(18 ފެބްރުއަރީ 2018 އާ ގުޅޭ)
"ލެޓްސް ގޯ މީޓް ހާ... އައި ވޯންޓު ސީ ހާ ސަފާ" އިރުކޮޅަކު އިނދެފައި އަރްސަލް ބުނެލިއެވެ. އެއްފަރާތަކަށް ތުންފަތް ދެމިލާފައި ވީއިރު އެ ހިނިތުންވުމުން އަރްސަލްގެ ސިކުނޑީގައިވަނީ ރަނގަޅު ޚިޔާލެއް ނޫންކަން ރާދިންއަށް ވިސްނުނެވެ. އެހެންވިޔަސް އޭނާ އެ ހުރީ އަރްސަލްއާއެކުއެވެ.
ކުރަން ތިބި މަސައްކަތް ނިންމާލާފައި އެހެން ދުވަސް ދުވަހަށްވުރެ ކުރީން އަރްސަލްއާއި ރާދިން އޮފީހުން ނުކުތެވެ. މުލައްދަނޑިން ބައެއް ފެންނަ ވަރަށް އޮޅާލާފައި އޮތް ގަމީހުގެ އަތްކުރި އަރްސަލް މައްޗަށް ޖައްސާލިއެވެ. އަދި ދިރިއުޅޭ އެޕާޓްމެންޓުގެ ދޮރުމަތީ މަޑުކޮށްލައިގެން ހުރީ ރާދިން އޮފީސް ހެދުން ބަދަލުކޮށްލައިގެން ނުކުންނަން ދެނެވެ.
"އޯކޭ" އެއްކޮށް ނުލެއްޕި ހުރި ދޮރު ހުޅުވާލާފައި ރާދިން ނުކުތުމާއެކު އަރްސަލް އަހާލިއެވެ. އެހިނދު ރާދިން ޖަވާބު ދިނުމުގެ ގޮތުން ބޯޖަހާލިއެވެ. އަދި އެޕާޓްމެންޓުގެ ދޮރު ތަޅުލާފައި އަރްސަލްގެ ކުރިއަށް ހުރެ ސިޑިން ފައިބައިގެން އައެވެ.
ކާރުގެ ޑްރައިވަރު ސީޓުގައި ރާދިން ހަމަޖެހިލުމާއެކު ފޯނު ނަގާ އޭނާއަށް އާނިމް ފޮނުވާފައި އޮތް މެސެޖު ބަލާލިއެވެ. އާނިމު ބުނެފައި އޮތް އެޑްރެސް ފޯނުގައި ޖަހާލާ ދާންވީ ގޮތް ހޯދާލިއެވެ. ކާރު ދުއްވާލީ އޭގެ ފަހުގައެވެ. އާދައިގެ ދުވައްޔެއްގައި ދުއްވަމުން އައި ކާރު ހުޅުމާލެ ދޫކޮށް މާލެއަށް އެރިއެވެ. އިރުއިރުކޮޅާ ހުންގާނު ބުރުގައި ހަރުކޮށްފައި އިން ރާދިންގެ ފޯނަށް އޭނާ ބަލާލައެވެ. މަންޒިލް ކައިރިވަމުން އައިކަން ފޯނުން އަންގައިދިނެވެ. އެއާއެކު ޖެހިގެން ހުރި ސީޓުގައި އިން އަރްސަލް ކުޑަކޮށް ފޫހިއްލާލާ އަލުން ސީޓުގައި ހަމަޖެހިލިތަން ފެނުނެވެ.
"މި ހިސާބުގައި ޕާކުކޮއްލާފައި ދާން ޖެހޭނީ" ވަކި ހިސާބަކުން ކާރު މަޑުކޮށްލުމާއެކު ރާދިން ބުނެލިއެވެ. އަރްސަލް އެއްބަސްވުމާއެކު ރާދިން ކާރު ޕާކުކޮށްލިއެވެ. އަދި ދެ ޒުވާނުން އެކުގައި ކާރުން ނުކުމެ މަޑުމަޑުން ކުރިއަށް ހިނގަމުން އައީ ގޭގެ އެޑްރެސްއެއް ކިޔަމުންނެވެ.
"ރާދު... މީ އެގެ" އަރްސަލް ބުނެލިއެވެ.
