ރިޕޯޓް

ސުވައިދީބު ޕާލަމެންޓް މާ މިނިވަން، މާ ބިރުވެރި!

އައްޑު އަތޮޅާއި ފުވައްމުލަކާއި ހުވަދު އަތޮޅު (ގއ. ގދ) ހިމެނޭ ގޮތަށް އުފެއްދި ދައުލަތް، ޔުނައިޓެޑް ސުވާދީބް ރިިޕަބްލިކް ނުވަތަ އެކުވެރި ސުވާދީބް ޖުމްހޫރިއްޔާއަށް 56 އަހަރު، ފުރޭނީ އަންނަ ޖަނަވަރީން ތިން ވަނަ ދުވަހު އެވެ. މި ރިޕޯޓް އަވަސް ކޮށްލީ މާދަމާއަކީ ރާއްޖޭގެ ޕާލަމެންޓްރީ އަދި ގައުމީ ހަޔާތުގެ މުހިންމު ދުވަހަކަށް ވެފައި ދިވެހި ދައުލަތުން ވަކިވެ، އުފެއްދި ސުވާދީބު ދައުލަތާއި އެ ދައުލަތުގެ ޕާލަމެންޓްރީ ހަޔާތުގެ މައްޗަށް އަވަސް ކަޅިއެއް އަޅައިލާން ވެގެނެވެ.

"ސުވާދީބަކީ އެންމެ އިހުޒަމާނުގައި އެންމެ ދެކުނުގެ ތިން އަތޮޅު ކަމަށްވާ އައްޑޫ އަތޮޅާއި ފުވައްމުލަކާއި ހުވަދު އަތޮޅަށް ދިވެހިން ކިޔައި އުޅުނު ޖުމްލަ ނަން އެ ނަމަށް ނިސްބަތްކޮށް އެ ޖުމްހޫރިއްޔާއަށް ނަން ދިނީ. އެ ނަން ކިޔުމުގެ މޭސްތިރިއަކީ ސުވާދީބު ސަރުކާރުގެ ރައީސް އަފީފު ދީދީ." ތާރީހު ލިޔުންތެރިޔާ، މަރުހޫމް ސިއްކަގޭ މުހައްމަދު ނަސީމް ވިދާޅުވި އެވެ. – -- މި މައުލޫމާތު އަޅުގަނޑުގެ ޑައިރީގައި ނޯޓް ކުރެވިފައި ވަނީ އޮކްޓޫބަރު 17، 2010 ގެ ހަވީރު 5:30، ހ، ސުނާރުގައެވެ. --

ހެކިތަކަށް ބަލާއިރު ސުވާދީބް ދައުލަތް އެކުލަވާލާފައި އޮތީ ފެޑެރަލް ޑިމޮކްރެޓިކް ޕްރެޒިޑެންޝަލް ނިޒާމެއްގެ މައްޗަށް ކަމަށް މުޅިން ބުރަވެވެ އެވެ. އެހެން ކަމުން ދައުލަތުގައި ހިމެނުނު ކޮންމެ އަތޮޅަކަށް ވެސް ވަކި ދިދައެއް ހާއްސަވެ އެވެ. އަދި މުޅި ދައުލަތަށް ވަކި ދިދައެއް ވިހުރުވައެވެ.

މާދަމާއަކީ ރާއްޖޭގެ ޕާލެންޓްރީ ހަޔާތުގެ ބޮޑު ދުވަހަށް ވާތީ މި ރިޕޯޓްގައި ސުވައިދީބް ދައުލަތާއި ސަރުކާރުގެ ކަންކަންމުގެ މައްޗަށް އަލި އަޅުވާލުމުގެ ބަދަލުގައި ހާލިބާލި ނުވާނީ ހަމައެކަނި ސުވާދީބު ދައުލަތުގެ ޕާލަމެންޓްރީ ހަޔާތަށް ވަނިއްޔާ އެވެ. -- އެ ދައުލަތުގެ އެހެން ވާހަކަތަކަށް އެެހެން ފަހަރަކުން ލިޔާނީ އެވެ. --

އިނގިރޭސި އާކައިވް އާއި ރާއްޖެއިން ފެންނަން ހުރި ތާރީހީ ލިޔުންތަކާއި ސުވާދީބު ސަރުކާރު ތަޖަރުބާކުރި ބައެއް ބޭބޭފުޅުންނާ ހަވާލާދީ އެކި ފަރާތްތަކުން ބުނެދީފައިވާ ވާހަކަތަކަށް ބަލާއިރު ސުވާދީބު ދައުލަތުގެ ރައްޔިތުންގެ މަޖިލީހަކީ ނުވަތަ ޕާލަމެންޓަކީ މިޒަމާނުގެ ޑިމޮކްރަސީއަކަށް ފިޓްވާ ގޮތަށް ފައްކާކޮށްފައި އޮތް ވަރަށް މިނިވަން އެހާ ޑިމޮކްރެޓިކް ޕާލަމެންޓެކެވެ.

