ކުއްލި ނުރައްކަލުގެ ހާލަތު

ކުއްލި ހާލަތުގެ ގަރާރު ބާތިލު ކުރާކަށް ނުޖެހޭ: ސުޕްރީމް ކޯޓް

Feb 18, 2018
8

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ޔުމްނާ މައުމޫން، ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ބާތިލު ކުރުމަށް ހުށަހެޅި މައްސަލަ ބަލައި ގަނެ އެގޮތަކަށް ކަނޑައަޅަންޖެހޭ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ޔުމްނާ ހުށަހެޅުއްވި ދުސްތޫރީ މައްސަލައަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ސަބަބުތަކުގެ ތެރޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހެޅި ސިޓީތަކަށް ޖަވާބު ދީފައި ނުވުމާއި، ޝަރުއީ ހުރިހާ މަރުޙަލާތަކުން ނިންމާފައިވާ ނިންމުންތައް އަލުން ހުޅުވާލުމަށް ބުނެފައިވުމެވެ.

އަދި އެހެން މުއައްސަސާތަކުގެ މަސައްކަތް ހިންގުމަށް ދަތިވާގޮތަކަށް ކަމަށްވުން ހިމަނާފައިވާއިރު، އެ ސަބަބުތަކަކީ ގާނޫނުއަސާސީގެ 253 ވަނަ މާއްދާއާއި 254 ވަނަ މާއްދާގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ހާލަތްތަކާއި ހުދޫދުތަކުގެ ބޭރުން ކަނޑައަޅާފައިވާ ސަބަބުތަކެއްކަމަށްވުމާއި، އަދި ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތަކުގެ ތެރެއިން ހިފެހެއްޓުން ހުއްދަވެގެންވާ ހައްގުތަކާއި މިނިވަންކަމު ގެ އިތުރުން، ގާނޫނުއަސާސީގެ އަސާސީ ހައްގު ތަކާއި މިނިވަންކަމުގައި ހިމެނިގެން ނުވާކަންކަން ބަޔާންކޮށްފައިވާ ގާނޫނުއަސާސީގެ 99 ،100 ،101 ،113 ،145 (ނ)، އަދި 228 ވަނަ މާއްދާއަކީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގައި ހިމެނޭނެ މާއްދާތަކެއްކަމަށް ނުވާއިރު، އެ ގާރާރުގައި އެ މާއްދާތައް ވެސް ހިމަނާފައިވާ، ޝަރުއީ ގާނޫނީ ގޮތުން އެ މައްޗަށް ޢަމަލުނުކުރެވޭނޭ ބާޠިލު ގާރާރަކަށްވާތީ، ނެރުއްވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ ގާރާރުގެ ޞައްޙަކަން ކަނޑައެޅުމަކީ، ސުޕްރީމް ކޯޓުގެ ބާރެއް ކަމަށް ޤާނޫނުއަސާސީގެ 258 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ޅ) އާއި 11 ވަނަ މާއްދާގެ (ޙ) ގެ 3 ވަނަ ނަންބަރުގެ ދަށުން ގައުމުގެ ޢާންމު މަޞްލަޙަތާ ގުޅުންހުރި އެކްސްޕާޓޭ ގޮތުގައި ބަލައި ދިނުމަށް ހުށަހެޅި މައްސަލައެކެވެ.

ޔުމްނާ މައްސަލަ ހުށަހެޅުއްވީ ފެބްރުއަރީ އަށް ވަނަ ދުވަހު އެވެ.

މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން މިއަދު ނެރުނު ނިންމުމުގައި ބުނެފައި ވަނީ ޔުމްނާ އެދިފައިވަނީ، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް، އެ ގާރާރުގެ ދަށުން ގާނޫނުއަސާސީގެ 100 ވަނަ މާއްދާއާއި، 145 ވަނަ މާއްދާ އާއި، ފަނޑިޔާރުންގެ ގާނޫނުގެ 12 ވަނަ މާއްދާއަށް އަމަލު ނުކުރާ ގޮތަށް ހަމަޖައްސަވާފައިވާތީ އާއި، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރެވޭނީ ގާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކަނޑައަޅައި ބަޔާންކޮށްފައިވާ ވަކި ހާލަތްތަކެއްގައި އެކަނި ކަމަށްވާއިރު، ރައީސްގެ ގަރާރަކީ، އެ މާއްދާގައި ބަޔާން ކުރާފަދަ ހާލަތެއްނެތި، ހަމައެކަނި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހެޅި ސިޓީތަކަށް ޖަވާބު ނުދެއްވުމާއި، އެ ސިޓީތައް ބަލައި ނުގަތުމަކީ، ގަރާރު ނެރުމުގެ ސަބަބެއް ކަމަށް ހިމަނާފައިވަނީ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއާ ޚިލާފަށް ކަމަށްވާތީ، ކުއްލި ނުރައްކަލުގެ ޙާލަތުގެ ގަރާރުގެ ޞައްޙަކަން ކަނޑައެޅުމަަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބާރެއްކަމަށް ޤާނޫނުއަސާސީގެ 258 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާތީ، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމުގެ ޤަރާރު ބާޠިލުކަމަށް ކަނޑައަޅައި ދިނުމަށް ކަމަށެވެ.

ސުޕްރީމް ކޯޓުގެ ނިންމުގައި ބުނަނީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ހުއްދަ ދިނުމާ ގުޅޭ ގޮތުން ގާނޫނުއަސާސީގެ 11 ވަނަ ބާބުގައި ކުއްލި ނުރައްކަލުގެ ހާލަތާބެހޭ އަހްކާމްތަކާ އުސޫލުތައް ކަނޑައަޅައި ބަޔާންކޮށްފައިވާ އެންމެހައި ނައްޞުތަކަށާއި މައްސަލަހުށަހެޅި ފަރާތުން ތައުނުކޮށް ހުށަހަޅާފައިވާ ކަންތައްތަކަށް ދުސްތޫރީ އަދި ޤާނޫނީ ނަޒަރަކުން ބެލި ކަމަށެވެ.

ގާނޫނުއަސާސީގެ 258 ވަނަ މާއްދާގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރާ ގާރާރުގެ ނުވަތަ އެ ގާރާރުން ބައެއްގެ ސައްޙަ ކަމާމެދު ނުވަތަ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ހަދާ ގާނޫނަކާމެދު، ނުވަތަ ނެރޭ އަމުރަކާމެދު ސުވާލު އުފެދިއްޖެ ޙާލަތެއްގައި އެކަމާމެދު ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް ބަޔާންކޮށްފައި އޮންނައިރު، މި މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް ލިބިގެންވާ އިޚްތިސޯސްގެ ދަށުން، ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރި ގަރާރުގެ ޞައްޙަކަމާމެދު ގޮތެއް ކަނޑައަޅައި ދިނުމަށް ޔުމްނާ ތައުނުކޮށްފައި ވަނީ މައިގަނޑު ދެކަމެއްގެ މައްޗަށް ކަމަށެވެ.

އޭގެ ފުރަތަމަ ކަމަކީ، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައި ވަނީ ގާނޫނުއަސާސީގެ 253 ވަނަ މާއްދާއާ ހިލާފަށް އެ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވުމަކާ ނުލައި ކަމަށް ބުނާ ބުނުމެވެ.

ދެވަނަ ކަމަކީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް އެ ނުރައްކަލާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމަށް ނެރުނު ބުނާ ގާރާރުގައި ބަޔާންކޮށްފައިވަނީ ގާނޫނުއަސާސީގެ 254 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނާ ބުނުމެވެ.

ކޯޓްގެ ނިންމުމުގައި ބުނަނީ އެހެންވެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމާގުޅޭ ގަރާރު ގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރަން މެދުވެރިވި މައިގަނޑު ސަބަބަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެ އެކަމަށްޓަކައި ވަގުތުން ފިޔަވަޅު އެޅުމަށް ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިފައިވުން ކަން އެ ޤަރާރަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ.

