ހަބަރު

ގާނޫނާ އެއްގޮތަށް ގަރާރު ފާހެއް ނުކުރެވޭނެ، އިދިކޮޅު އޮތީ ސާބިތުވެ: އިބޫ

ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެ ހިންގާފައިވަނީ ގާނޫނާ އަސާސީއާ ހިލާފަށް ކަމަށްވާތީ އެ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އިދިކޮޅު އެއްވެސް މެންބަރަކު ފުރުސަތު ނުދެއްވާނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

އިބޫ މިހެން ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު ގަރާރު ފާސްކުރުމަށް 43 މެންބަރުން ހަމަކުރަން ޖެހޭއިރު އެ އަދަދަށް މިއަދު މަޖިލީހު ތަޅުމަށް މެންބަރުން ވަޑައިގެންފައިނުވަނިކޮށެވެ. މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވީ، ސަރުކާރު ކޯލިޝަންގެ މެންބަރުން އެކަންޏެވެ. އެއީ 39 މެންބަރުންނެެވެ.

ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުން ރައްޔިތުން އެއަށް އަމަލުކުރަން ޖެހޭ އެއްވެސް ފާސްކުރަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދެބައިކުޅަ އެއްބައި ތިބެގެންނެވެ. މިހާރު މަޖިލީހުގެ މެންބަރުންގެ އަދަދަކީ 85 އަކަށްވާއިރު، އެފަދަ ކަމެއް ފާސްކުރުމަށް 43 މެންބަރުން

"މި ކުއްލި ނުރައްކަލުގެ ހާލަތަކީ ގާނޫނު އަސާސީއާ ހިލާފަށް ހިންގާފައިވާ އެއްޗެއް، އެއާ ގުޅިގެން ކަން ކުރައްވާފައިވަނީ ވެސް ގާނޫނު އަސާސީއާ ހިލާފަށް ކަމަށްވާތީ މިފަދަ ކަމެއް ފާސްކުރުމަށް އެއަށް ގާނޫނީ ހައިސިއްޔަތު ދިނުމަށް އަޅުގަނޑުމެން ފުރުސަތު ނުދޭނަން، އިރާދަކުރެއްވިއްޔާ ގާނޫނު އަސާސީގައިވާ ގޮތަށް އެ ގަރާރު ފާސްކުރެވިގެން ނުދާނެ،" މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، މިއަދާއި މިރޭ އަދި މާދަމާ ވެސް މަސައްކަތް ކޮށްގެން 43 މެންބަރުން ހަމަކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އިދިކޮޅު މެންބަރުން ތިއްބެވީ އެއް އަޒުމެއްގަ ކަމަށެވެ. އެކަން ސަރުކާރަށް ކާމިޔާބު ނުވާނެ ކަމަށެވެ.

އިދިކޮޅު ޕީޖީ ގުރޫޕްގެ ރިޔާސަތު ވެސް ބަލަހައްޓަވާ އިބޫ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު ހިންގާފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ވިދާޅުވާ ވަރަށް ގިނަ ސަބަބުތައް އެބަހުރި ކަމަށެވެ. އެގޮތުން ހިފަހައްޓައިގެން ނުވާނެ ގިނަ މާއްދާތަކެއް ހިފަހައްޓާފައިވާ ކަމަށެވެ. އެކަން ޕީޕީއެމްއަށް ނިސްބަތްވާ މެންބަރު މުހައްމަދު ނަޝީދު ވެސް ފާހަގަކުރެއްވިކަން އިބޫ ފާހަގަކުރެއްވި އެވެ.

މިއަދުގެ ޖަލްސާ ކުރިއަށް ގެންދިޔައީ ވެސް ގާނޫނު އަސާސީއާ ހިލާފަށް ކަމަށް އިބޫ ވިދާޅުވި އެވެ. އެއީ މިއަދުގެ ޖަލްސާ ދައުރުން ބޭރުން ބޭއްވުމުންނެވެ. މިހާރު ހިނގަމުން ދަނީ ދައުރުގެ ދުވަސްތައް ކަމުން އެފަދަ ޖަލްސާއެއް މިދުވަސްވަރު ނުބޭއްވޭނެ ކަމަށެވެ. އެގޮތަށް މަޖިލީހުގެ ލީގަލް އޮފިސަރު ވެސް ވިދާޅުވި ކަމަށް އިބޫ ވިދާޅުވި އެވެ.