ހަގީގީ ލޯތްބަކީ ގަބޫލު ކުރާ އެއްޗެއް ނޫން ކަމަށް ފިލްމު "ޓުވައިލައިޓް" އިން ބޮޑު މަގުބޫލު ކަމެއް ހޯދި އިނގެރޭސި އެކްޓާ ރޮބާޓް ޕެޓްސަން ބުނެފި އެވެ.
ރޮބާޓް މިހެން ބުނީ މިިދިޔަ މަހު ނިކުތް އޭނާގެ ފިލްމު "ޑެމްސެލް" ދެއްކުމަށް ބާލިން ފިލްމު ފެސްޓިވަލްއަށް ގޮސް މީޑިއާތަކަށް ވާހަކަ ދައްކަމުންނެވެ. ޑޭވިޑް އަދި ނެތަން ޒެލްނާ ޑައިރެކްޓު ކޮށްފައިވާ މި ފިލްމުގައި އޭނާ ކުޅޭނީ ވެސް ލޯބީގެ އަސަރުގަދަ ރޯލެކެވެ.
"ހަގީގީ ލޯތްބަކީ އަހަރެން ގަބޫލުކުރާ އެއްޗެއް ނޫން. އެއީ އެއަށްވުރެ މާ ގިނަ ކަންތަކެއް އެކުލެވޭ، ބޮޑު ކަންތައް ގަނޑެއް." ފިލްމު ދެއްކުމަށް ފަހު ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.
"ޑެމްސެލް" އަކީ މިހާރު ބާލިން ފިލްމު ފެސްޓިވަލްގައި ގޯލްޑެން ބިއާ އެވޯޑަށް ވާދަކުރަމުންދާ 19 ފިލްމު ތެރޭގައި ހިމެނޭ ފިލްމެކެވެ. މި ފިލްމުގައި އޭނާގެ ކޯ ސްޓާރެއްގެ ގޮތުގައި ފެނިގެންދަނީ މިއާ ވަސިކޯސްކާ އެވެ.
ރޮބާޓް މީގެ ކުރިން ލޯބީ ގޮތުން ވަނީ "ޓުވައިލައިޓް" ފިލްމުގައި އޭނާގެ ކޯ ސްޓާރު ގޮތުގައި ފެނިގެންދިޔަ ކްރިސްޓެން ސްޓުވާޓް ގުޅިފަ އެވެ. ނަމަވެސް ކްރިސްޓެން އޭނާ ކުޅުނު ފިލްމު "ސޮނޯ ވައިޓް އެންޑް ދަ ހަންތްސްމޭން" ގެ ޑައިރެކްޓަރާ ގުޅުން އޮންނަ ކަމަށް ވާހަކަ ދެކެވެން ފެށުމުން އެ ދެމީހުން ވަކިވި އެވެ.
ލޯބީގެ ގޮތުން ރޮބާޓް ވަނީ ލަވަކިޔުންތެރިޔާ އެފްކޭއޭ ޓްވިގްސް އާއި ވެސް ގުޅިފަ އެވެ. ހަތް މަސް ވަންދެއް ރައްޓެހިވެގެން އުޅުމަށްފަހު އެ ދެމީހުން އެންގޭޖުވެސް ވިއެވެ. ނަމަވެސް މިިދިޔަ އޮކްޓޯބަރު މަހު އެ ދެމީހުން ވަކިވިކަމަށް މީޑިއާ ރިޕޯޓުތައް ބުނެފައިވެ އެވެ.
"ޑެމްސެލް" ފިލްމު ފެސްޓިވަލްތަކުގައި ދެއްކުމުގައި އަވަދިނެތި ރޮބާޓް އުޅެމުންދާއިރު، ކުރިއަށް އޭނާގެ ހަތަރު ފިލްމެއްގެ މަސައްކަތް އެބަ އޮތެވެ. އޭގެ ތެރޭގައި ސައިންސް ފިކްޝަން އެޑްވެންޗާ ފިލްމު "ހައި ލައިފް" ހިމެނެ އެވެ.