ރިޕޯޓް

އިންޑިއާ ކަނޑުގައި ކުޅޭ ބޯޅައަކަށް ރާއްޖެ!

ބޭރުގެ ޑިޕްލޮމޭޓުންނަކީ ވަރަށް ވެސް އަބުއި ބައެކެވެ. އެބޭފުޅުން އެ ތިއްބަވާ ގައުމެއްގައި ވެސް މަގުތަކަށް ގިނަވެގެން މީހުން ކުރާހާ ކަމަކަަށް "ބޯކޮށްޕައި" ދުވެވަޑައިގެންނެވުމަކީ ކުރައްވާ ކަމެއް ނޫނެވެ. އެފަދަ މިންގަނޑުތަކެއް ހިފެހެއްޓުމުގައި ގިނަ ސަބަބުތަކެއް ވެއެވެ. ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމަށް ބުރޫ އަރާނެ ގޮތެއް މެދުވެރިވިޔަ ނުދިނުމަކީ އެއް ބޭނުމެވެ.

އެހެނީ ޑިޕްލޮމޭޓް ވަޑައިގެންނެވި ގައުމާ އޭނާ ހުންނެވި ގައުމާ ދެމެދު އޮންނަ ގުޅުމުގެ މުސްތަގުބަލާ މެދު ގޮތް ނިންމެވުމަކީ އޭނާއަށް އޮތް ކަމެއް ނޫނެވެ. އޭނާގެ ތަންފީޒު ކުރާނީ ފޮނުވި ސަރުކާރުން ކަނޑައަޅާ ސިޔާސަތެކެވެ. އެހެންވީމާ އެންބަސީއެއްގެ އިސް ބޭފުޅަކު ސިޔާސީ ޕާޓީއެއްގެ ބޮޑު ޖަލްސާއަކަށް ވަޑައިގަންނަވާނީ އޭނާގެ ގައުމުން އަނެއް ގައުމުގެ ސިޔާސީ ކަންކަމުގައި އެވަރަށް މެކެން ބޭނުން ވުމުންކަން ޔަގީންވެއެވެ. ރާއްޖޭގައި މިފަދަ ގޮތަކަށް އުޅުއްވާތަން އެންމެ ފުރަތަމަ ފެންނަން ފެށީ އިންޑިއާގެ އެންބަސީގެ ވެރިންނެވެ. ކުރީގެ ރައީސް މުހަައްމަދު ނަޝީދުގެ ވެރިކަމުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ބޮޑު ޖަލްސާއަކުން އިންޑިއާ އެންބަސީގެ ވަރަށް އިސް ބޭފުޅަކާ ބައްދަލުވި އެވެ.

"ދެން މިކަމާ އަޅުއްވާ ނުލައްވާ. މީ ދެން ހަމަ ބަލައިލިއްޔޭ،" ޖަލްސާގެ ފަހަތުގައި ކޮޅަށް ތިބި މީހުންގެ ތެރެއިން އެބޭފުޅާ ފެނިގެން ސުވާލު ކުރުމުން ދެއްވީ މި ޖަވާބެވެ.

އިންްޑިއާގެ ވެރިރަށް ނިއުދިއްލީގައި ގާއިމްވެފައިވާ "މިނިވަން" ތިންކް ޓޭންކެއް ކަމަށްވާ އިންސްޓްޓިއުޓް އޮފް ޑިފެންސް އެނަލިސިސް (އައިޑީއެސްއޭ) އަށް ޒިޔާރަތް ކުރުމުގެ ފުރުސަތެއް ފަހުން ލިބުނެވެ.

