިއެވެ.

"އަހަރެން.... މިހާރު ދެން އެކަމާ ވެސް އުޅެންވީ. ކީފާ ކަހަލަ ކުއްޖަކު ނުލިބެގެން... ކީފާ ހުސްކޮއް ހުރިއްޔާ މަށާ ގުޅެންވީނު" ރާދިން ކުރި ސަމާސާއާއެކު ކީފާ ހޭންފެށިއެވެ.

"އަދިވެސް ތިގޮތް ބަދަލުނުވޭ ދޯ. ވިސްނާލަން ޖެހޭނީ... މިހާރު އޭރަށްވުރެ ހެންޑްސަމް... ޚާއްޞަކޮށް ބިއާޑް ލާފަ ހުރީމަ ވަރަށް މެޗުއާހެން ހީވޭ... ރާދު! އަހަރެން ހިތައް އަރާ އަލުން އެނބުރި އެ ދުވަސްތަކަށް ދެވޭނެނަމައޭ" ކީފާގެ ހިނިތުންވުން މަޑުމަޑުން ފިލައިގެން ދިޔައެވެ. އޭނާ އެ ބުނަނީ އެ ތިންމީހުން އެކުގައި އުޅުނު ދުވަސްތަކުގެ ވާހަކަކަން ރާދިންއަށް އެނގެއެވެ.

"ކީއްކުރަންތަ ޕާސްޓަށް ދަނީ؟ އެއީ ވެ ނިމިފަ އޮތްކަމެއްނު. މިހާރު ދެންވީ ފިއުޗާއާ މެދު ވިސްނަން. އަހަރެން ބޭނުމެއްނޫން ފަހަތަށް ދާކަށް" ރާދިން ހެދިކާ ތަށިން ހަނޑުލުގުޅައެއް ނަގައި އަނގަޔަށް ލައިގެން އިނދެ ވާހަކަދެއްކިއެވެ.

"ތޭންކްސް ރާދު!... ކިޔަވާ ނިންމާފައި މާލެ އައި ފަހުން ތި ދެ މީހުންނާ ވެސް ދުރުވި މީހަކީ އަހަރެން. އަރްސަލް ބުނީ ތެދެއް. އަހަރެމެންގެ އެކުވެރިކަން އަބަދުވެސް ދަމަހައްޓާނަންކަމަށް އޭރު ވާހަކަދެއްކިން. އަހަރެމެން މީހުންނާ އިނދެ ކުދީން ލިބުނަސް މި އެކުވެރިކަމަށް ބަދަލެއް ނާންނޭކަމުގައި ހީކުރީ. އެކަމަކު އެ އެކުވެރިކަން ހަނދާންނައްތާލި މީހަކީ އަހަރެން. އެނީވޭޒް... ރާދު ބުނީ ތެދެއް... މާޒީއަށް ދިއުމަށްވުރެ މުސްތަޤުބަލާ ކުރިމަތިލުން މާ ރަނގަޅުވާނެ. ދިރިއުޅުން އަހަންނަށް ދެވަނަ ފުރުޞަތެއް ދިނީހެން ހީވަނީ... ރާދުގެ ނުގުޅިނަމަ އަހަންނަށް..." ކީފާގެ ސިކުނޑީގައި އެތައް ޚިޔާލުތަކެއް އެނބުރެމުންދިޔައެވެ. އޭނާގެ ހިތުގައި ކޮންމެވެސް ކަމެއް ފޮރުވާކަން ރާދިންއަށް އެނގެއެވެ. ވާހަކަ ފުރިހަމަ ނުކޮށް ހިމޭންވެލުމާއެކު ކީފާގެ ތުންފަތަށް ވެރިވި ފަނޑު ހިނިތުންވުން ރާދިންއަށް ފާހަގަވިއެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ކީފާގެ އަމިއްލަ ހިތުގެ އެދުން އޭނާ ފޮރުވާލީހެން ރާދިންއަށް ހީވިއެވެ.

