ޒުވާން ވިންގާ މާކޯ އެސެންސިއޯ ކާމިޔާބު ކުރި ދެ ލަނޑާއެކު 5-3 ގެ ނަތީޖާއަކުން ރެއާލް ބެޓިސްގެ މައްޗަށް ރެއާލް މެޑްރިޑުން ކުރި ހޯދައިފި އެވެ.
ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި، ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް، މެޗުގެ ތަރިއަކަށްވީ އެސެންސިއޯ އެވެ. އެ މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ނިކުމެ ރެއާލްއަށް މެޗު އަނބުރާލަ ދިނީ އޭނާ އެވެ.
ބެޓިސްއާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ކުޅުނު މެޗުގައި، ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ވަނީ އެސެންސިއޯއަށް ފުރަތަމަ 11 އިން ފުރުސަތު ދީފަ އެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓްގައި ރެއާލްއަށް ކާމިޔާބު ކޮށްދިނީ އެސެންސިއޯ އެވެ. ބެޓިސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ބޯޅަ ބެޓިސްގެ ކީޕަރު އަންޓޯނިއޯ އަދާން ދިފާއު ކުރުމުން ރީބައުންސަށް ނިކުތް ބޯޅަ އެސެންސިއޯ ގޯލް ތެރެއަށް ފޮނުވާލީ އޭނާގެ ބޮލުން ޖަހަ އެވެ.
މެޗުގެ 33 ވަނަ މިނެޓްގައި، ބެޓިސް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މަންޑީ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ބެޓިސްއިން ލީޑް ނެގި އެވެ. އެ ޓީމުން އުފެއްދި ހަމަލާއެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި ބޯޅަ ރެއާލްގެ ގޯލަށް ވަނީ އެ ޓީމުގެ ޑިފެންޑަރު ނަޗޯ އަތުންނެވެ.
ނަމަވެސް ދެ ވަނަ ހާފު ފެށިގެން 50 ވަނަ މިނެޓްގައި، ލޫކަސް ވަޒުކްއޭޒް ނެގި ކޯނަރެއް ބޮލުން ޖަހައި ކެޕްޓަން ސާޖިއޯ ރާމޯސް ރެއާލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އޭގެ ނުވަ މިނެޓް ފަހުން އަނެއްކާވެސް އެސެންސިއޯ ރެއާލް އަށް ލީޑް ނަގައިދިނެވެ. އޭނާ އެ ޖެހި ލަނޑަކީ ލަލީގާގައި ރެއާލް މެޑްރިޑުން ކާމިޔާބު ކުރި 6000 ވަނަ ލަނޑެވެ.
ރެއާލްގެ އަނެއް ދެ ލަނޑު ކާމިޔާބު ކުރީ ރޮނާލްޑޯ އާއި އޭނާގެ ބަދަލުގައި ކުޅެން ނިކުތް ކަރީމް ބެންޒެމާ އެވެ. ރޮނާލްޑޯގެ ލަނޑަށް ފަހު ބެޓިސްއިން އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހި އެވެ. އެ ލަނޑު ކާމިޔާބު ކުރީ ސާޖިއޯ ލިއޯން އެވެ.
ރެއާލް މެޑްރިޑް ތާވަލުގެ ހަތަރު ވަނައިގައި އޮތީ، 45 ޕޮއިންޓާއެކު ތިން ވަނައިގައި އޮތް ވެލެންސިއާ 46 ޕޮއިންޓެވެ. ދެ ވަނައިގައި އެތުލެޓީކޯ މެޑްރިޑް އޮތީ 55 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނައިގައި ބާސެލޯނާ އޮތީ 62 ޕޮއިންޓާއެކު އެވެ.