އޭރުގައި "ޕްރޯ އިންޑިއާ ރައީސް" ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން އޮތީ ވެއްޓިފަ އެވެ. އައިޑީއެސްއޭގެ އެނަލިސްޓުންނާއެކު ރާއްޖޭގެ ނޫސްވެރިން އެދުވަހު ދެއްކި ވާހަކަތަކަކީ ރާއްޖޭގެ ހާލަތު ވަޒަން ކޮށްލުމުގެ ވާހަކަތަކެކެވެ. އެކަމަކު އެކި ގޮތް ގޮތަށް ތަކުރާރުވީ ޗައިނާއާ ރާއްޖެއާ ގާތްކަން އުފެދެމުން އަންނަ ވަރު އޮޅުން ފިލުވުމުގެ ސުވާލުތަކެވެ. އޭރުގައި ހުންނެވި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން އޭރު އަދި ޗައިނާއާ އެއްކޮޅުވީއެއް ވެސް ނޫނެވެ. ހިނގިހާ ވެސް ކަމަކީ އިންޑިއާގެ ބޮޑު އިންވެސްޓަރަކު ރާއްޖޭން ބޭރު ކުރުމެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހަށް އިންޑިއާއިން ފައި އެއްލާފައި އޮތް މިންވަރު އެދުވަހު ވިސްނުނެވެ. އަވަށްޓެރި ސްރީލަންކާއިން އެފަދަ ވާހަކަތަކެއް ފެންމަތިވީ އަދި އޭގެ ފަހުންނެވެ. ލަންކާގެ ވެރިކަމުން ރާޖަޕަކްސާ ދުރު ކުރުމުގައި އިންޑިއާއިން ކުޅުނު ދައުރު އޭރުގައި ފަޅާ އެރިއެވެ.

ރާއްޖޭގެ ސިޔާސީ ކަންކަމުގައި އިންޑިއާގެ ބޭފުޅުން އެވަރަށް މެކި ވަޑައިގެން އުޅުއްވި އިރު ހުންނެވީ އިންޑިއާގެ ނޫސްތަކުން "ޕްރޯ އިންޑިއާ ޕްރެޒިޑެންޓް" ގެ ގޮތުގައި ސިފަ ކުރައްވާ ނަޝީދެވެ. ދެން އެހެންވީމާ ޕްރޯ ނޫން ބޭފުޅަކު ހުންނަވާ އިރު ވާނެ ގޮތް ލަފާ ކޮށްލަން އެނގޭނެ އެވެ.

އިންޑިއާއިން ޝައްކު ކުރަން ފެށުން

އިންޑިއާގެ ބެކްޔާޑުގެ ގޮތުގައި އެގައުމުގެ ސިޔާސީ އިސް ބޭފުޅުން ދެކެވަޑައިގަންނަވާ ރާއްޖެއާ މެދު ތަންކޮޅެއް ބޮޑަށް ވިސްނަން އޭރުގައި ޖެހުނީ އިންޑިއާގެ އިންވެސްޓަރަކު ބޭރުކޮށްލުމުންނެވެ. އަދި އެއަށް ވުރެ ވެސް ބޮޑު ކަމަކަށްވީ ވެރިކަން އޭރު ކުއްލި ގޮތަކަށް ވެރިކަން ލިބިވަޑައިގެންނެވި ބޭފުޅުން އެކަމުގައި އަމަލު ކުރެއްވި ގޮތެވެ. ކޮންޓްރެކްޓެއް ކެންސަލް ކުރުމަށްޓަކައި ސަރުކާރަކުން ކުރަން ނުޖެހޭ އެތައް ކަމެއް ރައީސް ވަހީދުގެ ސަރުކާރުން އޭރު ކުރެއްވި އެވެ. އެހެންނޫނީ ދެން އެއީ އެތައް ދުވަހެއް ވަންދެން އެއްވުންތައް ބާއްވައި އިންޑިއާ ސަރުކާރަށާއި އެގައުމުގެ ރައްޔިތުންނަށް ބަވަން ޖެހޭ ކަމެއް ނޫނެވެ. އެކަމަކު ކަންވީ އެހެންނެވެ.

މިހާރުގެ ހާލަތަށް ބަލާއިރު އޭގެ ތެރެއިން ގިނަ ބޭފުޅުން ތިއްބެވީ މިހާރުގެ ސަރުކާރުގަ އެވެ. ޚުދު ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނަކީ ވެސް އޭރުގައި އަޑު އުފުއްލެވި ބޭފުޅެކެވެ.