ރާދިން ގަދަކަމުން ކަހަލަ ގޮތަކަށް އަރްސަލް ގޮވައިގެން ގެއިން ނުކުތީ ނަމާދަށް ދާށެވެ. މަޣުރިބު ނަމާދަށް ދިޔަ މީހުން އައީ އިޝާ ނަމާދު ވެސް ކޮއްގެންނެވެ. ރޭގަނޑު ކެއުން ކީފާ ގެނައީ ބޭރުން އޯޑަރު ކޮށްގެންނެވެ. އަށެއްޖެހިއިރު ކާމޭޒު ދޮށުގައި ތިން މީހުން ތިބީ ކާށެވެ. އޭރު ސިޓިންރޫމުގައި ހުޅުވާފައި ހުރި ޓީވީގެ އަޑު ވެސް ތިން މީހުންގެ އަޑާއެކުވެފައި ވެއެވެ. ހަވީރު ސައިނުބުއި ކަމުގައި ވިޔަސް އަރްސަލް ރޭގަނޑު ކެއެވެ. ކީފާއާއި ރާދިންގެ ވާހަކަތަކުގައި އޭނާ ބައިވެރިވިއެވެ. ކައި ނިންމާފައި ތަށިތައް ނެގީ ވެސް ކީފާއެވެ.

ރޭގަނޑު ދިހައެއް ޖަހަން ކައިރިވެފައި ހުއްޓާ އަރްސަލް އެދުނީ ބޭރަށް ނުކުމެލާށެވެ. ކީފާ ގެއަށް ދާނޭ އިރެއް އަހަން ބޭނުންނުވާތީ އޭނާގެ މަޤުޞަދަކަށްވީ އެހެން ނާހާ ކީފާ ގެއަށް ފޮނުވާލުމެވެ. ރާދިން ގާތު ބުނެގެން ކާރުގައި ތިން މީހުން ނުކުތެވެ. ކާރު ދުއްވަން ރާދިން އިންއިރު އޭނާއާ ޖެހިގެން އަރްސަލް އިނެވެ. ކީފާ އިނީ ފަހަތުގައެވެ.

"ކީފާ ގެއަށް ލާފައި ދޯ އަހަރެމެން ދާނީ" އަރްސަލް ބުނެލިއެވެ. ރާދިން ބަލާލީ ފަހަތުގައި އިން ކީފާއަށެވެ. ކީފާ މައްސަލައެއްނެތް ކަމަށް ބުނެލިއެވެ.

ކާރު ދުއްވަމުންދިޔައިރު ރާދިން އިނީ ސަމާލުވެގެންނެވެ. ލޫންގެ އެކްސިޑެންޓް ހިނގި މަގަށް އޭނާ ކާރުގައި ނުނިކުތުމަށެވެ. އެހެންވެ އެ މަގު ނޫން އެހެން މަގުތަކުގައި ކާރު ދުއްވާފައި އައިސް ކީފާ އުޅޭ ފްލެޓް ކައިރިއަށް މަޑުކުރިއެވެ.

"މާދަން ފްރައިޑޭއެއްނު... ރާދުއާ ދެ މީހުން އަންނަންވީނު މެންދުރު މިގެއަށް. އަހަންނާ ބައްޕައާ ދެ މީހުންނޭ އުޅޭނީ. ކޮއްކޮ ވެސް މި ދުވަސްކޮޅު ވީ ލަންކާގައި" ކާރުން ފޭބުމުގެ ކުރީން ކީފާ ބުނެލިއެވެ. ރާދިން ބަލާލީ އަރްސަލްގެ ޖަވާބަކަށެވެ.

"މާދަންވީމަ އަދި އެނގޭނީ" އަރްސަލް ބުނެލިއެވެ.

"އަހަރެން ގުޅާނަން. ފޯނު ނަގާތި" ކީފާ ބުނެލިއެވެ.

"ގެއަށްތަ؟" ކީފާ ނުކުމެ ކާރުގެ ދޮރުފަތް ލައްޕާލުމާއެކު ރާދިން ސުވާލުކުރީ އަރްސަލްއާއެވެ.

"ކީކޭ އާނިމް ބުނީ" އަރްސަލް އެހިއެވެ.

"ގެއަށް ގޮސް އެ ވާހަކަދައްކާނީ" ރާދިން ނިކަން އަވަހަށް ބުނެލިއެވެ. އަދި ކާރު ދުއްވާލިއެވެ. ޢާއްމުކޮށް ދުއްވާ ވަރަށް ވުރެ ބާރަށް ރާދިން ކާރުގައި އައިސް އެ މީހުން އުޅޭ ގޭ ކައިރިއަށް މަޑުކުރިއެވެ. ކާރު ޕާކުކޮށްފައި ފޭބުމާއެކު ކާރު ތަޅުލިއެވެ. އަދި ގޭޓު ހުޅުވާލާ ހިމަމަގުން ލާފައި އައިސް އިމާރާތުގެ ތެރެއަށް ވަދެވެން ހުރި ދޮރުހުޅުވާލިއެވެ. ދެ މީހުން ސިޑިން އަރައިގެން އައިސް އެ މީހުންގެ އެޕާޓްމެންޓުގެ ދޮރުހުޅުވީ ރާދިންއެވެ.