"އެމްޑީޕީގެ ގައުމީ މަޖިލިސް ހިނގާނީ ސުވާދީބް ސަރުކާރުގެ ޕާލަމެންޓް ވެސް ހިނގިހާ މިނިވަން" ކޮށް ކަމަށެވެ. -- މ. ޔާގޫތު ގޭގައި އިންނަވައިގެން އެ އިންޓަވިއު ދެއްވި އިރު ހާމިދު އަބްދުލް ޣަފޫރާއި ކުރީގެ ވަޒީރު މުހައްމަދު އަސްލަމް އިންނެވި އެވެ.--

"ކޮންގްރެސް ތެރެއިން ގައުމީ މަޖިލީހެއް އަންނާނީ، އެ ގައުމީ މަޖިލިސް މިނިވަން ވާނެ ޑިމޮކްރެޓިކްވާނެ، ރާއްޖެއިން މިސާލެން ނަގާނަމަ އެއީ ސުވާދީބު ސަރުކާރުގެ ޕާލަމެންޓްހާ މިނިވަން ތަނެއް، ކެކޭ ކަހަލަ ބަހުސް ހިނގާނީ،" ނަޝީދު ވިދާޅުވި އެވެ.

ދިރާސާތައް ބުނާ ގޮތުން ސުވާދީބު ދައުލަތުގެ ޕާލަމެންޓްގެ ފޯމޭޝަނާއި ގޮނޑިތައް ތަރުތީބު ކޮށްފައި ވަނީ ވެސް ލަންޑަން ޕާލަމެންޓް، ވެސްޓްމިންސްޓާ ވެސް އޮތް އުސޫލަށެވެ. އަދި ޕާލަމެންޓަށް މައްސަލަ އާއި ބިލު ހުށަހަޅައި ބަހުސްތައް ކުރުމާއި ބައިލައި ގަތުމާއި ފާސް ކުރުން ވެސް އޮތީ އެ ނިޒާމުގެ ތެރޭގައި ބުރު ހަމަވެ ވަށައި ޖެހޭ ގޮތަށެވެ.

ސުވާދީބް ދައުލަތުގެ ޕާލަމެންޓަށް ކިޔާ އާންމު ނަމަކީ ޕާލަމެންޓް ނުވަތަ އެސެމްބްލީ އެވެ. އެ ބާރުގައި ދާއިމީ ކޮމެޓީ ތަކާއި ވަގުތީ ކޮމެޓީތައް ވެސް ތަރުތީބު ވެފައިވެއެވެ. އިދާރީ ހިންގުމާއި ވަކި ކުރެވި ދެފުށް ފެންނަ، އާންމުންނަށް ހުޅުވައިލެވޭ ގޮތަށާއި ކްލޯސް ޑޯ ޑިބޭޓް ހިނގައެވެ. މަޖިލިސް ކުރާ ގެއަކީ ގަމުގައި ހުންނަ މާރަނގަ އެވެ.

ޕާލަމެންޓަށް މެންބަރު އިންތިހާބ ކުރީ އެކަމަށް "ޓައިމްސް އޮފް އައްޑޫ" ގައި އިއުލާންކޮށް، ކުރިމަތިލައި ހިސާބަކަށް ކެމްޕޭން ވެސް ކޮށްގެނެވެ. ޕާލަމެންޓްގެ ރައީސް އިންތިހާބު ކުރީ ރައްޔިތުން އިންތިހާބު ކުރި މެންބަރުންގެ ތެރެއިން ވޯޓް ނަގައިގެނެވެ. އެއީ ސިއްރު ވޯޓެއް ކަމެއް އަތް އުފުލައިގެން ކަމެއް ސާފެއް ނުވެއެވެ.

ސަބަބަކީ މުޅި ސުވާދީބުގެ ދައުލަތުގައި އޮތީ ފެޑެރަލް ޕާލަމެންޓެކަށްވުމުން ކޮންމެ އަތޮޅެއްގައިވެސް ސަރަހައްދީ ޕާލަމެންޓެއް އޮންނާތީ އާއި އެސެމްބްލީގެ ފުރަތަމަ އިންތިހާބާ ކުރިމަތިވި އިރު އަނެއް ދެއަތޮޅު ދޮކޮޅަށް ދެފައި، އެއްފައި މާލެއަށް އަނެއްފައި އައްޑުއަށް ލައިގެން އޮތުމުންނެވެ. އަދި ދިވެހި ސަރުކާރުގެ އަސްކަރީ ފިޔަވަޅުތަކުގެ ސަބަބުން އެ އިންތިހާބު ހުވަދު އަތޮޅާއި ފުވައްމުލަކުގައި ބޭއްވޭ ގޮތެއް ނުވި އެވެ.

