ވިޔަފާރި

ދުނިޔޭގެ ބާޒާރުގައި ކަޅުބިލަ މަހުގެ އަގު ހަ ޕަސެންޓް ދަށަށް

Mar 2, 2018

ދުނިޔޭގެ ބާޒާރުގައި ކަޅުބިލަ މަހުގެ އަގު ހަ ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފިޝަރިޒް މިނިސްޓްރީން މިދިޔަ މަހުގެ 22 ގެ ނިޔަލަށް އާއްމުކޮށްފައިވާ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަތަކަށް އައިސްފައިވާ ބަދަލަށް ބަލާއިރު ރާއްޖޭން އެންމެ ގިނަ އިން ކަނޑު މަސް ބޭރު ކުރާ ތައިލެންޑުގެ ބާޒާރުގައި ކަޅުބިލަ މަސް ޓަނެއް ހުރީ 23,901ރ. އަށެވެ. ނަމަވެސް މި މަހުގެ 15 ވަނަ ދުވަހާ ހަމަ އަށް މަސް ޓަނެއްގެ އަގު ވަނީ 22,359ރ. އަށް ވެއްޓިފަ އެވެ. މިއީ 6.8 ޕަސެންޓެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މި މުއްދަތުގައި ޖަޕާނުގެ މެޓްރޮޕޮލިޓަން ބާޒާރުގައި ލޯ ބޮޑު ކަންނެލި ކިލޯއެއްގެ އަގު ހުރީ 320.27ރ. އަށެވެ. ނަމަވެސް މިދިޔަ މަހު ލޯބޮޑު ކަންނެލި ކިލޯއެއް ގަންނަމުން ގެންދިޔައީ 377.15ރ. އަށެވެ. އަދި ސްޕެއިންގެ ބާޒާރުގައި ފިނިކުރި ރީނދޫ އުރަހަ ކިލޯއެއް ވިއްކަނީ 164.70ރ. އަށެވެ.

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް ބަދަލު އައިއިރު ރާއްޖޭގެ ބާޒާރުގައި ފިނިކުރި މަސް ކިލޯއެއް ހުރީ 20ރ. އަށެވެ. އަދި ފިނި ނުކުރާ މަސް ކިލޯއެއް ވިއްކަނީ 18ރ. އަށެވެ. އަދި ކަންނެލި ކިލޯއެއް ރާއްޖޭގެ ބާޒާރުގައި ވިއްކަނީ 63.96ރ. އަށެވެ.