"ކިތައްވަނަ ފްލޯކަން އެނގޭތަ؟" ބުރިބުރިއަށް ނަގާފައި ހުރި އިމާރާތައް ބަލާލާފައި އަރްސަލް އަހާލިއެވެ.
"ސެކަންޑް" ހ.ނާރިނގު ގޭގެ ދޮރޯށިން އެތެރެއަށް ވަންނަމުން ރާދިން ބުނެލިއެވެ. ތިރީގައި ފެންނަން ހުރީ ލިފްޓާއި ސިޑި އެކަންޏެވެ. ލިފްޓަށް އެރުމަށް ފާރުގައި ހުރި ސުވިޗަށް އޮބާލީ އަރްސަލްއެވެ. އެއާއެކު ވަގުތުން ލިފްޓު ހުޅުވިއްޖެއެވެ. ދެވަނަ ފަންގިފިލާއަށް ލިފްޓު އައިސް ހުއްޓުމާއެކު އެއްފަރާތަކަށް ދޮރުފަތް ކެހި ހުޅުވިގެން ދިޔައެވެ. ދެ ޒުވާނުން އެކުގައި ނުކުތް އިރު ދެ އެޕާޓްމެންޓެއްގެ ދޮރު ފެންނަން ހުއްޓެވެ. އެ ތަނުން ނިމްރާ އުޅޭ އެޕާޓްމެންޓަކީ ކޮބާކަމެއް ރާދިންއަކަށް ވެސް ނޭނގުނެވެ.
"އަހަންނަށް ހީވަނީ ގުޅަންވީހެން. އަދި އެއްކަންތަ؟ އަރްސަލް އޭނާއާ ބައްދަލުވީމާ ބުނަން ގަޞްދުކުރަނީ ކީކޭ؟ އަސްލު އޭނާއާ ބައްދަލު ކުރުމުގެ ބޭނުމަކީ ކޮބާ؟" ރާދިން މަޑުޖެހިލާފައި އަރްސަލްއާ ކުރިމަތިލިއެވެ.
"ނޭނގެ... އެކަމަކު އަހަރެން ބޭނުން އޭނާއާ ސުވާލެއް ކުރަން... ލޫން މަރުވީ އޭނާގެ ސަބަބުންކަން ބުނެދޭން" މަޑުމަޑުން އަރްސަލް ބުނެލީ ވިސްނަން ހުރެއެވެ. ލޫންގެ މަރާއެކު އަރްސަލްއަށް ލިބުނު ސިހުމުގައި އެ އެކްސިޑެންޓުގައި އަނިޔާ ލިބުނު ދެވަނަ މީހަކީ ކާކުތޯ ބަލާކަށް ކުރިއަކުން ނޫޅެވުނެވެ. އެހެންވެ މިހާރު އަރްސަލް ބޭނުންވަނީ އެ މީހާގެ ކުރިމަތީގައި ހުއްޓި ލޫންގެ މަރާމެދު ސުވާލު ކުރާށެވެ. އޭނާ ޤަބޫލުކުރަނީ ކުރިމަތީގައި ހުރެ ވާހަކަދެއްކުމުން އަނެއްކާގެ އިހުސާސްތައް ހާމަވާލެއް ބޮޑުވާނޭކަމެވެ. އަދި ލޫން ވަކިވެގެން ދިއުމުން އެކަމާ އޭނާ ހިތާމަ ކުރޭތޯ އެނގެން ވެސް އަރްސަލް ބޭނުންވެއެވެ.
"ފޯނެއް ނުނަގާ" ކަންފަތާ ފޯނު ދުރުކޮއްލަމުން ރާދިން ބުނެލިއެވެ.
"މި ފްލޯގައެއްނު އުޅެނީ. ދެ އެޕާޓްމެންޓު ވެސް ބަލާނީ" އަރްސަލް މިހެން ބުނެ ކުރިއަށް ހިނގައިގަތެވެ. ކަނާއަތް ފަރާތުގައި ހުރި އެޕާޓްމެންޓުގެ ބެލް އަޅާލިއެވެ. ގިނައިރެއްނުވެ ބިދޭސީ އަންހެނަކު ދޮރު ހުޅުވާލިއެވެ.
"ނީމާ އުޅޭތަ..." އަރްސަލް ނިކަން އަވަހަށް އަހާލިއެވެ.