ސުވާދީބު ދައުލަތުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮތީ އެޕްރީލް 1961 ގަ އެވެ. ފުރަތަމަ އިންތިހާބުގައި މަޖިލީހަށް އިންތިހާބު ކުރާ 51 މެންބަރުން އިންތިހާބު ކުރުމަށް އައްޑު އަތޮޅުގެ ހަ ރަށުން 244 ކެންޑިޑޭޓުން ކުރިމަތިލި އެވެ.

އަވަސްކޮށް މި ބަލައިލަނީ އައްޑޫ އިންތިހާބުގައި ދާއިރާތަކުން ހޮވުނު މެންބަރުންނަށާއި ލިބުނު ވޯޓަށާއި ޕާލަމެންޓް ހިނގައި ދިޔަ ގޮތުގެ މައްޗަށެވެ.

ހިތަދޫން އިންތިހާބު 17 މެންބަރުން:

ފޭދޫގެ 10 މެންބަރުން:

މަރަދޫ ފޭދޫ ތިން މެންބަރުން:

މަޖިލީހަށް ރައީސް އަބްދުﷲ އަފީފް އައްޔަން ކުރައްވާ މެންބަރުގެ ގޮތުގައި އައްޔަން ކުރެއްވީ މުހައްމަދު އިބްރާހިމް ދީދީ އެވެ.

ދިވެހި ރާއްޖޭގެ ޕާލަމެންޓްރީ ހަޔާތުގައި އިބްރާހިމް ޝިހާބާއި އިބްރާހިމް ނާސިރާއި މާދޫގޭ އަލީ އަހުމަދާއި ހަސަން އަފީފާއި މުހައްމަދު ޝިހާބާއި މުހައްމަދު ނަޝީދާއި (އަންނި) އާއި އިބްރާހިމް ޝަރީފް (މަވޯޓާ) ފަދައިން އައްޑޫ ފެޑެރަލް އެސެމްބްލީގައި ވެސް އާދަޔާހިލާފު އެމްޕީން ފެނުނެވެ.

އޭގެ ތެރެއިން ތަޅުމުގަ އާއި ކޮމެޓީތަކުގައި އެންމެ ފާހަގަ ކޮށްލެވުނު މެންބަރުންގެ ތެރޭގައި ރެކިދީދީގެ ވަހީދާއި އަބްދުﷲ ނާފިޒް ހިމެނެ އެވެ. އެއީ އާދަޔާ ހިލާފު ދެ އެމްޕީންނެވެ. މީގެ ތެރެއިން ނާފިޒަކީ މިހާރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ބަފައިބެއެވެ. މުހައްމަދު އިބްރާހިމް ދީދީ އާއި މުސާ ވަޖުދީ އަކީ ވެސް ފާހަގަކޮށްލެވޭ ދެ މެމްބަރުންނެވެ.

މުޅި މަޖިލީހުގައި ވެސް އެންމެ ވަރުގަދަ އަދި އަނގަ ގަދަ މެންބަރަކީ އިންތިހާބުގައި 187 ވޯޓު ހޯއްދަވައިގެން ވަޑައިގެންނެވި މީދޫ މެންބަރު މުހައްމަދު ނަސީމެވެ. ގިނަ މެންބަރުންނަކީ ވަރަށް މނިވަން މެންބަރުންނެވެ. ބަހުސްތަކުގައި އެއްގަލަކަށް ނޭރިގެން ކިތަންމެ ހާލަތެއް އާދެ އެވެ.

އެ މަޖިލީހުގައި މާ ވަރުގަދަ މެންބަރަކު އިންނަވަ އެވެ. އެއީ ރެކިދީދީ ވަހީދެވެ. އޭނާގެ ހިޔާލު އޭރު ވެސް ހުރީ މިޒަމާނާ ވަރަށް ގާތްކުރާ ގޮތަކަށެވެ. ޓެކްސްއާ ބެހޭ ގޮތުން ވަރަށް ތަނަވަސް ހިޔާލު މަޖިލީހަށް ހުށަހެޅުއްވި އެވެ. އެދުވަސްވަރު ވެސް ޓެކުހަކީ އައްޑު އަތޮޅު މީހުންނަށް އާ އެއްޗެއް ނޫނެވެ. އެ ގޮތުން އަފީފުގެ ސަރުކާރުގައި ޓެކްސް ނަގާ ވަރު ބޮޑު ކަމަށް ބުނެ އޭނާ ސަރުކާރަށް ވަރަށް ފާޑު ވިދާޅުވެގެން ބޮނޑިއެއް ވެސް ބުޔެވެ.

