ވިޔަފާރި

އިސް ރަށްވެހިން ސްމާޓް ފޯނަށް އަހުލުވެރި ކުރުވަނީ

Feb 18, 2018
2

އިސް ރަށްވެހިން ސްމާޓް ފޯނަށް އަހުލުވެރި ކުރުވުމުގެ މަސައްކަތް ވުމެންސް އޮން ބޯޑް (ޑަބްލިއުއޯބީ) އާއި އުރީދޫ މޯލްޑިވްސް އިން ފަށައިފި އެވެ.

އުރީދޫ މޯލްޑިވްސްގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު "އަވަސް" އަށް ވިދާޅުވީ ވިމެންސް އޮން ބޯޑްއާ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ މަގުސަދަކީ އިސް ރަށްވެހިންނަށް ސްމާޓް ފޯނު އެންމެ ރަނގަޅަށް ބޭނުންކުރާނެ ގޮތްތައް ކިޔައި ދިނުން ކަމަށެވެ.

"މިއަދު ސްމާޓްފޯނު މެދުވެރިކޮށް ގިނަ ހިދުމަތްތަކެއް ބޭނުންކުރެވެން އެބަހުރި. މީގެ ތެރޭގައި ހޮސްޕިޓަލްތަކުން ކިޔުގައި ނުޖެހި ޑޮކްޓަރު އެޕޮއިންޓްމަންޓް ހެއްދުން، ގޭގައި ތިބެގެން ތަފާތު ހިދުމަތްތަށް ހޯދައި ބިލް ދެއްކުން، ހަބަރު ކިޔައި މައުލޫމާތު މުއްސަންދި ކުރުން، އަދި ފަސޭހަކަމާއި އެކު ގާތްތިމާގެ މީހުންނާއި މުއާމަލާތުކުން ފަދަ ގިނަ ފައިދާތަކެއް ލިބޭ. އެހެންކަމުން މި ޕްރޮގްރާމުގެ މަގުސަދަކީ މިފަދަ ފަސޭހަތައް ސްމާޓްފޯނު މެދުވެރިކޮށް ހޯދޭނެ ގޮތްތައް ކިޔައިދީ އިސްރަށްވެހިން ޓެކްނޮލޮޖީއަށް އަހުލުވެރި ކުރުވުން،" ނޫރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިލްސިލާކޮށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި މައުލޫމާތު ދޭނީ އުރީދޫގެ މުވައްޒަފުން ކަމަށެވެ.

.

"އުރީދޫ ޑިޖިޓަލް ލިޓްރެސީ" ގެ ނަމުގައި ޑަބްލިއުއޯބީއާ ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 20 އަންހެނުން ބައިވެރިވެފައިވެ އެވެ. މި އިވެންޓުގެ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފައިވަނީ ސްޓޭޖް ކޯ އާއި އިމޭޖިނިއާސް ބައިވެރިވެފައިވެއެވެ.

އުރީދޫ މޯލްޑިވްސް އިން ވަނީ މީގެ ކުރިންވެސް މުޖުތަމަ އަށް ފައިދާ ހުރި މި ފަދަ ގިނަ ޕްރޮގްރާމުތަކެއް ހިންގާފަ އެވެ.

ވަތަނިއްޔާ އިންޓަނޭޝަނަލްގެ 90.5 ޕަސެންޓް ހިއްސާ އޮންނަ އުރީދޫ މޯލްޑިވްސްއަކީ މިހާރު ދިވެހިންގެ ގިނަ ބައެއްގެ ހިއްސާ ވެސް އޮންނަ ކުންފުންޏެކެވެ. ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް އެ ކުންފުނިން ވެގެން ދިޔައީ މިދިޔަ އަހަރު ދިވެހިންނަށް އުރީދޫގެ 9.5 ޕަސެންޓް ހިއްސާ ވިއްކައިގެންނެވެ.