"ނިމްރާ... ނިމްރާ ކިޔާ ކުއްޖަކު އުޅޭތަ؟" އަރްސަލްއަށް ކިޔުނު ގޮތް ރާދިން ރަނގަޅުކޮއްދިނެވެ. އެއާއެކު އެ ބިދޭސީ މީހާ ނިކަން އަވަހަށް ދެފަރާތަށް ބޯހޫރުވާލާފައި އިތުރު އެއްޗެއް އެ ދެ ޒުވާނުންނަށް ނުބުނެވެނީސް އެ މީހުންގެ މޫނަށް ދޮރު ޖަހައިފިއެވެ.
"ވަޓް..." އަރްސަލްއަށް ކުއްލިއަކަށް ބުނެވުނެވެ.
"އެބައިގައި ނޫޅެންޏާ މި ހުރި ބައިގައެއްނު އުޅޭނީ" ދެން ހުރި އެޕާޓްމެންޓާ ދިމާއަށް ރާދިން އައެވެ. މިފަހަރު ކުރިއަށް ހުރީ ރާދިންއެވެ. ބެލްއަޅާލުމާއެކު ދޮރު ހުޅުވީ ދެބައި އުމުރުގެ އަންހެނެކެވެ. އޭނާ ފެނުމާއެކު ރާދިން ސަލާމް ގޮވާލިއެވެ. އެ ސަލާމަށް އެ އަންހެން މީހާ ޖަވާބު ދިނުމުން ރާދިން އަނެއްކާ ވެސް ވާހަކަދެއްކިއެވެ.
"ނިމްރާ ކިޔާކުއްޖަކު މިބައިގައި އުޅޭތަ؟" ރާދިން އަހާލުމާއެކު އެ އަންހެންމީހާ ރާދިންއާއި އަރްސަލްއަށް ނިކަން ރަނގަޅަށް ބަލާލިއެވެ.
"ކިހިނެއްވީ އޭނަ؟" އަންހެން މީހާ ކުރި ސުވާލުން ނިމްރާ އުޅެނީ އެބައިގައިކަން ރާދިންއާއި އަރްސަލްއަށް ޔަގީންވިއެވެ. އެކަކު އަނެކަކަށް އަވަސް ނަޒަރެއް ބަދަލުކޮއްލެވުނީ އެހެންވެއެވެ.
"ނިމްރާއަށް ގޮވާލަ ދެވިދާނެތަ؟" ރާދިން މިފަހަރު ވެސް ވާހަކަދެއްކީ މަޑުމައިތިރިކަމާއެކުއެވެ.
"އޭނާ ނެތް ހެން ހީވަނީ ގެއަކު..." މިހެން ބުނެ އަންހެން މިހާ ފަސް އެނބުރި މީހަކަށް ގޮވާލިއެވެ. އަދި އޭނާގެ ގާތުން ނިމްރާ ގޭގައި އެބައުޅޭތޯ އަހާލިއެވެ. އެއާއެކު އެ މީހަކު ދިން ޖަވާބު އަރްސަލްއާއި ރާދިންއަށް ވެސް އަޑުއިވުނެވެ.
"މިގޭގަ ދޯ ނިމްރާ ހުންނަނީ. އަޅުގަނޑުމެން ވަރަށް ގުޅައިފިން... ފޯނަށް ޖަވާބެއް ނުދޭ. މިހާރު އުޅޭ އެޑްރެސްކަމަށް އޮތީ މި ގެ. އޭނާ ގެއަށް އަންނާނޭ އިރެއް އެނގޭތޯ" ރާދިން ބުނެލިއެވެ.
"އޭނާގެ މާމަ ހޮސްޕިޓަލުގައި ބާއްވައިގެން އުޅެނީ. އަހަރެމެންނަށް ވެސް މާބޮޑު އެއްޗެއް ނޭނގޭ. މިގޭ ކޮޓަރިއެއްގައި ކުއްޔަށް އެ ދެމީހުން އުޅެނީ. ހެނދުނު ހެނދުނާ އޭނާ ހޮސްޕިޓަލަށް ދިޔަ ގޮތަށް އަދި ނާދޭ... ނޭނގޭ އެއްގޮތަކަށްވެސް އޭނާ އަންނާނީ ކޮންއިރަކުންކަމެއް ބުނާކަށް... ގެއަށް އައިސްފިއްޔާ ބުނެލަފާނަން ހޯދަން އައި ވާހަކަ... ކޮންބައެކޭ ބުނަންވީ" އެ އަންހެންމީހާގެ ވާހަކައާ މެދު އަރްސަލްއާއި ރާދިން ވެސް ވިސްނާލިއެވެ.