އެ ބަހުސްގައި މަޖިލީހުގައި ވަހީދުގެ އަނގަ ގަދަވުމުން ދަމާހަލާ ހިތަދުއަށް ގެންގޮސް ކާޑުގޭގައި އޭނާ ބަންދުކޮށް ބިރުދައްކައި ރޯނުން ދެ އަތް ބަންނަން ސަރުކާރުން މަސައްކަތްކޮށްފައި ވެއެވެ. އެކަން ކުރީ އަފީފު އޭނާ ދިރިއުޅުއްވާ ފިނިފެންމާގޭގައި އިންނަވައި ސީދާ އޯޑަރު ނެރުއްވައިގެނެވެ.

އައްޑޫ ޕާލަމެންޓަށް ހުށަހެޅު އެންމެ ފާހަގަކޮށްލެވޭ ބިލަކީ އަދި ވެސް ރާއްޖޭގައި މުޅި ހަމައަކަށް ނޭޅި އޮތް ޓެކްސްގެ ބިލެވެ. އަދި ބިމާބެހޭ ބިލާއި ބޭންކިންއާއި ދަތުރުފަތުރާބެހޭ ބިލާއި ތަރިކާ މުދަލާ ބެހޭ ބިލާއި އަރުވާލުމާ ބެހޭ ބިލާއި ކުށް ކަނޑައެޅުމާބެހޭ ބިލާއި (އަދިވެސް ކުށުގެ ބާވަތް ކަނޑައެޅުމުގެ ގާނޫނެއް ނެތް) ޕަބްލިކް ޔުޓިލިޓީޒްއާބެހޭ ބިލާއި އާންމުންގެ މުދާ ދައުލަތަށް ހިފުމާ ބެހޭ ބިލެވެ.

މީގެ ތެރެއިން ޓެކްހާބެހޭ ބިލާއި ބޭންކިންއާއި ބެހޭ ބިލަކީ ބަހުސް ފޯރި ގަދަވެ ޒުވާބުކޮށް ބައެއް މެންބަރުހުން ހޫނުވެ މަޖިލިސް ދޫކުރެއްވި ކަމަށް ބުނެވޭ ދެ ބިލެވެ. އަދި އެ ދެ ބިލުގެ ސަބަބުން ބައެއް މެންބަރުންނަށް އަނިޔާތައް ލިބިފައި ވެއެވެ. އަދި މި ޕާލަމެންޓްގައި އިނގިރޭސި ވިލކާތުގެ ބައެއް ސިޔާސ ބޭފުޅުން ތަގުރީރު ކުރައްވާފައިވެއެވެ. އޭގެ ތެރޭގައި އިނގިރޭސި ސަފީރު އާތިންޓަން ޑޭވީ ހިމެނެ އެވެ.

އައްޑޫ ޕާލަމެންޓްގައި ވެސް ސަރުކާރުން މެންބަރުން ގަންނާށާއި ބިރު ދައްކާ އަނގައަށް އުނގުރި ކޮށްޕަން މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި އަބްދުﷲ ނާފިޒާއި ރެކިދީދީގެ ވަހީދަކީ ވަރަށް ބާރު ބޮޑުވި ދެ މެންބަރުން ކަމަށް ވެއެވެ. އޭ ބޭފުޅުންނަށް ހުށަހެޅުނު ހުށަހެޅުންތަކަށް ބޯ ނުލެނބުމުން ރޯނުން ބަނދެ އަދަބު ދީ ބިރު ދައްކާ ހަދާފައިވެ އެވެ.

ބަހުސްތައް ހިނގަމުން ދިޔައިރު ވޯޓްގައި ބައިވެރި ނުވުމާއި ގިއްގަޅުވާލައި ނިޒާމް ގެއްލުވުލުމާއި ސަރުކާރަށް ތާއީދު ކުރާ މެންބަރުން ބޭނުންވާ ގޮތަށް ކަންކަން އަނބުރާލައި ބާރުތައް ކޮންޓްރޯލް ކޮށްލުންފަދަ ކަންކަން ޖެހިލުން ކުޑަ ގޮތަކަށް ކޮށްފައި ވެއެވެ. -- ތަފުސީލުތަކާއި ޑިބޭޓްތަކުގެ ހޫނުގަނޑު އަވަސް އަރުވާލައިގެން ލިޔުމުގެ ބޭނުން ނެތުމުން ފަހަށް ބާއްވާލީ އެވެ --