ބޭރު ކުޅިވަރު

ޓްރާންސްފާ ބާޒާރުގައި ޔުނައިޓެޑުގެ އެންމެ ބޮޑު ޓާގެޓަކީ ކްރޫސް

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗް ހޯސޭ މޮރީނިއޯ ރެއާލް މެޑްރިޑުގެ ޖަރުމަން މިޑްފިލްޑަރު ޓޯނީ ކްރޫސް މިއަންނަ ސީޒަނަށް އެޓީމަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޕެއިންގެ މީޑިޔާ ރިޕޯޓުތަށް ބުނެފި އެވެ.

މިރިޕޯޓް ބުނާ ގޮތުގައި މޮރީނިއޯ އަންނަނީ ޔުނައިޓެޑުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ މައިކަލް ކެރިކް މިސީޒަނަށްފަހު ކުޅުން ހުއްޓާލަން ނިންމާފައިވާތީ އެތަން ފޫބެއްދުމަށް ވަރުގަދަ ކުޅުންތެރިއެއް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

އިނގިރޭސި ނޫސް މަޖައްލާ 'އިންޑިޕެންޑެންޓް' ބުނާ ގޮތުގައި މޮރީނިއޯ އާއި ޕޯލް ޕޮގްބާ އާއި ދެމެދު އޮތް ގުޅުން ހީނަރުވެ އޭނާ ހޫނު މޫސުމުގެ ޓްރާންސްފާގައި ޔުނައިޓެޑު ދޫކޮށްލާނެ ކަމަށް ދެކެވެނީ ދޮގު ވާހަކައެއް ކަމަށާއި މޮރީނިއޯ އާއި ޕޮގްބާ ދާދި ފަހުން ވަކިން ބައްދަލުކޮށް ދެއްކި ވާހަކަތަކުގައި ޕޮގްބާ ވަނީ އޭނާ އާއެކު މެދުތެރެއަށް ކުޅެން ވަރުގަދަ ކުޅުންތެރިއެއް ގެނައުމަށް އެދިފަ ކަމަށެވެ.

ހުކުރު ދުވަހު އޮތް ޕްރެސް ކޮންފަރެންސް އެއްގައި މޮރީނިއޯ ވަނީ ކްރޫސް ޔުނައިޓެޑަށް ގެއްނަން ބޭނުންވާކަން ހާމަކޮށްފަ އެވެ. ޕްރެސްގައި ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ މީޑިޔާތަކުގައި ޔުނައިޓެޑުން ފޯވާޑެއް ގެނައުމަށް މަސައްކަތް ކުރާކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަ ކަމަށެވެ.

"މިސީޒަނަށްފަހު ކެރިކް ކުޅުން ހުއްޓާލާނެ އެހެންވީމަ ޓީމުގެ މެދުތެރެއަށް ކުޅުންތެރިއެއް ބޭނުންވޭ އެއީ ޓީމު ބެލެންސް ކުރުމަށް މުހިންމު ކަމެއް" މޮރީނިއޯ ބުންޏެވެ.

ސްޕެއިންގެ މީޑިޔާތަކުގައި ބުނާ ގޮތުގައި ރެއާލް މެޑްރިޑުން އަންނަނީ މިއަންނަ ސީޒަނަށް ޓީމު ތައްޔާރުކުރުމުގެ ގޮތުން ބައެއް ކުޅުންތެރިން ވިއްކާލުމަށް މަސައްކަތްކުރަމުންނެވެ. މިގޮތަށް ރެއާލް މަސައްކަތް ކުރަމުން އަންނަކަމަށް އެރިޕޯޓް ބުނަނީ އެކްލަބުން ބޮޑެތި ކުޅުންތެރިން ގެނައުމަށް ފަންޑު ހޯދަމުގެ ގޮތުން ކަމަށެވެ.

އާސީޒަނަށް ރެއާލްއިން ޗެލްސީގެ އެޑެން ހަޒާޑް އަދި ޓޮޓެންހަމްގެ ހެރީ ކޭން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ވާހަކަތަށް ދެކެވޭ މިންވަރު މިވަނީ އިތުރުވެފަ އެވެ.