"ކޮން ހޮސްޕިޓަލަކަށް ދިޔައީ؟" އަރްސަލް ސުވާލުކުރި ގޮތުން އެ މީހުން ނިމްރާ ހޯދަން އައިކަން އަންގަން ބޭނުންނުވަނީކަން ރާދިން ދެނެގަތެވެ. އޭނާ ވެސް ދޮރުމަތީ ހުރި އަންހެން މީހާއަށް ބަލާލިއެވެ.
"އައިޖީއެމްއެޗްގަ" އަންހެންމީހާ ދިން ޖަވާބުން އޭނާއަށް ޝުކުރު އަދާކޮށްފައި އަރްސަލްއާއި ރާދިން އެނބުރި ހިނގައިގަތީ ލިފްޓާ ދިމާއަށެވެ.
"އައިޖީއެމްއެޗްގައި ނުހުންނާނެ އެވަރުގެ ކަމެއް ބަލާދޭނޭ މީހަކު" ގޭގެ ދޮރުން މަގުމައްޗަށް ނުކުމެވުމާއެކު ރާދިން ބުނެލިއެވެ.
"އަހަރެން ބޭނުމެއްނޫން އަހަރެމެން އައިކަން އޭނާއަށް އެނގޭކަށް. ފަހަރެއްގައި އަހަރެމެންނަކީ ކޮންބައެއްކަން އެނގިގެން ބައްދަލުނުކޮށް ވެސް ފާނެ. އަހަރެން ބޭނުން އޭނާގެ ކުރިމައްޗަށް އަހަރެން އެރީމާ އޭނާ ކަންތައްކުރާގޮތް ބަލަން" އަރްސަލް ބުނެލިއެވެ. މަޑުހިނގުމުގައި ދެ ޒުވާނުން އައިސް ކާރަށް އެރިއެވެ. އިރުކޮޅަކު ހުންގާނުގައި ދެއަތުން ހިފަހައްޓާލައިގެން އިނދެފައި އަރްސަލްއަށް ރާދިން ގޮވާލިއެވެ.
"މުއްޠުބެ ފްރެންޑެއް ހުންނާނެ..." ކުއްލިއަކަށް ރާދިން ހިނިތުންވެލިއެވެ.
"އެކަމަކު އަހަރެމެން އެކަން ކުރުމުގެ ބޭނުން މުއްޠުބެ ގާތުގައި ނުބުނާތި" އަރްސަލްގެ ވާހަކައަށް ރާދިން ބޯޖަހާލާފައި އަވަހަށް މުއްޠަލިބަށް ގުޅާލިއެވެ. އޭނާ ދެއްކި ވާހަކަތައް އަރްސަލްއަށް ވެސް އަޑުއިވުނެވެ.
ހޮސްޕިޓަލަށް ވަދެގެން އަންނަމުން މުއްޠަލިބު ބުނި މީހާއަށް ރާދިން ގުޅިއެވެ. އެ މީހާ ހުރި ހިސާބެއް ބުނުމުން އެ ދިމާއަށް ރާދިންއާއި އަރްސަލް އައެވެ. އެއާއެކު ބޭނުންވެގެން އުޅޭ މަޢުލޫމާތު އަރްސަލްއާއި ރާދިންއަށް ލިބުނެވެ.