އައިސް އަލަމާރިން ފެންފުޅިއެއް ނަގައިގެން އައިސް ސޯފާގައި އިށީނދެ ފެންކޯވަރެއް ރާދިން ބޯލިއެވެ. ކެތްތެރިކަން ކުޑަވެފައި އިން އަރްސަލް ދެބުމަ ހިއްލާލާ ބޮލުން އިޝާރާތްކޮއްލީ އޭނާ އަހަން ބޭނުންވެފައި އިން ވާހަކަ ރާދިން ފަށާށޭ ބުނާ ފަދައިންނެވެ. ފުންނޭވާއެއް ލާފައި ރާދިން ފެށިއެވެ.

"އެއީ ކޮންކަހަލަ ބައެއްކަމެއް ނޭނގޭ. ބޭންކަށް ވަރަށް ދަރާފައި އޮތްކަން އެނގެނީ. އެ އަންހެންކުއްޖާއަށް ކިޔަނީ ނިމްރާ. އާނިމް ފޮނުވި އެޑްރެސް ވެސް. މިހާރު އޭނާ އުޅޭ އެޑްރެސް ކަމަށްބުނީ. ކުރީން އޭނާ އުޅުނީ އޭނާ ރަޖިސްޓްރީވެފައި އޮތް ގޭގަކަމަށްވަނީ. މާބޮޑަކަށް ވެގެން އުޅޭ ގޮތެއް ނޭނގެއޭ އާނިމް ބުނީ. ފުލުހުންގެ އަތުގައި އެ އަންހެންކުއްޖާއާ ބެހޭ ރިޕޯޓެއް ނެތްކަމަށްވަނީ. އެކަމަކު އޭނާގެ ޢައިލާ މީހަކު ކޮންމެވެސް ހާދަސާއެއްގައި މަރުވިކަމުގެ ރިޕޯޓެއް ފެނުނުކަމަށް ބުނި. އެއީ ވަރަށް ކުރީގެ ކަމެއް." ރާދިން ވާހަކަދައްކަމުން ދިޔައީ ވަރަށް ވިސްނައިގެން އިނދެއެވެ. އޭނާއަށް އަރްސަލްގެ މޫނުން ފެންނަނީ ސީރިއަސްކަމެވެ.

"އެމެޖެންސީ ކޮންޓެކްޓުގެ ގޮތުގައި އާނިމްމެން އަތުގައި އޮތް ނަންބަރު ވެސް ފޮނުވާފައި އޮތީ. ޕާސަނަލް ކަންކަމެއް ކިޔައިދޭން ނޭނގޭކަމަށް އާނިމް ބުނީ. އުމުރާއި އެޑްރެސްއާއި ކޮންޓެކްޓް ނަންބަރު ހަމައެކަނި އޮތީ. މައްސަލަ އިތުރަށް ކުރިއަށް ގެންދެވެން ނެތީމަ އިތުރަށް ތަޙުޤީޤު ކުރާނޭ ފުރުޞަތެއްނެތްކަމަށް ވެސް އާނިމް ބުނި. އެކަމަކު ލައިންސަންސް ހިފަހެއްޓީމޭ ބުނި. އެ އަންހެންކުއްޖާގެ ފަރާތުން ގިނަބަޔަކު ނުފެންނަ ކަމަށްވަނީ. ފުލުހަށް ބަޔާންނަގަން ގެނައިއިރު ވެސް ދެފަހަރު މަތީން އައީ ވެސް އޭނާގެ މާމަކަމަށްވަނީ. އިތުރު މީހަކު ނުހުރޭ އެ ޢާއިލާގަ" ރާދިން ހުރިހާ ވާހަކައެއް ހާމައެއްނުކުރިއެވެ. ދެފަހަރު މަތިން ވެސް އޭނާ ތަކުރާރުކޮށްލީ އެއްވާހަކަތަކެކެވެ.

"ބެއްބެއަށް ގުޅިންތަ؟" އަރްސަލް ކުރީ ސުވާލެކެވެ. އެއާއެކު ރާދިން ދެފަރާތަށް ބޯހޫރާލިއެވެ.

