ހޮލީވުޑް

"ބްލެކް ޕެންތާ" އަށް ރެކޯޑް އާމްދަނީއެއް

މާވެލްގެ ސުޕަހީރޯ ފިލްމު "ބްލެކް ޕެންތާ" އަށް ކްރިޓިކުން ތައުރީފު ކޮށްފައިވާއިރު، އެ ފިލްމު މިހާރު އަންނަނީ ބޮކްސް އޮފީހުގައި ރެކޯޑުތަކެއް ގާއިމް ކުރަމުންނެވެ. އެމެރިކާގެ ކަޅު ނަސްލުގެ މީހުން ހިމެނޭ ގޮތައް ފުރަތަމަ ފަހަރަށް މާވެލް އިން ގެނެސްދޭ ސުޕަހީރޯ ފިލްމަށްވުމާއެކު ފިލްމުގެ މަގުބޫލުކަން ބޮޑުވެގެން ގޮސްފައިވެ އެވެ.

ފާއިތުވި ހަފްތާ ބަންދުގެ ތިން ދުވަސް ތެރޭގައި ދެކުނު އެފްރިކާގެ ބޮކްސް އޮފީހުގައި މި ފިލްމަށް 192 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެއާއެކު މި ފިލްމަކީ ފެބްރުއަރީ މަހު ރިލީޒްކުރި އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމުގެ އިތުރުން މިހާތަނަށް ތިން ދުވަސްތެރޭ ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ.

މި ފިލްމަކީ މިހާތަނަށް އެމެރިކާގެ ކަޅު ނަސްލުގެ މީހަކު ޑައިރެކްޓުކުރި ފިލްމަކަށް ކުޑަ ދުވަސްކޮޅެއް ތެރޭގައި އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމެވެ. މި ފިލްމު ޑައިރެކްޓުކުރީ ރިއާން ކޫގްލާ އެވެ. މީގެ ކުރިން މި ޝަރަފު އޮތީ "ފޭޓް އޮފް ދި ފިއުރިއަސް" ގެ ޑައިރެކްޓަރު، އެފް ގެރީ ގެރީ އަތުގަ އެވެ. މިދިޔަ އަހަރު އޭޕްރީލް މަހު ރިލީޒްކުރި އެ ފިލްމަށް ތިން ދުވަސް ތެރޭގައި 98 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.

ކުރިއަށް އޮތް ބަންދު ހަތަރު ދުވަހުގެ ތެރޭގައި ފިލްމުގެ އާމްދަނީ 218 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެ އެވެ. މި ފިލްމަކީ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

އިންޓަނޭޝަނަލް މާކެޓުގައި މި ފިލްމަށް މިހާރު ވަނީ 169 މިލިއަން ޑޮލަރު ލިބިފަ އެވެ. އެހެންކަމުން ފިލްމަށް މިހާތަނަށް ލިބުނު ޖުމްލަ އާމްދަނީ އަކީ 361 މިލިއަން ޑޮލަރެވެ.

މި ފިލްމު ލީޑުން ފެނިގެންދަނީ ޗެޑްވިކް ބޯސްމެން އާއި މައިކަލް ބީ ޖޯޑަން އާއި ލުޕިތާ ޔޯންގޯ އާއި މާޓިން ފްރީމެން އަދި ޑެނިއެލް ކަލުއްޔާ އެވެ. ފިލްމުގެ ލީޑުން ފެނިގެންދާ "ބްލެކް ޕެންތާ" ގެ ކެރެކްޓާ ޓީ ޗާލާ، މާވެލްގެ ބެލުންތެރިންނަށް އެންމެ ފުރަތަމަ ތައާރަފްވީ "ކެޕްޓަން އެމެރިކާ: ސިވިލް ވޯ" އިންނެވެ.