އައި.ސީ.ޔޫ ހުންނަ ދިމާއަށް އައިއިރު އެތާގެ ގޮނޑިބަރިތަކުގައި މަޑުކޮށްލައިގެން ދެތިން މީހުން ތިބިތަން އަރްސަލްއާއި ރާދިންނަށް ފެނުނެވެ. އެ މީހުންގެ ތެރެއިން ޒުވާން އަންހެންކުއްޖަކު އެ މީހުންނަށް ނުފެނުނެވެ. އިރުކޮޅަކު އެ ތަނުގައި މަޑުކޮއްލަން ރާދިން ޚިޔާލު ދިނެވެ. އޭނާގެ ދުލުގައި ފަހު ލަފުޒު އޮއްވާ ކުއްލިއަކަށް ރާދިންގެ ކޮނޑުގައި އަރްސަލް ހިފިއެވެ. އަރްސަލްގެ ލޮލުން ކޮއްލި އިޝާރާތާއެކު އަވަހަށް ފަހަތަށް ރާދިން ބަލާލިއެވެ. އޭރު އައި.ސީ.ޔޫ ތެރެއިން ނަރުސް ކުއްޖެގެ އެހީގައި ނުކުތް ޒުވާން އަންހެންކުއްޖާ ރާދިންއަށް ވެސް ފެނިއްޖެއެވެ.
"އެއީތަ؟" ޔަގީންނުވެފައި ހުރެ ރާދިންގެ ކަންފަތާ ކައިރިވެލާފައި ސިއްރުން ކަހަލަ ގޮތަކަށް އަރްސަލް އަހާލިއެވެ.
"ވެދާނެ... ހިނގާބަލަ... ވެގެން އުޅޭގޮތެއް އިހަށް އޮޅުންފިލުވަމާ. އެތެރޭގައި އޮތް މީހަކީ އޭނާގެ މާމައަށް ވެދާނެ" ރާދިން މިހެން ބުނެ ކުރިއަށް ފިޔަވަޅެއް އަޅާލެވެންވާއިރަށް އައިސީޔޫގެ ދޮރު ހުޅުވާލާފައި އަށިގަނޑުގައި މީހަކު ނެރެންފެށުމުން އިހަށް މަޑުކޮށްލިއެވެ.
"އިޓްސް ހާ" އަށިގަނޑުގައި އޮތް އަންހެން މީހާ ފެނުމާއެކު އަރްސަލް ބުނެލިއެވެ.
ރޮވި ގިސްލެވިފައިވާ ހާލު އަށިގަނޑާއެކު ނިމްރާ ހިނގައިގަތެވެ. އެ މަންޒަރު ބަލަން ހުރި އަރްސަލްއަށް ހުއްޓުން އަރާފައި ހުއްޓާ ކުރިއަށް ހިނގައިގަނެވުނީ ރާދިން އޭނާގެ އަތުގައި ހިފާ ދަމާލުމުންނެވެ. އަރްސަލް ގޮވައިގެން ނިމްރާގެ ފަސްފަހަތުން ރާދިން ހިނގައިގަތެވެ.
މަރުވާ މީހުންގެ މަސްގަނޑު ބާއްވާ ކޮޓަރިއަށް އަށިގަނޑު ވެއްދުމާއެކު ނިމްރާގެ ރުއިން ވަކިން ގަދަވިއެވެ. އޭނާ ވެސް ދުވެފައި އެތެރެއަށް ވަންތަން ފެނުނެވެ. ދެ ނަރުހަކު ނިމްރާގެ ފަހަތުން ވަނެވެ. އެހެންލާފައި ދިޔަ ދެ ނަރުހަކަށް އެ މަންޒަރު ފެނި މޯގު ކޮޓަރީގެ ބޭރުގައި ހުރި ނަރުހަކާ ސުވާލުކޮއްލިއެވެ. އެ އަޑު އިވޭ ހިސާބުގައި ރާދިންއާއި އަރްސަލްއަށް ތިބެވުނީތީ އެ ވާހަކައަށް ކަންފަތް ހުޅުވާލިއެވެ.
