ޑރ. މުހައްމަދު އާސިމް

ރާއްޖޭގެ މައްސަލަތައް އދ. ގެ އިންސާނީ ހައްގުތަކާބެހޭ އޮފީހާ ހިއްސާކޮށްފި

Feb 18, 2018
1

ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހިނގަމުންދާ މައްސަލަތަކުގެ މައުލޫމާތު ހިއްސާކުރެއްވުމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަން (އޯއެޗްސީއެޗްއާރް) ގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބް މޯނާ ރިޝްމަވީއާ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް މިއަދު ބައްދަލު ކުރައްވައިފި އެވެ.

މިނިސްޓަރު އާސިމް، ރާއްޖޭގައި ހުންނަ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަންގެ އޮފީހަށް ކުރެއްވި ޒިޔާރަތުގެ ފޮޓޯތަކެއް މިއަދު ފޮރިން މިނިސްޓްރީން ވަނީ ޓުވިޓާގައި ހާމަކޮށްފަ އެވެ. އެ މިނިސްޓްރީން ބުންފައިވަނީ ސިޔާސީ ގޮތުން ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމުގެ ވަގުތީ މައުލޫމާތު މިނިސްޓަރު އާސިމް އޯއެޗްސީއެޗްއާރް އަށް ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ ކަންކަން އޮޅުންފިލުވައި ދިނުމަށް އެ އޮފީހަށް އެއްބާރުލުން ދެއްވާނެކަމަށް ދަންނަވާފައިވާ ކަމަށެވެ. ދެބޭފުޅުންގެ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލް ހާމައެއް ނުކުރެ އެވެ.

އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ރާއްޖޭގައި އުފެދިގެންދިޔަ ސިޔާސީ ހަލަބޮލިކަމަށް އަދިވެސް ހަމަޖެހުމެއް ލިބިފައި ނުވާއިރު، ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު އުފެދިފައިވާ މައްސަލަތައް ހައްލުކުރަން އދ އިން ރައްޖޭގެ ސިޔާސީ ފަރާތްތަކާ އެކު މަޝްވަރާ ކުރަން ވަނީ ނިންމާފައެވެ. އެކަމަށް މަގުފަހި ކުރުމުގެ ގޮތުން ސިޔާސީ ލީޑަރުންގެ މެދުގައި މަޝްވަރާތައް ކުރުމަށް އދ. އިން ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.