އެކަންތައް އެހެން ވުމުން އިންޑިއާއިން ރާއްޖެއާ ޗައިނާއާ ލައިދީ ކިޔަސް، އޭރުގައި ޗައިނާ އޮތީ ހިމޭނުންނެވެ. ނަމެސް އިންޑިއާއިން ފުރަތަމަ ވެސް ދެކުނީ ޖީއެމްއާރަށް އެއާޕޯޓު ކުއްޔަށް ދިނުމުގެ އެއްބަސްވުން އުވައިލީ ޗައިނާއަށް ޓަކައި ކަމަށެވެ. އެ އެއާޕޯޓު ދެން ހަވާލުކުރާނީ ޗައިނާއަށް ކަމަށް އިންޑިއާގެ ނޫސްތަކުން އޭރު އަޑު ފެތުރިއެވެ. އައިޑީއެސްއޭއިން ކުރި ސުވާލުތަކުން ވެސް ބަލަން ބޭނުންވީ ރާއްޖޭގައި ޗައިނާގެ "ޕްރެސެންސް" އޮތް ވަރެކެވެ.

ޗައިނާއާ ގުޅުން ބަދަހިވީ ކީއްވެ؟

ރައީސް ޔާމީނު ވެރިކަަމަށް ވަޑައިގެންނެވި އިރުވެސް އިންޑިއާއިން ރާއްޖެއަށް ކުރާ އިތުބާރު އޮތީ ވަރަށް ކުޑަވެފަ އެވެ. އެއީ އޭގެ ކުރީގެ ތިން އަހަރުގައި ކަންތައްތައް ހިނގި ގޮތުންނެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އިންޑިއާއިން އޮތީ ކޮޅެއް ނަގައިގެންނެވެ. ރާއްޖެގެ ރައީސް އިންޑިއާއަަށް ދަތުރުފުޅު ކުރެއްވުމުން ވެސް އިންޑިއާގެ ބޮޑުވަޒީޒު ނަރެންދުރާ މޯދީއަށް މިތަނަށް ވަޑައި ނުގެންނެވުނީ އެހެން ވެއެވެ. އެކަން ބާއްވާލާފައި އޮތީ ގޮތެއް ނުނިމޭ ގޮޅީގަ އެވެ. އިންޑިއާއިން ރާއްޖެއަށް ވާނެ ކަމަށް ވައުދުވީ އެހީތަކަށް ވެސް ދެންވީ އެހެންނެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ދޭން އުޅުނު އެމްއާރްއައި މެޝިނަށް ވެސް ވީ އެހެންނެވެ. އައިޖީއެމްއެޗް މަރާމާތު ކޮށްދިނުން ވެސް ފެށީ ލައްކަ ބަހަނާ ދެއްކުމަށް ފަހުގަ އެވެ.

ރާއްޖޭން ހުޅުވައިލި އިންވެސްޓްމެންޓް ފުރުސަތު ތަކަށް ވެސް އިންޑިއާގެ ކުންފުނިތައް ޝައުގުވެރިއެއް ނުވިއެވެ. އެމީހުން ރާއްޖެއަކީ އިންވެސްޓާ ފްރެންޑްލީ ގައުމެއްތޯ ބަލަން ހަދާ ލިތުމަސް ޓެސްޓަކީ ޖީއެމްއާރުގެ ތަޖުރިބާ އެވެ.

ޗައިނާއިން ކަންތައް ކުރީ އެއާ ހިލާފަށެވެ. އެމީހުން އެ ދަނޑިވަޅުގައި ސަރުކާރުގެ އަތުގައި ރަނގަޅަށް ހިފިއެވެ. މާލެއާ ހުޅުލެއާ ދެމެދު އަޅާ " ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އަޅަން ހަވާލުވީ އެވެ. ބޯހިޔާވަހިކަން ދިނުމުގެ މަޝްރޫއުގައި ވެސް ބައިވެރިވީއެވެ. ނަތީޖާއަކަށްވީ "ހަކުރު ދެންޏާ ބޮޑުބޭބެ" އޭ ބުނާ އުސޫލުންް ދިވެހި ސަރުކާރު އެދިމާލަށް ދީލައިލުމެވެ.