"އައި.ސީ.ޔޫ ޕޭޝަންޓެއް މަރުވީ. އެ އަންހެންކުއްޖާ ފިޔަވާ އެއްވެސް މީހަކު އޭނާގެ ނެތް. ހުރިހާކަމެއް ކުރަން ހުރި މީހަކީ އެއީ. އޭނާގެ މާމަ ދަރިފުޅު އެކަނި" ނަރުސްކުދީން ދެއްކި ވާހަކަ އަޑުއަހަން ހުރި އަރްސަލްއަށް ފަހަތަށް ޖެހެވެމުން ގޮސް ފާރުގައި ލައްގަނެވުނެވެ. ފަޓުލޫނުގެ ދެ ޖީބަށް ކޮއްޕާލެވުނު އަތްތިލަ މުއްކަޕާލެވުމާއެކު އިސްޖަހާލެވުނެވެ. ލޫން މަރުވިކަން ޑަކްޓަރުން ޔަގީންކޮއްދިން ވަގުތުގެ މަންޒަރުތައް ސިކުނޑީގެ ލޯގަނޑުން ފެންނަން ފެށިއެވެ. އޭނާގެ ވަށައިގެން އެތައްބަޔަކު އެ ވަގުތުކޮޅުގައި ތިއްބެވެ. ސަހަރާއަށް ލޫން ގެންދެވި ވަޅުލާ ނިމުނުއިރު ވެސް އޭނާ އެކަންޏެއް ނުވިއެވެ. ހުރިހާ ވަގުތަކު އޭނާއާއެކު ރާދިން ހުއްޓެވެ.
"އަރްސަލް..." ރާދިން އައިސް އަރްސަލްގެ ކޮނޑާ ދިމާލުން އަތުގައި އަތްޖައްސާލަމުން ގޮވާލިއެވެ.
"ހެލްޕް ހާ" އިރުކޮޅަކު މޯގު ކޮޓަރިއަށް ބަލަހައްޓައިގެން ހުރުމަށްފަހު އަރްސަލް ބުނެލީ ވައިއަޑުންނެވެ. ވަގުތުން ރާދިން ބޯޖަހާލިއެވެ.
ރޮވެމުންދިޔަ ނިމްރާއަށް ނަރުސް ކުއްޖަކާއެކު އެތެރެއަށް ވަން ޒުވާނާ ފެނުނެވެ. އޭނާ އައިސް ނިމްރާގެ ކުރިމަތީ ހުއްޓުނެވެ. އަދި އަށިގަނޑުގައި އޮތް މައްޔިތާއަށް ބަލާލިއެވެ.
"އަހަންނަށް ކިޔަނީ ރާދިން... ތީ ނިމްރާތަ؟" ރާދިން އަހާލުމާއެކު ރޮމުންރޮމުން ނިމްރާ ބޯޖަހާލިއެވެ. ރާދިން އިތުރު އެއްޗެއް ނުބުނެ އެތަނުން ނުކުތީއެވެ.
ސަހަރާއަށް ގެން ގޮސް ރަޒިއްޔާ ވަޅުލުމާ ހަމައަށް ވެސް ނިމްރާ ދުށީ ރާދިން އިސްވެ އުޅޭ ތަނެވެ. ރާދިންއާއެކު އިތުރު ޒުވާނަކު ހުރިކަން ވެސް އޭނާއަށް ފާހަގަވިއެވެ. އެހެންނަމަވެސް އެއީ ކޮންބައެއްކަން އެނގުމަށްވުރެ އެމީހުންގެ އެހީތެރިކަން މިފަދަ ވަގުތެއްގައި ލިބޭތީ އެކަމާ ނިމްރާ ހުރީ ޝުކުރުވެރިވެފައެވެ. ރަޒިއްޔާއާ ކޮންމެވެސް ގޮތަކުން ގުޅުމެއް އޮތް ބައެއް ކަމުގައި ނިމްރާ ހީކުރިއެވެ. ކަށުނަމާދުގައި ވެސް އެ މީހުން ބައިވެރިވިއެވެ. އެނބުރި ގެއަށް ދާން ބޭނުންނުވެފައި ސަހަރާގައި އިންދާ ނިމްރާއަށް ރާދިން ގޮވާލިއެވެ.
"ހިނގާ ދާން" ރާދިން ބުނެލިއެވެ.
"ކޮންތާކަށް" އިސްޖަހާލައިގެން ހުރެ ދެ ލޯ ފުހެމުން ނިމްރާ ބުނެލިއެވެ.
"ގެއަކައްނު" ރާދިން މިހެން ބުނެފައި ސަހަރާގެ ބޭރުގައި ދޮރުމަތީ އެ މީހުންނަށް ބަލަން ހުރި އަރްސަލްއަށް ބަލާލިއެވެ.
