ހަބަރު

އަދަދު ހަމަކުރަން ސަރުކާރުގެ ހުށަހެޅުންތައް އެބަ އާދޭ: ރިޔާޒު

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރުމަށް ބޭނުންވާ މެންބަރުންގެ އަދަދު ސަރުކާރަށް ހަމަކުރެވިފައިނުވާތީ ބައެއް އިދިކޮޅު މެންބަރުންނަށް ހުށަހެޅުންތައް ހުށަހަޅައިގެން އަދަދު ހަމަކުރަން މަސައްކަތް ކުރަމުންދާ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ. ގަރާރު ފާސްކުރެވޭނީ މަޖިލީހުގެ ތަޅުމުގައި 43 މެންބަރުން ތިއްބަވައިގެންނެވެ. މިއަދުގެ ޖަލްސާގައި ބައިވެރިވަޑައިގަތީ 39 މެންބަރުންނެވެ.

އިދިކޮޅު މެންބަރުން މިއަދުގެ ޖަލްސާ ބޮއިކޮޓް ކުރެއްވި އެވެ. އޭގެފަހުން އެ މެންބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާޒު ވިދާޅުވީ، 43 މެންބަރުން ހަމަކޮށްގެން ވޯޓެއް ނެގުމަށް ސަރުކާރުން ވަރަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެ އަދަދު ހަމަނުވުމުން މައްސަލަ ކޮމެޓީއަށް ފޮނުވާލީ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ މައުލޫމާތު ލިބޭ އިދިކޮޅުގެ މެންބަރުންނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުންތަކެއް ލިބެމުންދާ ކަމުގެ، ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ސަރުކާރާއި ސަރުކާރަށް ތާއިދުކުރާ ބައެއް ވިޔަފާރިވެރިން އަމަލުކުރަމުންދާ ކަމަށް، މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއް،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ، ކޮރަޕްޝަން ހިންގައިގެން ކަންކަން ހާސިލުކުރުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަށެވެ. އެހެންވެ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، ސަރުކާރުން މިއަދުގެ ޖަލްސާ ބޭއްވި އަދަދު ހަމަވާނެ ކަމަށް ބަލައިގެން ކަމަށާއި ނަމަވެސް އެ އަދަދު ހަމަނުވި ކަމަށެވެ. އެހެންވެ އިދިކޮޅު މެންބަރުން އަނބުރާލުމަށް ކިތަންމެ މަސައްކަތެއް ސަރުކާރުން ކުރި ނަމަވެސް އިދިކޮޅު މެންބަރުން ތިއްބެވީ ވަރަށް ސާބިތުކަމާއެކު ކަމަށް ވިދާޅުވި އެވެ. ދެން އިތުރަށް ރައީސް އަބްދުﷲ ޔާމީނަށް ފުރުސަތެއް ދެއްވާނެ މެންބަރަކު ނެތް ކަމަށް އިބޫ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބައެއް މެންބަރުންނަށް ގުޅީމަ މަޖަލަކަށް ވިދާޅުވީ ކަންނޭނގެ ޖަލްސާގަ ބައިވެރިވާނަމޭ، އެހެންވެ އަދަދު ހަމަވާނެ ކަމަށް ބަލާފަ ކަންނޭނގެ ޖަލްސާ މި ބޭއްވީ، އެކަމަކު އަޅުގަނޑުމެންގެ މެންބަރުން ތިބީ ވަރަށް ސާބިތުވެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ގާނޫނާ ހިލާފަށް ހިންގާފައިވާ ކުއްލި ނުރައްކަލުގެ ހާލަތަށް ގާނޫނީ ހައިސިއްޔަތެއް ދިނުމުގެ ފުރުސަތު އިދިކޮޅު އެއްވެސް މެންބަރަކު ނުދެއްވާނެ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ސަރުކާރު ކޯލިޝަންގެ 39 މެންބަރުން ބައިވެރިވަޑައިގެންނެވިއިރު އިދިކޮޅު މެންބަރުން މަޖިލީހަށް ވަޑައިގަތުމަށްފަހު ވެސް ތަޅުމަށް ވަޑައިނުގަންނަވަ އެވެ. އިއްޔެ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރެއްގެ ސަބަބުން ގޮނޑީގެ މައްސަލަ ޖެހުނު 12 މެންބަރުން ޖަލްސާއަށް ނުވައްދަ އެވެ.

ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުން ރައްޔިތުން އެއަށް އަމަލުކުރަންޖެހޭ ކޮންމެ ކަމެއް ވެސް ފާސްކުރަން ޖެހޭނީ މަޖިލީހުގައި 43 މެންބަރުން ތިއްބަވައިގެންނެވެ.