"ބެއްބެއަށް އެނގޭނެ... އޭނާއަށް ގުޅާފައި ބަލާބަލަ އެ އަންހެންކުއްޖާ ބޭންކަށް ދަރާފައި އޮތީ ކިހިނެއްވެގެންތޯ" އަރްސަލް ބުނެލިއެވެ.

"މިރޭ މާ ލަސްވެއްޖެ. މާދަން ބަންދު ދުވަހެއް. ބެއްބެ ނުނިކުންނާނެ އޮފީހަކަށް. އޭނާއާ ޑީލް ކުރަންޖެހޭނީ ރަސްމީ ގަޑީގައި" ރާދިން ހަނދާންކޮއްލަދޭ ފަދައިން ބުނެލިއެވެ.

"އޭރުން މާ ލަސްވޭ..." މާޔޫސްވެފައި އަރްސަލް ބުނެލިއެވެ. އެހެންނަމަވެސް ރާދިން ބުނީ ތެދުކަން އޭނާއަށް ވެސް ޤަބޫލުކުރެވެއެވެ.

ހުރިހާ ކަމެއްގެ މަތީން އަރްސަލް ހަނދާންނެތުނު ކަމަކަށް ރާދިންދެއްކި ވާހަކަތައް ވިއެވެ. ލޮލަށް ނިދިޖެހުނު އިރު ވެސް އަރްސަލް އޮތީ އެކަމާ ވިސްނާށެވެ. ލޫންގެ އެކްސިޑެންޓު ހިނގީ އެ އަންހެންކުއްޖާގެ ސަބަބުންކަމުގައި ޤަބޫލުކުރަން އަރްސަލް ބޭނުންވާއިރު އޭނާއާ ބައްދަލުކުރަން އަރްސަލް ބޭނުންވަނީއެވެ.

ކީފާ ދިން ދަޢުވަތުގައި އަރްސަލް ބައިވެރިވީ ރާދިން އެތައް ވަރަކަށް ކިޔައިގެންނެވެ. ހުކުރު ނަމާދަށްފަހު ކީފާމެންގެއަށް ގޮސް ކައިގެން އެހާ ގިނައިރަކު އެގޭގައި މަޑެއް ނުކުރިއެވެ. އެނބުރި ގެއަށް އައި ގޮތަށް އަރްސަލް އޮތީ ސޯފާގައެވެ. އަސުރުވީ ފަހުން އެޕާޓްމެންޓުގެ ބެލްޖެހި އަޑަށް އަރްސަލް ވެސް ބޯހިތްލާލިއެވެ. ކާމޭޒު ދޮށުގައި ފައިލްތަކެއް ހިފައިގެން އިން ރާދިން ތެދުވެގެން އައިސް ދޮރުހުޅުވާލިއެވެ. ދޮރުމަތީ ހުރީ މުއްޠަލިބެވެ.

"މުއްތުބެ" އަރްސަލްއަށް ހައިރާންކަމެއް ލިބުނެވެ.

"ކިހިނެއްތަ އަރްސަލް" ހިނިތުންވެލައިގެން ހުރެ އައިސް ސޯފާގައި މުއްޠަލިބު އިށީނެވެ.
ގޭތެރެ ފެންނަނީ ފަޅުކޮށް ނަމަވެސް ލޫން ނެތްކަމުގެ އިހުސާސް އަރްސަލްއަށް ވެދާނޭ ފަދަ އެއްވެސް ވާހަކައެއް މުއްޠަލިބު ނުދައްކައެވެ. އޭނާ އައިސް އިނީ އަރްސަލްގެ ހާލު އޭނާގެ ދެ ލޮލުން ދުށުމަށެވެ. ފެންނަފެނުމަށް އަރްސަލް ރަނގަޅުކަމުގައި މުއްޠަލިބަށް ޤަބޫލުކުރެވުނެވެ.

"ރާދު! އަހަރެން ކަމަކަށް އެދިފިއްޔާ އެކަން ކޮއްދޭނަންތަ؟" މުއްޠަލިބު ދިއުމާއެކު އަރްސަލް ހަމަޖެހިލާފައި ރާދިންއަށް ގޮވާލާފައި އަހާލިއެވެ.

"އަރްސަލް ބުނި ކަމެއް ނުކޮށްދެވި އޮތީތަ؟" ރާދިން ކުޑަކޮށް ހިނިތުންވެލާފައި ބުނެލިއެވެ.