"މާމަ ވެސް އެ ދިޔައީ އަހަރެންގެ ސަބަބުން" މޫނުގައި ދެއަތް އަޅާ ފޮރުވާލަމުން ނިމްރާ ބުނެލިއެވެ. ރާދިންގެ ހިތުގައި އެ އަންހެންކުއްޖާއާ މެދު ހަމްދަރުދީ އުފެދުނެވެ. މިވަގުތު އޭނާ އެކަނިކޮއްލާފައި ދާކަށް ރާދިން ބޭނުމެއްނޫނެވެ.
"ހިނގާދާން..." ރާދިންގެ ގާތަށް އައިސް ހުއްޓިލަމުން އަރްސަލް ބުނެލިއެވެ.
"ނިމްރާ..." ރާދިން މަޑުމަޑުން ބުނެލިއެވެ.
"މިތާ ހުރެ ކިތަންމެ ބާރަކަށް ރުޔަސް މަރުވުމަށްފަހު އެނބުރިއެއް ނާންނާނެ. ދެން ރަނގަޅުވާނީ ގެއަށް ދިއުން" އަރްސަލް ހަރުކަށި ގޮތަކަށް ބުނެލިއެވެ. އެއަޑަށް މޫނުން ދެއަތް ނަގާ ނިމްރާ ބަލާލިއެވެ. ކަރުނުން ފުރިފައިވާ ދެ ލޮލުން ރާދިންގެ ގާތުގައި ހުރި ޒުވާނާއަށް ނިމްރާ ބަލަން ހުރީ ހައިރާންވެފައެވެ. މިފަދަ ވަގުތެއްގައި ހަރުކަށިކަން ޚިޔާރުކުރާނީ ހިތުގައި ކުޑަ ވެސް ރަހުމެއްނެތް މީހެއްކަން ނިމްރާ ޤަބޫލުކުރެއެވެ.
"ތެންކިއު މާމަ ވަޅުލުމުގެ ކަންތައް..." ނިމްރާގެ އަނގައިގައި އެއްބައި އޮއްވާ އޭނާގެ މޫނާ ދިމާއަށް އަރްސަލް ކަނާއަތް ހިއްލާލާ އޭނާ ހުއްޓުވިއެވެ.
"ޝުކުރުއަދާކުރާކަށް ކޮއްދިންކަމެއްނޫން އެއީ... ކަލޭ ހީކުރީ ހިލޭ ކޮއްދިންކަމެއްކަމައްތަ؟" އަރްސަލްގެ ބަސްތަކާއި ރާގު އިވިފައި ރާދިންއަށް ވެސް ސިހުމެއް ލިބުނެވެ. ނިމްރާ ހުރީ ބަސްހުއްޓިފައެވެ. އެ ދެލޮލުގައި ވިދަމުންދިޔަ ކަރުނަތައް ވެސް ކުއްލިއަކަށް ހިފެހެއްޓުމަކަށް އައި ކަހަލައެވެ. އެ މޫނުން ހިތްދަތިކަމަށްވުރެ ކަންބޮޑުވުމާއި ހާސްކަން ފާޅުވާން ފެށިއެވެ.
"އަދިވެސް ހުންނަނީތަ؟" އަރްސަލް ދެން ވެސް ވާހަކަދެއްކީ ހަރުކަށިކަން އެކުލެވިފައިވާ ބާރު އަޑަކުންނެވެ.
"ތީ ކާކު؟ ކާކު ކަލޭމެން ފޮނުވީ... ތީ މާމަ ދަންނަބައެއްނޫން ދޯ" ރުއިމުގެ ސަބަބުން ކުރެހިފައިވާ އަޑުން ނިމްރާ އަހާލިއެވެ. އެ އަޑުގައިވި ކަންބޮޑުވުން ރާދިން ދެނެގަތެވެ.
"އަރްސަލް..." ސަހަރާގެ ތެރޭގައި ތިބެވުނީ ރާދިން ހަނދާނެއްނުނެތެވެ. އެހެންވެ އެކުވެރިޔާ ހުއްޓުވަން އޭނާ ބޭނުންވީއެވެ. މީ ނިމްރާއާ ޖަދަލުކުރަންވީ ވަގުތެއްނޫންކަން އަރްސަލްއަށް ވިސްނައިދޭން ރާދިން ބޭނުންވިއެވެ. ނިމްރާގެ ކުރިމަތީގައި ތިބި ދެ މީހުންނަށް ވަކިވަކިން އޭނާ ބަލާލިއެވެ. ރާދިންއާއި އަރްސަލްއަކީ ކާކުކަމެއް އޭނާއަކަށް ނޭނގުނެވެ.
