ދިވެހި ސިނަމާ

އޯގަސްޓު މަހު ސިނަމާއަށް 40 ޕްލަސް!

މިދިޔަ އަހަރު ނިކުތް ކާމިޔާބު ކޮމެޑީ ފިލްމު "ނޯޓީ 40" ގެ ދެ ވަނަ ބައި "40 ޕްލަސް" އަންނަ އޮގަސްޓު މަހު އެކެއްގައި ސިނާމާއަށް ގެންނަން ނިންމާފައިވާ ކަމަށް ފިލްމުގެ ޑައިރެކްޓާ ޔޫސުޕް ޝަފީޢު (ޔޫއްޕެ) ބުނެފި އެވެ.

މިދިޔަ މަހު ތ. ބުރުނީގައި ޝޫޓުކޮށް ނިންމާފައިވާ މި ފިލްމުގައި މިހާރު ކުރިއަށްދަނީ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތަކެވެ.

"އެ ހުރިހާ މަސައްކަތްތަކެއް ނިންމާ އޮގަސްޓު މަހު ބެލުންތެރިންނާ ހަމައަށް ގެނެސްދެވޭނެ ކަމަށް މި ބަލަނީ." ޔޫއްޕެ ބުންޏެވެ.

އޭނާ ބުނީ ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ހަލަބޮލިވެފައިވާތީ ފިލްމު އަޅުވާ ތާރީހު ފަސްކުރަން ވެސް ޖެހިދާނެ ކަމަށެވެ.

"ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ފިލްމުތަކަށް އަސަރު ކުރޭ. ދިވެހި ފިލްމުތަކަށް އާންމަދަނީ މި ލިބެނީ ބެލުންތެރިންނަށް ކަމުގޮސް ސިނަމާއަށް އެފަރާތްތަކުން ދާ ވަރަކުން. އެކަމަކު ސިޔާސީ ފޯރީގައިޖެހި ފިލްމުތަކަށް އެ އޯޑިއެންސް ގެއްލޭ." އޭނާ ބުންޏެވެ.

މި އަހަރުގެ ފުރަތަމަ ފިލްމު "ދެވަންސޫރަ" ރިލީޒްކުރި ދުވަސްކޮޅު ވެސް ވެގެންދިޔައީ ސިޔާސީގޮތުން ހަމަނުޖެހުން ބޮޑުވެގެން ދިޔަ ދުވަސްކޮޅަކަށެވެ. ދިވެހި ސިނަމާއަށް މިފަހުން ނިކުތް އެންމެ ތަފާތު ފިލްމަށް "ދެވަންސޫރަ" ވާނެ އެވެ. ނަމަވެސް ސިޔާސީ ކަންތައްތަކުގެ ސަބަބުން އެ ފިލްމުގެ ވިޔަފާރީއަށް ވެސް އަސަރުކޮށްފައިވާ ކަމަށް ޔޫއްޕެ ބުންޏެވެ.

ޔޫއްޕެގެ އާ ފިލްމަކީ އޭނާގެ ސްކްރިޕްޓެކެވެ. މި ފިލްމުގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ ޔޫއްޕެ އާއި އަލީ ސީޒަނާއި މުހައްމަދު މަނިކު، އަލީ ޝާހިދާއި އަހްމަދު އީސާ އާއި މައިޝާ އަހްމަދު ސައީދު އާއި ޝީލާ ނަޖީބާއި މުހައްމަދު ފައިސަލް، މަރިޔަމް ޝަކީލާ، އަލީ އާޒިމް (ދޮން އައްޔަ) އަދި ފާތިމަތު އާޒިފާ (އަޒޫ) އެވެ.

މީގެ އިތުރުން ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ ހަތަރު ތަރިން ވެސް ފެނިގެންދާނެ އެވެ.