ޗައިނާއާ ރާއްޖެއާ ގުޅުން ބަދަހި ކުރުމުގައި ސަރުކާރުން ހައްދު ފަހަނަ އަޅައި ދިއުން އެއީ އަދި ވަކި ކަމެކެވެ. އެކަމަކު އެގުޅުން ބަދަހިވުމުގެ މައިގަނޑު ސަބަބަކީ ވަކި ސިޔާސީ ބޭފުޅެއްގެ ހައްގުގަައި ރާއްޖެއާ މެދު ފަރުވާ ކުޑަކޮށްލުމެވެ.

ޗައިނާއިން ބަސް ބުނަން ފެށުން

ރާއްޖެއަކީ އިންޑިއާ ކަނޑު ހުރަސްކޮށް އިރުން ހުޅަނގަށް ދަތުރުކުރާ މަގުގައި އޮތުމުގެ ސަބަބުން ސްޓްރެޓެޖިކް ގޮތުން ވަރަށް ވެސް މުހިއްމު ގައުމެކެވެ. އެކަމުގައި ޗައިނާއާއި އިންޑި އާއި އެމެރިކާއަކަށް ވެސް މާބޮޑު ތަފާތެއް ނެތެވެ. ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ ރާއްޖެއަށް ނުފޫޒު ފޯރުވުމުަގައި ޗައިނާއިން ކުރިން އަދާކުރަމުން އައީ ވަރަށް ހިމޭން ދައުރެއް ކަމެވެ. ރާއްޖެއާ ޗައިނާއާ ގުޅުވައިގެން އިންޑިއާއިން ކުރި ގިނަ ތުހުމަތުތަކަށް އެގައުމުން ކުރިން މާ ބޮޑަކަށް ޖަވާބުދާރީ ވެފައެއް ނެތެވެ.

އެކަމަކު މި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރު ތަންްފީޒު ނުކޮށް، ސަރުކާރުން ރާއްޖެ ހަލަބޮލިކޮށްލި ފަހުން ޗައިނާގެ އެ ސިޔާސަތު ބަދަލުވެއްޖެ އެވެ. އެ އަމުރު ތަންފީޒު ނުކޮށް އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ގެންގޮސް ހައްޔަރު ކުރުމުން ރައީސް ނަޝީދު ގޮވައިލެއްވީ އިންޑިއާގެ އެހީތެރި ކަމަށެވެ. ކުރިއާ ހިލާފަށް މިފަހަރު ގޮވައިލެއްވީ އަސްކަރީ އެހީއަށެވެ.

ނަޝީދު އޭރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހައްޔަރު ކޮށްފައިވާ ފަނޑިޔާރުންނާއި ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމާއި ފަނޑިޔާރުންނާއި އެހެނިހެން ގައިދީން މިނިވަން ކުރުމަށް އިންޑިއާގެ އަސްކަރީ ބާރާއެކު މަންދޫބަކު ފޮނުވަން އެދިވަޑައިގަންނަވާ ކަމަށެވެ. އެ ޓްވީޓުގައި އެމެރިކާގެ ކިބައިން ނަޝީދު އެދިވަޑައިގެންފައި ވަނީ އެމެރިކާގެ ބޭަންކްތައް މެދުވެރިކޮށް ރާއްޖޭގެ ވެރިން ކުރާ މުއާމަލާތްތައް ހުއްޓުވައި ދިނުމަށެވެ.

އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ ( ބީޖޭޕީ) ގެ އިސް ބޭފުޅަކު ހަމަ އޭރުގައި މެ އެކަމާ އެއްކޮޅަށް ވާހަކަ ދެއްކެވިއެވެ.

"ޗައިނާއިން އެމީހުންގެ ވުޖޫދު ރާއްޖޭގައި ވަރުގަދަ ކުރަމުން ދާއިރު ހިމޭނުން ކުޅިބަލަން ތިބޭ ބަޔަަކަށް އިންޑިއާ ވެގެން ނުވާނެ،" އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރުކަމައި ފިނޭންސް މިނިސްޓަރުކަން ވެސް ކުރިން ކުރައްވާފައިވާ ޔަޝްވަންތު ސިންހަ މިމަހުގެ 11 ވަނަ ދުވަހު ވިދާޅުވި އެެވެ.

