ވިޔަފާރި

ރާއްޖެއަށް ފަށާ ޗާޓަރު ފްލައިޓެއް އެސްއޯއީ އޮތުމުން ކެންސަލްކޮށްފި

Feb 20, 2018
9
  • ފްލައިޓު ފަށަން އޮތީ މެޑްރިޑުން
  • ހަފުތާއަކު 700 އަށްވުރެ ގިނަ މީހުން
  • ފްލައިޓު ފަށަން އޮތީ އޮފް ސީޒަންގައި

ޔޫރަޕުން ސީދާ ރާއްޖެ އަށް ފަށަން އޮތް ޗާޓަރު ފްލައިޓެއް ސްޓޭޓް އޮފް އިމަޖެންސީ (އެސްއޯއީ) ހާލަތު ރާއްޖޭގައި އޮތުމުން ކެންސަލްކޮށްފި އެވެ.

ރާއްޖެއަށް މި ފްލައިޓު އޮޕަރޭޓް ކުރުމުގެ މަސައްކަތް ކުރި ކެޕިޓަލް ޓްރެވަލްގެ ސީއީއޯ ޔޫސުފު ރިފުއަތު "އަވަސް" އަށް ވިދާޅުވީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އޮތުމުގެ ސަބަބުން، ރާއްޖެ އަށް އެ ފްލައިޓް ފެށެން ނެތްކަން އަންގާފައިވާ ކަމަށެވެ. އަދި މިއީ ލިބިގެންދިޔަ ބޮޑު ގެއްލުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ކަމެއް ގާތްގަނޑަކަށް ނިމިފަ އޮތީ. ފްލައިޓު ފަށަން އޮތީ މެއި މަހު. ނަމަވެސް ހާލަތު މިހާރު އޮތް ގޮތުން ފެށެން ނެތް ކަމަށް ބުނެފައިވަނީ. މިއީ ރާއްޖޭގެ ޓޫރިޒަމަށް ލިބުނު ބޮޑު ގެއްލުމެއް،" ރިފްއަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އޮފް ސީޒަންއާ ދިމާކޮށް މި ފްލައިޓުގެ ދަތުރުތައް ފަށަން ނިންމާފައި އޮތީ ޔޫރަޕުން ކަމަށެވެ.

"މެޑްރިޑުން ފަށަން އޮތީ. ކޮންމެ ހަފުތާއަކު 750 އެއްހާ ޓޫރިސްޓުން ސީދާ ޔޫރަޕުން ގެންނަން އޮތީ. އެކަމަކު ކެންސަލްމިވީ،" ރިފްއަތު ވިދާޅުވި އެވެ.

މެޑްރިޑުން ފަށަން އޮތީ. ކޮންމެ ހަފުތާއަކު 200 އަށްވުރެ ގިނަ ޓޫރިސްޓުން ސީދާ ޔޫރަޕުން ގެންނަން އޮތީ. އެކަމަކު ކެންސަލްމިވީ
ކެޕިޓަލް ޓްރެވަލް ސީއީއޯ ޔޫސުފު ރިފްއަތު

އޭނާ ވިދާޅުވީ މި ފްލައިޓް ޗާޓަރު ކުރުމުގެ ސަރުކާރާއި ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ބައިވެރިވި ކަމަށާއި ނަމަވެސް ކުރި ހުރިހާކަމެއް ފެނަށް ވެގެން ދިޔައީ ކަމަށެވެ.

"ހިތާމައިގެ ކޮޅެއް ނެތޭ އިނގޭތޯ؟ ފްލައިޓު ފަށަން ރޫމްތައް ވެސް ބްލޮކް ކޮށްފައި ހުރީ. މިއީ ވަރަށް ބޮޑު ގެއްލުމެއް،" ރިފްއަތު ވިދާޅުވި އެވެ.

އެކެއް ފެބުރުއަރީގެ އަމުރަކާ ގުޅިގެން ރާއްޖެ ވަނީ ހަލަބޮލި ވެފަވެ. އަދި އޭގެ ފަހުން އައި ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން އިނގިރޭސިވިލާތާއި އެމެރިކާ އަދި އިންޑިޔާގެ އިތުރުން އޮސްޓްރޭލިއާ އާއި ރަޝިޔާ އަދި އިން ވަނީ ރާއްޖެ އަށް ޒިޔާރަތް ކޮށް އުޅުމުގައި ސަމާލުވުމަށް އެދި ޓްރެވަލް އެޑްވައިޒަރީތައް ނެރެފަ އެވެ. އޭގެ ފަހުން ވަނީ މެދުއިރުމަތީގެ ގައުމުތައް ކަމަށްވާ ސައޫދީ އަރަބިއްޔާ އާއި ޔޫއޭއީ ވެސް މިގޮތަށް އަމަލުކޮށްފަ އެވެ. އަދި ޗައިނާ މީހުން މި ދުވަސްވަރު ރާއްޖެ އަށް ނާންނަން އެ ގައުމުގެ ރައްޔިތުންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މި ޓްރެވަލް އެޑްވައިޒަރީތަކުގެ ސަބަބުން ރާއްޖެ އަންނަން ތިބި ގިނަ އަދަދެއްގެ ޓޫރިސްޓުން ވަނީ ބުކިން ކެންސަލްކޮށްފަ އެވެ. އަދި މިކަމުގެ ސަބަބުން ޓޫރިޒަމަށް ދަނީ ގެއްލުން ވަމުންނެވެ. އަދި މިހާތަނަށް ލިބުނު ގެއްލުން މިލިއަން ޑޮލަރަށް އަރާނެ ކަމަށް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.