ވިޔަފާރި

ލިޓަސްގެ މުވައްޒަފުންނަށް ޗުއްޓީ ދިނީ ތައިލެންޑުން!

Feb 19, 2018
8
  • ތައިލެންޑުގައި އެނުއަލް ޑިނާ ނައިޓް ބާއްވާނެ
  • މި ދަތުރުގައި 80 މުވައްޒަފުން ބައިވެރިވި
  • ދަތުރުގެ ހަރަދު ދެނީ ލިޓަސް އިން

ދާދި ފަހުން ޗައިނާގެ ކުންފުންޏެއްގެ ތިން ހާހެއްހާ މުވައްޒަފުން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރި އެވެ. މި މުވައްޒަފުން ރާއްޖެ ގެނެސް ހިލޭ ޗުއްޓީއެއް ދިނީ، މެނޭޖުމަންޓުގެ ހަރަދުގަ އެވެ. މިއީ ރާއްޖޭގައި އެހާ އާއްމު ކަމެއް ނޫނެވެ. ގައުމުން ބޭރަށް ގިނަ އަދަދެއްގެ މުވައްޒަފުން ގޮވައިގެން ޗުއްޓީއަށް ގޮސް ހަދާތަން ނުފެނެ އެވެ. ނަމަވެސް، ލިޓަސް އިން މިދިޔަ އަހަރު ފެށިގެން ވަނީ މި ކަން ފަށާފަ އެވެ. މިގޮތުން މި އަހަރުވެސް ލިޓަސް އިން މި ވަނީ މުވައްޒަފުންނާއެކު ރާއްޖޭން ބޭރަށް ޗުއްޓީ އަށް ނައްޓާލާފަ އެވެ.

"މި ދަތުރުގެ މަގުސަދަކީ ތަފާތު މާހައުލެއް މުވައްޒަފުންނަށް ދިނުން. ޓީމްވޯކް ވަރު ގަދަ ކުރުން،" ރޭ ތައިލެންޑަށް ފުރި ލިޓަސްގެ މެނޭޖަރު ސޭލްސް އެންޑް މާކެޓިން އާސިފު ރަޝީދު "އަވަސް" އަށް ވިދާޅުވި އެވެ.

މި ދަތުރުގެ މަގުސަދަކީ ތަފާތު މާހައުލެއް މުވައްޒަފުންނަށް ދިނުން. ޓީމްވޯކް ވަރު ގަދަ ކުރުން
ލިޓަސްގެ މެނޭޖަރު ސޭލްސް އެންޑް މާކެޓިން އާސިފު ރަޝީދު

ސައިކަލާއި އިލެކްޓްރޯނިކްސްގެ ވިޔަފާރީގައި ރާއްޖޭގައި ނަން މަޝްހޫރު ލިޓަސްގެ މުވައްޒަފުން މި ދަތުރުގައި ތައިލެންޑުގެ ބެންކޮކްގައި ފަސް ދުވަސް ހޭދަކުރާނެ އެވެ. މި ދަތުރުގެ ބޭނުމަކީ އެ ކުންފުނިން މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަ "އެނުއަލް ޑިނާ ނައިޓް" ބޭއްވުމެވެ. މިދިޔަ އަހަރު ލިޓަސްގެ މުވައްޒަފުން ޑިނާ ނައިޓް ބޭއްވީ ސްރީލަންކާގެ ކޮލަމްބޯގަ އެވެ.

ބެންކޮކްގައި މި ފަހަރު ބާއްވާ "އެނުއަލް ޑިނާ ނައިޓްސް 2018" ގައި އެ ކުންފުނީގެ 80 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވި އެވެ. މި ދަތުރުގެ ހުރިހާ ހަރަދެއް ކުރަނީ އެ ކުންފުނީގެ މެނޭޖުމަންޓުންނެވެ.

"މި ދަތުރުގައި ފަސް ދުވަސް ހޭދަކުރާއިރު ޓްރެއިނިން އާއި ތަފާތު އެކްޓިވިޓީ ތަކެއް ހިންގާނެ،" އާސިފު ވިދާޅުވި އެވެ.

ދެހާސް ބާރަވަނަ އަހަރު ލޮޖިސްޓިން ވިޔަފާރީގެ ތެރެއަށް ނުކުތް ލިޓަސްއަކީ މިހާރު ސައިކަލްގެ ވިޔަފާރީގައި ރާއްޖޭގައި މަޝްހޫރު ނަމެކެވެ. އެ ކުންފުނީގެ 12 ފިހާރައެއް ރާއްޖޭގައި ވަނީ ހުޅުވާފަ އެވެ. މިގޮތުން އެ ކުންފުނިން ވަނީ ގޭތެރެ އަށް ބޭނުންވާ ސާމާނު ވިއްކާ ފިހާރަ އެއް ވެސް ހުޅުވާފަ އެވެ. ލިޓަސް ހޯމް ސެންޓަރު ފިހާރާގައި ދޮންނަ މެޝިނާއި އައިސް އަލަމާރި އަދި ޓީވީ އާއި އެ ނޫން ވެސް ސާމާނު ލިބެން ހުރެ އެވެ.

ވިޔަފާރީގެ ކާމިޔާބީއާއެކު ލިޓަސްގެ މިހާރު އަމާޒަކީ މުވައްޒަފުން ނަށް އުފާވެރި މާހައުލެއް ގެނެސް ދިނުމެވެ. އަދި މުވައްޒަފުންގެ ގުޅުން ބަދަހިކޮށް ޓީމްވޯކް ވަރު ގަދަ ކުރުމެވެ. އެ ކުންފުނީގެ މެނޭޖުމަންޓުން މުވައްޒަފުންނަށް ރާއްޖޭން ބޭރުގައި ހިލޭ ޗުއްޓީއެއް ދިނީ ވެސް އެހެންވެ އެވެ.