ހަބަރު

ޖަލްސާއަށް ތައްޔާރު، ސަރުކާރަށް އެއްބާރުލުން ދޭނަން: ނިހާން

ދައުރުގެ ބޭރުން މާދަމާ ބާއްވާ ރައްޔިތުން މަޖިލީހުގެ ހާއްސަ ޖަލްސާއަށް ޕީޕީއެމް އަދި އެމްޑީއޭގެ މެންބަރުން ތިއްބެވީ ތައްޔާރަށް ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާދަމާގެ ޖަލްސާއަށް ޕީޕީއެމް އަދި އެމްޑީއޭގެ މެންބަރުން ތިއްބެވީ ތައްޔާރަށް ކަމަށެވެ. އަދި ވިދާޅުވީ، "ހާއިނުންގެ ކިބައިން ދިވެހި ގައުމު ދިފާއު ކުރުމަށް ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ" ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ހާއްސަ ޖަލްސާއެއް މާދަމާ އެޖެންޑާ ކޮށްފައިވާއިރު ސަރުކާރުން އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު މާދަމާ ރޭގެ އިރާކޮޅު ހަމަވާނެ އެވެ. އެ މުއްދަތު އިތުރު ކުރެވޭނީ މަޖިލީހުން ރުހުން ލިބިގެން އެވެ. ރައްޔިތުން މަޖިލީހުގެ އިދާރާ އިން މިއަދު މެންބަރުންނަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ ދައުރުން ބޭރުން ބާއްވާ މަޖިލީހުގެ ހާއްސަ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9:00 ގައި ކަމަށެވެ. އަދި އެޖެންޑާ ފަހުން އިއުލާން ކުރާނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. ބެލެވޭ ގޮތުގައި މި ޖަލްސާއަކީ ސްޓޭޓް އޮފް އެމެޖެންސީއާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ބާއްވާ ޖަލްސާއެކެވެ. ގާނޫނު އަސާސީގައި ބުނާ ގޮތުން 14 ދުވަހަށް ވުރެ ދިގު މުއްދަތެއްގައި ސްޓޭޓް އޮފް އެމެޖްސީ ބޭއްވޭނީ މަޖިލީހުން ރުހުން ލިބިގެން އެވެ.

މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވާ އިރު މަޖިލީހުގެ އިދިކޮޅު ތިން މެންބަރަކު ވަނީ ސްޓޭޓް އޮފް އެމެޖެންސީގެ ތެރޭގައި ހައްޔަރުކޮށްފަ އެވެ. އެގޮތުން، މަޖިލީހުގެ ތެރެއިން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ، ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫން އާއި މައްޗަން ގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އަދި ދަގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދެވެ. އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވެސް ކޯޓުން ކުރި ހުކުމަކާ ގުޅިގެން ހުންނެވީ ޖަރުމަނަށް ވަޑައިގެން އެވެ. މާދަމާގެ ޖަލްސާގައި އެ މެންބަރުންނަށް ބައިވެރި ވެވޭނެ ކަމަށް ނުބެލެވެ އެވެ.

އިދިކޮޅު މެންބަރުންގެ ދަނީ މާދަމާ ބާއްވާ މަޖިލީހުގެ ހާއްސަ ޖަލްސާގައި އެ ތިން މެންބަރުން ބައިވެރި ކުރަން ޖެހޭނެ ކަމަށް ގޮވާލަމުންނެވެ. އެގޮތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވީ، ކުރިން ވެސް އަމަލު ކުރަމުން އައި ގޮތަށް ރައްޔިތުން މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނާއި މަޖިލީިހުގެ ގަވާއިދުގައިވާ ގޮތުގެ މަތީން އެ ތިން މެންބަރުން ވެސް މާދަމާގެ ޖަލްސާ އަށް ހާޒިރު ކޮށްދޭން ޖެހޭނެ ކަމަށެވެ.

މާދަމާ ޖަލްސާ ބާއްވާއިރު އެކި ތުހުމަތުތަކާ ގުޅިގެން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ދޭތެރެ ދޭތެރެއިން އަންނަނީ ފުލުސް އޮފީހަށް ހާޒިރުކުރަމުން އެވެ.

ރައްޔިތުން މަޖިލީހުގެ ޖަލްސާތައް މިއަހަރަށް ފަށަން ޖެހޭނީ ފަސް ވަނަ ދުވަހު އެވެ. އެ ދުވަހު މަޖިލީހަށް ރައީސް ރިޔާސީ ބަޔާން އިއްވަން ތާވަލްކުރި ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ ޖަލްސާ ވަނީ ކެންސަލްކޮށްފަ އެވެ. އަދި މަޖިލީހަށް ވަންނަން މެންބަރުން މަސައްކަތް ކުރި ނަމަވެސް، ސިފައިން ވަނީ މިހާތަނަށް އެކަން ހުއްޓުވައިފަ އެވެ.