ކުޅިވަރު

އެއްމެޗެއްގައި 10 ރަތްކާޑު، އަދަދު މަދުވުމުން މެޗު ހުއްޓާލީ

ބްރެޒިލްގެ ބަހިއާ ސްޓޭޓް ޗެމްޕިއަންޝިޕްގެ ޑާބީ މެޗެއްގައި 10 ރަތް ކާޑު ދައްކައި މެޗު ކުޅުމަށް އަދަދު ހަމަ ނުވާތީ މެޗު ހުއްޓާލައިފި އެވެ.

ވިޓޯރިއާ އާއި ބަހިއާ ކުޅުނު މެޗުގައި ޖުމުލަ 18 ކާޑު ދެއްކި އެވެ. އެއީ އަށް ރީނދޫ ކާޑުވެސް ހިމަނައިގެންނެވެ. މެޗު ކުޅެމުން ދިޔައީ ވިޓޯރިއާގެ ދަނޑުގަ އެވެ. ފުރަތަމަ ހާފުގައި ވިޓޯރިއާ ލީޑް ގައި އޮވެގެން ނިމިގެން ދިޔަ އެވެ. ހަ ރީނދޫ ކާޑޫ ދެއްކި ނަމަވެސް ފުރަތަމަ ހާފު ނިމިގެން ދިޔައީ ވަރަށް އޮމާން ކޮށެވެ.

މައްސަލަ ފެންމަތިވީ ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓްގައި ބަހިއާ ދިން ޕެނަލްޓީ، އެ ޓީމުގެ ވިނީސިއަސް ކާމިޔާބު ކުރުމަށްފަހު ވިޓޯރިއާގެ ސަޕޯޓަރުން ތިބި ސަރަހައްދަށް ގޮސް އުފާފާޅު ކުރުމުންނެވެ. އެ ވަގުތު ހަމަނުޖެހުންތައް ފެށިގެން ދިޔަ އެވެ. ވިޓޯރިއާގެ ސަޕޯޓަރުން ރުޅި ގަދަވެ ދަނޑަށް އެއްޗިހި އުކިއެވެ. ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައިވެސް ހަމަނުޖެހުންތައް ހިނގި އެވެ.

އެ މައްސަލަ ގަނޑުގެ ތެރޭގައި 16 މިނެޓް ހޭދަވި އެވެ. ޖުމުލަ އަށް ކުޅުންތެރިންނަށް ރެފްރީ ރަތް ކާޑު ދެއްކައި އަލުން މެޗު ކުރިއަށް ގެންދިޔަ އެވެ. އެއީ ބަހައިއާގެ ފަސް ކުޅުންތެރިންނަށާއި ވިޓޯރިއާގެ ތިން ކުޅުންތެރިންނަށެވެ. ބަހިއާ ދެއްކި ފަސް ރަތް ކާޑުގެ ތެރެއިން ދެ ކާޑު ދެއްކީ ބެންޗުގައި ތިބި ކުޅުންތެރިންނަށެވެ.

ނަމަވެސް މެޗު ނިމެން 11 މިނެޓަށް ވެފައި ވަނިކޮށް ވިޓޯރިއާގެ އިތުރު ދެ ކުޅުންތެރިޔަކަށް ރަތް ކާޑު ދައްކި އެވެ. ވިޓޯރިއާއިން ރަތް ކާޑު ދެއްކީ މެޗުގައި ކުޅެމުން ދިޔަ ކުޅުންތެރިންނަށެވެ. އެހެންވެ އެ ޓީމު ކުޅުންތެރިންގެ އަދަދު ފުޓްބޯޅައިގެ ގަވާއިދު ބުނާ އަދަދަށްވުރެ މަދުވުމުން މެޗު ކުރިއަށް ނުގެންދެވި ހުއްޓާލީ އެވެ. ފުޓްބޯޅައިގެ ގަވާއިދު ބުނާގޮތުން މެޗު ކުރިއަށް ގެންދެވޭނީ ޓީމުގައި މަދުވެގެން ހަތް ކުޅުންތެރިން ތިބުމުންނެވެ.

ބެލެވޭ ގޮތުގައި، މި މެޗުގައި ތިން ލަނޑާއި ތިން ތިން ޕޮއިންޓް ބަހިއާ އަށް ލިބޭނެ ކަމަށް ނިންމާނެ އެވެ. މައްސަލަ ނިންމާނީ ބްރެޒިލްގެ ސްޕޯޓްސް ކޯޓުންނެވެ.