"އެހެނެއްނޫން... އަހަންނަށް އެނގޭ ރާދު އަހަރެންނާ މެދު ވިސްނާކަން. ޔޫ ރިއަލީ ކެއާ އަބައުޓްމީ. އަހަންނަށް އެނގޭ މުއްތުބެއާއި އެ މީހާއާ ރާދު ވާހަކަދައްކާކަން. އަހަރެން އެކަން މަނައެއް ނުކުރަން. އެކަމަކު... އަހަރެންގެ ދިރިއުޅުމުގެ ވާހަކަތައް އެކަކާ ވެސް ޚިއްޞާ ނުކޮއްފާނަންތަ؟ އަހަރެން ހަމައެކަނި އިތުބާރުކުރާ މީހަކީ ތީ... އަހަރެންގެ ޒާތީ ދިރިއުޅުން ރާދުއާ ޚީއްޞާ ކުރަނީ އެކަން އެހެން މީހުންނަށް އަންގާކަށްނޫން"

"އަރްސަލް!.... މުއްޠުބެ އައީ އަހަރެން ބުނެގެންނެއްނޫން... ސީރިއަސްކޮށް. އަހަންނަށް ކުޑަކޮށް ވެސް ނޭނގޭ މިގެއަށް އަންނަން ޕްލޭންކޮއްފަ އޮތްކަމެއް. ޓްރަސްޓު މީ" އަރްސަލްގެ ވާހަކަ ނުނިމެނީސް ރާދިން ބުނެލީ ކަންބޮޑުވުމާއެކުއެވެ. އޭނާ އަރްސަލްގެ ހާލު ބިލާލާއި މުއްޠަލިބަށް ބުނެދިން ކަމުގައި ވިޔަސް އަރްސަލްގެ ޒާތީ ދިރިއުޅުމުގައި ހިނގާ ހުރިހާ ކަމެއް އެ މީހުންނާ ޚިއްޞާއެއް ނުކުރެއެވެ.

"އަހަރެން ރާދުއަށް ޓްރަސްޓު ކުރާތީ މި ބުނީ. އަހަރެން ބޭނުންވަނީ އަހަރެންގެ ނިންމުތަކާއެކު އަހަރެންގެ ގާތުގައި ހުންނާނެ އެކުވެރިއެއް. ފަހަރެއްގައި އަހަރެން ނިންމާ ނިންމުންތަކަކީ ރާދުއަށް ޤަބޫލުކުރަން ދަތިވެދާނެ ނިންމުންތަކަކަށް ވެދާނެ... މި އެކުވެރިކަން އެހާތަނަށް ދެމި އޮންނާނެކަމެއް ވެސް ނޭނގެ. އެކަނި ދިރިއުޅޭން އަހަންނަށް އެނގޭނެ. ރާދު ދާން ބޭނުންވެއްޖެނަމަ ހަމަ ދާންވީ... އެކަމަކު އަހަރެން ހުއްޓުވަން މަސައްކަތް ނުކުރާތި. އަދި އަހަރެންގެ ދިރިއުޅުމުގެ ތެރެއަށް ވަންނަން މަސައްކަތް ނުކުރާތި" އަރްސަލްގެ ވާހަކަތަކަށް ބުނާނޭ އެއްޗެއް ރާދިންގެ ސިކުނޑިއަކަށް ނައެވެ. އަރްސަލް އެ ދައްކަނީ ކިހާ ވަރެއްގެ ވާހަކަތަކެއްކަން ޚުދު އަރްސަލްއަށް އެނގޭބާއޭ ރާދިންގެ ހިތުގައި ސުވާލު އުފެދުނެވެ. އެކުވެރިޔާ ނުބައި މަގަކުން ހިނގަން ގަޞްދުކުރާ ހިނދު ވެސް އަޅާނުލާ ހުންނަންވީތޯ އަމިއްލަ ޟަމީރާ ރާދިން ސުވާލުކުރިއެވެ. އެއާއެކު އޭނާގެ ޟަމީރު ވިސްނައިދިނީ މިވަގުތަށް ހިމޭންކަން ޚިޔާރުކުރުން ބުއްދިވެރިކަމަށެވެ. އަރްސަލް ކޮންމެ ގޮތަކަށް ވާހަކަދެއްކި ނަމަވެސް އެ ދެމެދުގައި އޮތް އެކުވެރިކަން ކަނޑައިގެން ނުދާނޭ ކަމެވެ.

