ހޮލީވުޑް

"މޭޑް މެކްސް: ފިއުރީ ރޯޑް" އަށް ތައުރީފު އޮހެނީ

މިއީ ޑަރެކްޓަރު ޖޯޖު މިލާގެ "މޭޑް މެކްސް" ފިލްމު ސިލްސިލާގެ ހަތަރު ވަނަ ފިލްމެވެ. ތިރީސް އަހަރުގެ މެދުކެނޑުމަކަށް ފަހު "މޭޑް މެކްސް" ގެ އާ ފިލްމެއް ބެލުންތެރިންނާ ހަމަ އަށް އައިސްފާއިވާއިރު އެންމެން ވެސް ބުނަނީ މިދިޔަ ބުރާސްފަތި ދުވަހު ޕްރިމިއާކުރި "މޭޑް މެކްސް: ފިއުރީ ރޯޑް" އަކީ މި ސިލްސިލާގެ އެންމެ މޮޅު ފިލްމު ކަމަށެވެ.

ފަހަރެއްގައި މި ފިލްމު އަހަރުގެ އެންމެ މޮޅު ފިލްމަށް ވުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ފާޑުކިޔުންތެރިން ފިލްމަށް އޮއްސަމުންދާ ތަރުހީބަށް ބަލާއިރު މިހެން ވެސް ބުނެވިދާނެ އެވެ.

ދަ ޑެއިލީ ޓެލެގްރާފާއި ޓައިމް މެގަޒިން އަދި ޓޯޓަލް ފިލްމާއި ވެރައެޓީ އަދި ދަ ގާޑިއަން ފަދަ މަޝްހޫރު ނަންތަކުން ވެސް މި ފިލްމަށް ތައުރީފު ނޫން އެއްޗެއް އޮއްސާފައެއް ނުވެ އެވެ. މި ނޫސް އަދި މަޖައްލާތަކުގެ މަޝްހޫރު ހުރިހާ ފާޑުކިޔުންތެރިން ވެސް ދަނީ މި ފިލްމަށް ތިނެއް ނުވަތަ ހަތަރު ތަރީގެ ރޭޓިންއެއް ދެމުންނެވެ.

މިފަހަރުގެ ފިލްމުގައި "މޭޑް މެކެސް" ގެ މަޝްހޫރު ލީޑް ކެރެކްޓާ ރޯޑް ވޮރިއާ ނުވަތަ މެކްސް ރޮކާންޓްސްކީގެ ރޯލު ކުޅެފައި ވަނީ ޓޮމް ހާޑީ އެވެ. އޭނާއާ އެކު ދެން ފިލްމުން ފެނިގެން ދަނީ ދެކުނު އެފްރިކާގެ ރީތި ބަތަލާ ޗާލީޒް ތެރޯން އެވެ.

ފިލްމުގައި ދައްކުވައި ދެނީ 2060 ވަނަ އަހަރު ދުނިޔެ އަކާއި އެތަނުގައި ދިރިއުޅޭ ބައެއްގެ މެދުގައި ހިނގާ ބޮޑެތި ލޭއޮހޮރުވުންތަކެކެވެ.

މެލް ގިބްސަންއާ އެކު މިލާ މި ސިލްސިލާގެ ފުރަތަމަ ފިލްމު ގެނެސްދިނީ 1979 ވަނަ އަހަރު އެވެ. އޭރު ވެސް މި ފިލްމު ވެގެން ދިޔައީ ރިކޯޑްތަކެއް މުގުރި ފިލްމަކަށެވެ. ފިލްމު ވެގެން ދިޔައީ އޮސްޓްރޭލިއާގެ ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު ފިލްމަށެވެ. 

އެ ފިލްމުގެ ކާމިޔާބީ އަށް ފަހު "މޭޑް މެކްސް 2" ކާއެކު މިލާ އެނބުރި އައީ 1981 ވަނަ އަހަރު އެވެ. އެއަށް ފަހު ތިން ވަނަ ފިލްމެއް ނެރުނީ "މޭޑް މެކްސް ބިޔޯންޑް ތަންޑާޑޯމް" ގެ ނަމުގައި 1985 ވަނަ އަހަރު އެވެ.

"މޭޑް މެކްސް: ފިއުރީ ރޯޑް" ރަސްމީކޮށް ސިނަމާތަކުގައި ދައްކަން ފަށާނީ މި އަންނަ ބުރާސްފަތި ދުވަހު އެވެ.