ކުއްލި ނުރައްކަލުގެ ހާލަތު

ގަރާރު ފާސް ނުވިޔަސް ކުއްލި ހާލަތު ދެމިގެންދާނެ: ޕީޕީއެމް

Feb 19, 2018
18

ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގޮތުން ރައީސް އަަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ގަރާރު ފާސް ކުރެވުނަސް އަދި ނުކުރެވުނަސް އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮންނާނެ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މާދަމާއަށް ހަމަވާއިރު، މިއަދު އެ ގަރާރު ފާސްވިޔަސް އަދި ނުވި ނަމަވެސް ރައީސް ޔާމީންގެ މަސައްކަތަކަށް ހުރަހެއް ނޭޅޭނެ ކަމަށެވެ. އަދި މާދަމާ އެ ގަރާރު ފާސް ނުވެ އޮއްވާ މުއްދަތު ހަމަވެއްޖެ ނަމަ، އިތުރު 15 ދުވަހުގެ ނޫނީ 30 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސް ޔާމީނަށް ލިބި ވަޑައިގަންނަވާ ކަމަށާއި އެހެންކަމުން މި ހާލަތުން އަރައިގަނެވޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ހީކޮށްގެން ނުވާނެ ކަމަށެވެ.

"މި ފާސް ކުރުމާއި ނުކުރުން މިއީ ހަމަހަމަ ކަމެއް، ފާސް ކުރިޔަސް ނުކުރިޔަސް ރައިސުލްޖުމްހޫރިއްޔާ ކުރައްވަން ބޭނުންވާ ކަމެއް ކުރެއްވޭނެ، އެކަންކަން ރައީސް މި ގައުމަށްޓަކައި ކުރައްވަމުން ގެންދަވާނީ، އަދި ގަރާރުގެ ސައްހަ ކަމެއް ވެސް ނުގެއްލޭނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އިދިކޮޅު މެންބަރުން މަޖިލީހުގެ ޖަލްސާއަށް މިއަދު ހާޒިރުވެވަޑައި ނުގަތީ އެ މެންބަރުން ބޭނުންވާ ގޮތަށް ގަރާރު ބާތިލު ނުކުރެވޭނެ ކަން އެނގޭތީ ކަމަށެވެ. އަދި އެ މެންބަރުން ބޭރުގައި ތިއްބަވައިގެން ކުރައްވާ އެއްވެސް ކަމަކުން ސަރުކާރުގެ މެންބަރުން ކުރައްވާ އެއްވެސް މަސައްކަތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވި ނަމަވެސް ގާނޫން އަސަސީގެ 257 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާތާ، 14 ދުވަސް ތެރޭގައި އެ ގަރާރު ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. އަދި (ނ) ގައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމަށް ރައީސްއަށް ފެނިއްޖެ ހިނދެއްގައި އެ ގަރާރުގެ މުއްދަތު ހަމަވުމުގެ ކުރިން މަޖިލީހުން އެކަން ފާސް ކުރަން ޖެހެ އެވެ.