ޖަވާބުގައި ޗައިނާއިން ބުނީ އިންޑިއާއިން ރާއްޖެއަށް ސިފައިން ފޮނުވައިފި ނަމަ އެކަން ހުއްޓުވަން ފިޔަވަޅު އަޅާނެ ކަަމަށެވެ.

"ޔޫއެން އިން ހުއްދަ ދީގެން ނޫންް ގޮތަކަށް ހަތިޔާރު އެޅި ބާރުތަކުން [ރާއްޖޭގެ ކަންތަކުގެ ތެރެއަށް] ވަންނާނެ ރަނގަޅު އެއްވެސް ސަބަބެއް ނޯންނާނެއެވެ. ދިވެހިރާއްޖޭގެ ދާހިލީ ކަންތައްތަކުގެ ތެރެއަކަށް ޗައިނާއަކުން ނުވަންނާނެއެވެ. އެކަމަކު އޭގެ މާނައަކީ ނިއުދިއްލީ އިން އުސޫލުތައް މުގުރާލާއިރު ޗައިނާއިން އަތް އުރާލައިގެން ތިބުމެއް ނޫނެވެ. އިންޑިއާއިންް އެކަނިން ދިވެހިރާއްޖެއަށް ސިފައިން ފޮނުވައިފި ނަމަ ނިއުދިއްލީ ހުއްޓުވަން ޗައިނާއިން ފިޔަވަޅު އަޅާނެއެވެ،" ގްލޯބަލް ޓައިމްސްގެ އެޑިޓޯރިއަލް ވެއެވެ.

ގްލޯބަލް ޓައިމްސްގައި ލިޔާ އެޑިޓޯރިއަލް ތަކަކީ ޗައިނާ ސަރުކާރުގެ ބުނުންތަކުގެ ގޮތުގައި ބައިނަލް އަގުވާމީ މީޑިއާތަކުން އަބަދު ވެސް ނަގައެވެ. ޗައިނާއިން އެކަމަކާ ދެކޮޅެއް ވެސް ނުހަދައެވެ.

އެހާ ފާޅުގައި ރާއްޖޭގެ ކަމެއްގައި ބަސްބުނެ، އިންޑިއާއަށް ގޮންޖެހުމަކީ ޗައިނާއިން ކުރިން ކުރާ ކެމެއް ނޫނެވެ.

ނަތީޖާއަކީ؟

އިންޑިއާއާއި ޗައިނާގެ މި ޒުވާބާ އެކު ސަރުކާރުން މިހާރު ވަނީ މާ ފާޅުގައި ޗައިނާއަށް ތާއީދު ކޮށްފަ އެވެ. ރައީސް ޔާމީނު ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ އެންމެ ގާތް ރަހުމަތްތެރިން ކަމަށެވެ.

"ހާރިޖީ ސިޔާސަތުންވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ލިބިގެން ދިޔައީ ނަސްރު. މިއަދު މިދެންނެވި ގޮތަށް ނިންމެވުމުގައި އަޅުގަނޑުމެންނަށް މަސަައްްކަތް ކޮށްދެއްވީ އަޅުގަނޑުމެންގެ އެންމެ ގާތް ރަހުމަތްތެރިން. ރަޝިޔާއާ ޗައިނާއާ ސައުދީ އެރެބިއާއާ،" ޕީޕީއެމުން ފެބްރުއަރީމަހުގެ 10 ވަނަ ދުވަހު ބޭއްވި އެއްވުމެއްގައި ރައީސް ވިދާޅުވި އެވެ.

ނަތީޖާއަކީ އިންޑިއާއިން އިތުރަށް ރުޅިގަދަވުމެވެ. އެގައުމުގެ ނޫސްތައްް މެދުވެރިކޮށް ސަރުކާރުން މިހާރު ވަނީ އެ އުދާސްތައް ބޭރުކުރަން ފަށާފަ އެވެ. ކުރިން ވެފައިވާ ވައުދުތަކާ ރާއްޖޭން ހިލާފުވެފައިވާ ވަރު "ނަން ހާމަ ނުކުރާ މަސްދަރުތަކުންދޭ މައުލޫމާތު" ގެ ގޮތުގައި މިހާރު ވަނީ ކިޔައިދޭން ފަށާފައެވެ.

