ހޮލީވުޑް

ޖެނިފާއާ ޖަސްޓިން ކައިވެންޏެއް ނުކުރޭ، އެކަމަކު ވަރިވެއްޖެ!

މަޝްހޫރު "ފްރެންޑްސް" ސީރީޒް އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ޖެނިފާ އެނިސްޓަން އާއި ފިރިމީހާ ޖަސްޓިން ތެރޫ ވަކިވުމަށް ނިންމި ހަބަރަކީ މިހާރު ހޮލީވުޑްގެ ހޫނު ހަބަރެވެ. އެ ދެމީހުން ވަކިވި ސަބަބުތަކާއި ބެހޭގޮތުން ތަފާތު ވާހަކަތައް ދެކެވެމުންދާއިރު މިހާރު އިތުރު ވާހަކައެއް ވެސް ވައިގައި ހިފައިފި އެވެ.

ޖެނިފާ އަދި ޖަސްޓިން ވަރިވާން ނިންމިއިރު އެ ދެ މީހުން ކައިވެނި ނުވެސް ކުރާ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނަން ފަށައިފި އެވެ. ފަސް އަހަރުވަންދެން ރައްޓެހިވެގެން އުޅުމަށްފަހު އެ ދެމީހުން ކައިވެނި ކުރީ 2015 ވަނަ އަހަރު އޮގަސްޓު މަހު އެމީހުންގެ ގޭގަ އެވެ.

ސެލެބްރިޓީ ޓީއެމްޒެޑް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޖެނިފާ އަދި ޖަސްޓިން ކައިވެނި ކުރިކަމުގެ އެއްވެސް ރަސްމީ ލިޔުމެއް ނެތެވެ. ޓީއެމްރެޑް އިން ބުނީ 2010 ވަނަ އަހަރު ފެށިގެން ކައިވެނި ކޮށްފައިވާ ހުރިހާ މީހުންގެ ރެކޯޑުތަށް ބަލާފައިވާ ކަމަށާއި ނަމަވެސް ޖެނިފާ އަދި ޖަސްޓިންގެ ކައިވެނީގެ ރެކޯޑެއް ފެނިފައިވާ ނުވާކަމަށެވެ.

ޓީއެމްޒެޑުން ވަނީ ލޮސް އެންޖެސަލްގައި ވަރި ކައިވެނި ކޮށްދޭ ގިނަ އަދަދެއްގެ ވަކީލުންނާ ސުވާލުކޮށްފަ އެވެ. އެއިން އެއްވެސް މީހަކާ ވެސް ޖެނިފާ އަދި ޖަސްޓިން މުއާމަލާތްކޮށްފައެއް ނުވެ އެވެ.

ދެ އަހަރަށްވުރެ ގިނަ ދުވަހު ކައިވެނިކޮށްގެން އުޅުމަށްފަހު އެ ދެ މީހުން ވަކިވާން ނިންމި ސީދާ ސަބަބެއް މީޑިއާއަށް ހާމަކޮށްފައެއް ނުވެ އެވެ. އެންޓަޓެއިންމަންޓް ވީކްލީއަށް އެ ދެ މީހުން ފޮނުވި ޖޮއިންޓް ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ ވަކިވާން ނިންމީ ދެ މީހުން ވާހަކަދައްކައިގެން އެކަމަށް އެބަސްވެގެން ކަމަށާއި މިގޮތަށް ނިންމި ނަމަވެސް އެ ދެމީހުންގެ ދެމެދުގައި އޮންނަ ރަހުމަތްތެރިކަމުގެ ގުޅުން އަބަދުވެސް އޮންނާނެ ކަމަށެވެ.

އެ ދެމީހުން ވަކިވާން ނިންމީ މިދިޔަ އަހަރު ފަހުކޮޅު އެވެ. މީޑިއާއަށް އެ މައުލޫމާތު ހިއްސާނުކޮށް ބޭއްވީ އެ އެކަން އެހާ ފާޅުކަން ބޮޑު ގޮތެއްގައި ހާމަކުރަން ބޭނުން ނުވާތީ ކަމަށާއި ނަމަވެސް ފަހުން ބަޔާނެއް ނެރެން ނިންމީ އެ ދެމީހުން ވަކިވުމާއި ބެހޭގޮތުންނާއި މީޑިއާތަކުން ތަފާތު ވާހަކަތައް ފަތުރާނެކަން އެނގޭތީ އެކަމަށް ފުރުސަތު ނުދިނުމަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި އެ ދެ މީހުން ވަކިވާ ނިންމީ މަސައްކަތުގައި އަވަދިނެތި އުޅެންޖެހުމުން ވަގުތު ނުދެވިގެން ކަމަށެވެ. އެ ދެ މީހުންގެ އުމުރުގެ ތަފާތު ކަމުގެ ސަބަބުން ކަމަށްވެސް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ. ޖެނީފާއަށް މިއަހަރު 49 ފުރުނުއިރު ޖަސްޓިން އަދި 46 އަހަރެވެ.