"އަހަރެން... އަހަރެން ފައިސާ ދީފާނަން... ޚަރަދުވި ވަރު ބުނޭ... މިހާރު މިވަގުތު އަތުގައި ފައިސާއެއްނެތް. އެކަމަކު ގޭގައި ހުންނާނެ" ބިރުގެންފައި ހުރި މީހަކު ފަދައިން ނިމްރާ އަޅައިގަންނަމުން ވާހަކަދެއްކިއެވެ.
"މިހާރު ވެސް މީހުންނަށް ދަރާފައި އޮތް މީހެއްތީ. ކޮން ޔަގީންކަމެއް އޮތީ އަހަރެން ކުރި ޚަރަދުގެ ބަދަލު ލިބޭނެކަމެއް" އަރްސަލް ހުރީ ނިމްރާއާ ދިމާކޮއްލާފައި ހުރި ފަދައަކުންނެވެ.
"ހިނގާ އަހަންނާއެކު... ގޭގައި ފައިސާ ހުންނާނެ" އެކަނިހާލައިގެން ކުރިމަތީ ތިބި ދެ ޒުވާނުންގެ ކިބައިން ސަލަމަތްވެވޭނެ ގޮތަކާ މެދު ނިމްރާ ވިސްނިއެވެ. ކުއްލިއަކަށް އޭނާއަށް މި ކުރިމަތިވީ ކޮންފަދަ މުސީބާތެއްބާއޭ ނިމްރާ ހިތަށް އަރަމުންދިޔައެވެ. ހަމައެއާއެކު ނުބައި ވަސްވާސްތައް ހިތާއި ސިކުނޑި އިތުރަށް ބިރުގަންނަވަމުންދިޔައެވެ. އެއްފަރާތަކަށް ނިމްރާ ޖެހެންފެށިއެވެ. އެތަން ބަލަން ހުރި އަރްސަލް އޭނާގެ އަތް ނުފޯރާ ހިސާބަށް ނިމްރާ ދިއުމުގެ ކުރީން ހިފަހައްޓަން ބޭނުންވިއެވެ.
އަރްސަލް އެނބުރިލިތަން ފެނުމާއެކު ނިމްރާ ދުއްވައިގަތެވެ. ސަހަރާގެ ދޮރުން މަގުމައްޗަށް ނުކުމެވުނު ތަނާހެން ފަހަތުން އައިސް ނިމްރާގެ ވައަތު މުލައްދަނޑީގައި މީހަކު ހިފައިފިއެވެ. އަވަހަށް ބަލާލިއިރު އެ އަތުގައި ބާރަށް ހިފަހައްޓާލައިގެން ހުރީ އަރްސަލްއެވެ.
"ފިލަންތަ ތި ދުވަނީ؟" އަރްސަލް އަހާލިއެވެ.
"އަހަރެން ބުނީމެއްނު ގެއަށް ގޮސް ފައިސާ ދޭނަމޭ... ދޫކޮއްލާ!... އަހަރެން ފިލާކަށް ނޫޅެމޭ" އަރްސަލްގެ އަތް ނައްޓުވާލަން ނިމްރާ އުޅުނެވެ.
"އެ އަންހެންކުއްޖާ ކޮންތާކަށް ކަލޭމެން ތި ގެންދަނީ" ސަހަރާ ތެރޭގައި އުޅުނު މުދިމު އައިސް ރާދިންއާ ސުވާލުކުރިއެވެ.
"މާމަ މަރުވީމާ ގެއަށް ނުދާންވެގެން ވަރުދައްކާތީވެ ގަދަކަމުން މިތަނުން ނެރެންޖެހުނީ" ރާދިން ބުނެލިއެވެ. އަދި އިތުރު ސުވާލެއް ކުރިމަތިވުމުގެ ކުރީން އަވަހަށް ސަހަރާއިން ނުކުތެވެ. އޭރު ނިމްރާގެ އަތުގައި ހިފައިގެން އަރްސަލް ހުރެ އޭނާ ގެނެސް ކާރުގެ ފަހަތު ސީޓަށް އަރުވަނީއެވެ. (ނުނިމޭ)