މީގެ އިތުރުން، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެފައިވާކަން އިސްތިހްލާސްކޮށް އެ ގަރާރުގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރޭގައި ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާ ހިސާބަށް ކަންކަން ގޮސްފައިވާކަމަށް ބަޔާންކޮށްފައިވާކަން އެނގޭ ކަމަށާއި ގާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ސަރީހަ ނައްޞުގައި "ގުދުރަތީ ކާރިސާއެއް، ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް، ނުވަތަ ހަނގުރާމައެއް، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެއްޖެނަމަ، ނުވަތަ ބޭރުގެ ޙަމަލާއެއް ކުރިމަތިވެދާނެކަމުގެ ބިރުހީވެއްޖެނަމަ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި، ނުވަތަ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ނުވަތަ ސަރަޙައްދުތަކެއްގައި 30 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށް ބަޔާން ކުރާތީ 5 ފެބުރުވަރީ 2018 ގައި ނެރެފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާ ގުޅޭ ގަރާރަކީ ގާނޫނުއަސާސީގެ 253 ވަނަ މާއްދާއާ ޚިލާފަށް ނެރެފައިވާ ޤަރާރެއްކަމަށް ބަލަންޖެހޭ ދުސްތޫރީ އެއްވެސް އަސާސެއް ނެތް ކަމަށެވެ.

ގާނޫނުއަސާސީގެ 254 ވަނަ މާއްދާގެ ސަރީހަ ނައްސިގައި "ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމަށްޓަކައި ނެރޭ ގަރާރުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރާންޖެހުނު ސަބަބާއި، އެ ނުރައްކަލަކާ ގުޅިގެން އަޅާންޖެހޭ އެންމެހައި ފިޔަވަޅުތައް ބަޔާންކުރާން ޖެހެ އެވެ.

އޭގެތެރޭގައި، ގާނޫނުއަސާސީގެ ދެ ވަނަ ބާބުގައި ކަނޑައެޅިފައިވާ ޙައްގުތަކާއި މިނިވަންކަމުގެ ތެރެއިން ބައެއް ޙައްގުތަކާއި މިނިވަންކަން ވަގުތީގޮތުން ހިފެއްހެއްޓުމާއި، ބައެއް ޤާނޫނުތަކަށް ޢަމަލުކުރުން ވަގުތީ ގޮތުން ހުއްޓައިލުން ހިމެނިދާނެ ކަމަށް ބަޔާންކޮށްފައ އޮންނަ އޮތުމަށް ބަލާއިރު، ޤާނޫނުއަސާސީގެ 254 ވަނަ މާއްދާގައި ކުއްލި ނުރައްކަލުގެ ޙާލަތާގުޅިގެން އެޅިދާނެކަމަށް ބަޔާންކޮށްފައިވާ ފިޔަވަޅުތަކަކީ ރެސްޓްރިކްޓިވް ކޮށް ނުވަތަ ގައިދުކޮށް ބަޔާންކޮށްފައިވާ ފިޔަވަޅުތަކެއް ނޫންކަން އެ މާއްދާގެ އިބާރާތުން ސާފުކޮށް އެނގެން އޮންނައިރު ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާ ގުޅޭގޮތުން ނެރޭ ގަރާރުގައި، ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ދައުލަތުގެ އަމްނުޢާއްމާއ ނިޒާމުއާއްމު ރައްކާތެރިކޮށް ނެގެހެއްޓުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ޒަރޫރީ ފިޔަވަޅުތައް އެޅުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާކަން ޤާނޫނުއަސާސީގެ ބުނެވިދިޔަ 254 ވަނަ މާއްދާގެ ޢިބާރާތުންނާއި މަފްހޫމުން ރަނގަޅަށް އެނގެން އޮންނައިރު ނުރައްކަލުގެ ޙާލަތު އިޢުލާނުކުރު ގަރާރަކީ ޤާނޫނުއަސާސީގެ 254 ވަނަ މާއްދާއާ ޚިލާފު ޤަރާރެއްކަމަށް ބަލަންޖެހޭ ދުސްތޫރީ އަސާސެއް ނެއް ކަމަށެވެ.