* * * *

ސަރުކާރު ބަންދު ދެ ދުވަހަށްފަހު މަސައްކަތައް މުވައްޒަފުން އެނބުރި އަންނަން ޖެހުނީއެވެ. އަރްސަލްއާއި ރާދިން މަސައްކަތް ކުރާ އޮފީސް ހުންނަނީ އެ މީހުން އުޅޭ ގޭގައެވެ. ދިރިއުޅޭ އެޕާޓްމެންޓުގެ މަތީ ފަންގިފިލާގައެވެ. ހަ ސްޓާފުން އަރްސަލްއާއި ރާދިންގެ ދަށުން އެ އޮފީސް ތެރޭ މަސައްކަތް ކުރެއެވެ. އަރްސަލްއާއި ރާދިން އެއް ކެބިންނެއްގައި ތިބޭއިރު ދެން ތިބޭ މުވައްޒަފުންގެ ސްޓޭޝަންތައް ހުންނަނީ ޕާޓެޝަން ޖަހާ ވަކި ކުރެވިފައެވެ. ދޮރުން ވަންނައިރު ކަނާއަތް ފަރާތައް ހުންނަ ކުޑަ ރިސެޕްޝަންގައި ވެސް މުވައްޒެއް އިނދެއެވެ.

"އިޓްސް ކޮމްޕްލިކޭޓެޑް" ރާދިން ފޯނުން ބޭންކުގައި އުޅޭ އޭނާއާއި އަރްސަލްގެ އެކުވެރިއެއް ކަމަށްވާ ބާސިތުއާ ވާހަކަދައްކާފައި ބުނެލިއެވެ.

"ކިހިނެއް؟ ބެއްބެ ޑީޓެއިލް ދިންތަ" އަރްސަލް އިށީނދެ އިން ގޮނޑި ރާދިންއާ ދިމާއަށް އަނބުރާލިއެވެ.

"ކޮންމެވެސް ބިޒްނަސްއެއް ހިންގަންވެގެން ލޯން ނަގާފައި އޮތީ. ހިއުޖް އެމައުންޓެއް... ބޭންކަށް ޕޭމަންޓު ނުދައްކާތާ އަހަރެއްވެއްޖެޔޯ. އެ ފައިސާއިން ބިޒްނަސްއެއް ފެށިކަމަށްވަނީ. އެކަމަކު އެ ބުނާ ބިޒްނަސްއެއްގެ ވެރިފަރާތަކީ އެހެން މީހެއް. ބޭންކުން ޕުޝްކުރާނީ ލޯނު ނެގި ފަރާތަކައްނު. އެހެންވެ ފައިސާ ދެއްކޭނޭ އިތުރު ގޮތެއް ނެތީމާ ލޯނު ނެގި ފަރާތުގެ އަތުގައި އޮތް ހަމައެކަނި އެސެޓް ބޭންކުން ނެގީ. ދީފައިވާ މުއްދަތު ވެސް ފަހަނައަޅައި ދިޔައިރު އެއްވެސް ވަރަކަށް ލާރި ނުދައްކާކަމަށްވަނީ" ރާދިން ބުންޏެވެ.

"އައި ސީ... މަކަރުވެރި އަންހެނަކީތާ. މީހުންނަށް ދަރާފައި ނެތްކަމެއް ވެސް ނޭނގެ. އެވަރުގެ މީހަކަށް މަޢާފު ހައްޤުވޭތަ؟" އަރްސަލްގެ ވާހަކައާއެކު އޭނާގެ ދެ ލޯ ހިމަކޮށްލާ ދެބުމަ ކައިރިކޮށްލިއެވެ.

"ލެޓްސް ގޯ މީޓް ހާ... އައި ވޯންޓު ސީ ހާ ސަފާ" އިރުކޮޅަކު އިނދެފައި އަރްސަލް ބުނެލިއެވެ. އެއްފަރާތަކަށް ތުންފަތް ދެމިލާފައި ވީއިރު އެ ހިނިތުންވުމުން އަރްސަލްގެ ސިކުނޑީގައިވަނީ ރަނގަޅު ޚިޔާލެއް ނޫންކަން ރާދިންއަށް ވިސްނުނެވެ. އެހެންވިޔަސް އޭނާ އެ ހުރީ އަރްސަލްއާއެކުއެވެ. (ނުނިމޭ)