ހޮލީވުޑް

ބާފްޓާގައި އެންމެ ކާމިޔާބުވީ "ތްރީ ބިލްބޯޑްސް"

ބްރިޓިޝް އެކަޑަމީ ފިލްމް އެވޯޑްގެ 71 ވަނަ އެވޯޑްސް ހަފްލާ ރޭ ވަނީ ބައްވާފަ އެވެ. ރޭގެ ހަފްލާގައި އެންމެ ކާމިޔާބު ފިލްމަކަށް ހޮވުނީ އެންމެ ފަހުން ބޭއްވި ގޯލްޑެން ގްލޯބްސް އެވޯޑްސްގައި ވެސް އެންމެ ކާމިޔާބު ފިލްމަކަށް ހޮވުނު "ދަ ތްރީ ބިލްބޯޑްސް އައުޓް ސައިޑް އެބިން، މިޒުރީ" އެވެ.

ޑާކް ކޮމެޑީ އެ ފިލްމު ޖުމްލަ 12 ކެޓަގަރީއަކުން ބާފްޓާއަށް ނޮމިނޭޓުވިއިރު، ފަސް އެވޯޑެއް ވަނީ ކާމިޔާބުކޮށްފަ އެވެ. އެ ފިލްމަށް ލިބުނު އެވޯޑުތަކުގެ ތެރޭގައި އެންމެ މޮޅު ފިލްމުގެ އެވޯޑާއި އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް (ފްރާންސަސް މެކްޑޯމަން) އަދި އެންމެ މޮޅު ސަޕޯޓިންގެ އެކްޓާގެ އެވޯޑް (ސެމް ރޮކްވެލް) ހިމެނެ އެވެ.

އޮރިޖިނަލް ސްކްރީންޕްލޭ އެވޯޑް(މާޓިން މެކްޑޮނާ) ގެ އިތުރުން ބްރިޓިޝް ފިލްމް އޮނާޒްގެ އެވޯޑުވެސް ކާމިޔާބު ކޮށްފައިވެ އެވެ. މި ފިލްމު މިހާރު ވަނީ އޮސްކާ އެވޯޑުގައި ވެސް އެންމެ މޮޅު ފިލްމުގެ އެވޯޑަށް ނޮމިނޭޓުވެފަ އެވެ.

މި ފިލްމާއި އެންމެ ގަދައަށް ރޭ ވާދަކުރީ "ދަ ޝެޕް އޮފް ވޯޓާ" އެވެ. ފެންޓަސީ އެ ފިލްމަށް ވަނީ އެންމެ މޮޅު ޑައިރެކްޝަން (ގްލިމޯ ޑެލް ޓޯރޯ) އެވޯޑު ލިބިފަ އެވެ.

ފާހަގަކޮށްލެވޭ އިތުރު އެވޯޑުތައް

* އެންމެ މޮޅު އެކްޓަރު: ގެރީ އޯލްޑްމަން / ދަ ޑާކެސްޓް އަވާ

* އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް: އެލިސަން ޖެނީ / އައި، ޓޯނިޔާ

* އެންމެ މޮޅު އޮރިޖިނަލް މިއުޒިކް: އެލެގްޒެންޑްރާ ޑެސްޕެލެޓް / ޝޭޕް އޮފް ވޯޓާ

* އެންމެ މޮޅު އެނިމޭޓެޑް ފިލްމު: ކޯކޯ

* އެންމެ މޮޅު އެޑިޓިންގް: ޖޮނަތަން އާމޮސް، ޕޯލް މެކްލިސް / ބޭބީ ޑްރައިވާ

* އަރަމުން އަންނަ ތަރީގެ އެވޯޑު: ޑެނިއަލް ކަލުއްޔާ / ގެޓް އައުޓް

* އެންމެ މޮޅު ސިނެމަޓޯގްރާފީ: ރޯގާ ޑީކިންސް / ބްލޭޑް ރަނާ 2049

ގޯލްޑެން ގްލޯބްސްއާއި އެއްގޮތަށް ރޭ ބޭއްވި ބާޕްޓާ އެވޯޑަށް ވެސް ތަރިން ދިޔައީ ކަޅު ހެދުން ލައިގެންނެވެ. މިއީ ހޮލީވުޑްގައި އޮތް ޖިންސީ ފުރައްސާރަތާކައި ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ހިންގާ ހާއްސަ ކެމްޕެއިނެއްގެ ދަށުން މި ފަހުން ބާއްވާ ގިނަ އެވޯޑުތަކެއްގައި ކުރަމުން އަންނަ ކަމެކެވެ.

ލަންޑަންގެ ރޯޔަލް އަލްބަޓް ހޯލްގައި ބޭއްވި އެ އެވޯޑު ހަފްލާ ހޯސްޓްކުރީ އިނގިރޭސި ބަތަލާ ޖޮއާނާ ލުމްލޭ އެވެ. އެވޯޑު ހަފުލާގައި އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ޕްރިންސް ވިލިއަމް އާއި އަނބިކަނބަލުން ކޭޓް މިޑްލްޓަން ވެސް ބައިވެރިވި އެވެ

ބާފްޓާ އެވޯޑަށްފަހު މިހާރު އެންމެ އިންތިޒާރު ކުރެވެނީ މި އަހަރު ބާއްވާ އެންމެ ބޮޑު އެވޯޑު ހަފްލާ ކަމުގައިވާ 90 ވަނަ އޮސްކާ އެވޯޑަށެވެ. އޮސްކާ އެވޯޑު އޮންނާނީ އަންނަ މަހު 4 ގަ އެވެ. އޮސްކާގެ ނޮމިނޭޝަންތައް އިއުލާނުކޮށްފައިވާއިރު އެންމެ ގިނަ ނޮމިނޭޝަންތައް ގެންގޮސްފައި ވަނީ ފިލްމު "ޝޭޕް އޮފް ވޯޓާ" އެވެ. އެ ފިލްމު ވަނީ 13 ކެޓަގަރީއަކުން ނޮމިނޭޓުވެފަ އެވެ.