ދަ ނިއު އިންޑިއަން އެކްސްޕްރެސް އިން އިއްޔެގައި ޖެހި ހަބަރަކީ އެފަދަ ކަމެކެވެ. އެ ހަބަރުގައި ބުނެފައި ވަނީ އިންޑިއާއިން ރާއްޖޭގައި ބަހައްފައި ހުރި ކޯސްޓަލް ސަވައިލެންސް ރާޑާ ސިސްޓަމް (ސީއެސްއާރްއެސް) ތަކުން ޓްރާންސްމިޓް ކުރުން ހުއްޓާލާފައިވާ ކަމަށާއި އޭގެ ސަބަބުން އިންޑިއާގެ ދެކުނުން އޮންނަ އެ ގައުމުގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ދަތިވެފައިވާ ކަމަށެވެ.

އެ ސިސްޓަމްތަކުން ކުރަމުން އައި ކަންތައް ވެސް ވަނީ ފާޅުގައި ބުނެފައެވެ. އެއީ ޗައިނާއަށް ޖާސޫސް ކުރުމެވެ. އެ ނޫހުން ބުނީ ރާއްޖޭގައިވާ ރާޑަރުތައް މަސައްކަތް ނުކުރާ ނަމަ ރާއްޖޭގެ ކައިރިންނާއި ރާއްޖޭގެ ތެރެއިން ކުރާ ކަނޑުދަތުރުތައް، ހާއްސަކޮށް ޗައިނާގެ އުޅަނދުތަކުގެ ކަންތައްތައް ބަލަން ޖެހޭނީ ރާއްޖޭގައި އޮތް ހެލިކޮޕްޓަރު ބޭނުން ކޮށްގެން ކަމަށެވެ.

މިއީ އެހާ އާދައިގެ ކަމެއް ނޫނެވެ. މިކަމުން މި ފެންނަނީ ބޮޑެތި ބާރު ތަކުން އިންޑިއާ ކަނޑުގެ ކޮންޓްރޯލް ނަގަން ކުޅޭ ފުޓްބޯޅައަކަށް ރާއްޖެ މިހާރު ރަނގަޅަށް ވެސް ވެފައިވާ ކަމެވެ.

މީގެ ނަތީޖާ ރާއްޖެއަކަށް ރަނގަޅެއް ނުވާނެއެވެ. އިންޑިއާ ޗައިނާއަކީ މުއްސަނދިކަމާއި ބާރުގެ ގޮތުން ދާދި އެއްވަރު ދެ ގައުމެވެ. ހަމަ އެކަނި ތަފާތަކީ ދެން އޮތް ބޮޑު ބާރުކަމަށްވާ އެމެރިކާ މިހާރު އޮތީ އިންޑިއާ އެއްކޮޅަށް ކަމަށް ވުމެވެ. އެހެންވީމާ މިފަދަ ބާރު ތަކަކުން ވާދަ ކުރާ ތަނަކަށް ވުމުން ރާއްޖޭގެ އެތެރޭގައި ވެސް އެ ގައުމުގެ ހަރަކާތްތައް ހީނުކުރާ ވަރަށް ހިނގާނެއެވެ.

ކުރިން ބުނިހެން އެއްވުންތަކުގެ ފަހަތު ބަރިން ޑިޕްލޮމޭޓުން ފެނުމާއި ޑިޕްލޮމޭޓުން ބައިވެރިވާ ސިއްރު ބައްދަލުވުންތައް ވެސް ބެލެވެނީ ގިނަވާނެ ކަމަށެވެ. އެހެންވީމާ ރާއްޖޭގެ ސިޔާސީ މަޝްރަހުން ވެސް ފެންނާނީ އެ ބާރުތަކުން ކުރާ މަސައްކަތެވެ. ހީ ނުކުރާ ކަހަލަ ބޮޑެތި ފުރޮޅުންތައް ފެނުމަކީ ދުރު ކަމެއް ނޫނެވެ.