ދިވެހި ސިނަމާ

"ބޮސް" އާއި "4426" ގެ ޓިކެޓް ވިއްކަން ފަށައިިފި

އަންނަ މާޗު މަހުގެ ތެރޭގައި އަލުން އަޅުވަން ނިންމާފައިވާ ދިވެހި ފިލްމު "ބޮސް" އާއި "4426" ގެ ހާއްސަ ޝޯތަކުގެ ޓިކެޓް މިއަދު އޮލިމްޕަހުން ވިއްކަން ފަށައިފި އެވެ.

ޕްރޮޑިއުސާ އަދި ޑައިރެކްޓާ ފާތުމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓެއިންމަންޓުން އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް ގެނެސްދިން މި ދެ ފިލްމު ހާއްސަ ޝޯތައް އަޅުވާއިރު ދެ ފިލްމުގެ ޓިކެޓް މިހާރު އޮލިމްޕަސް ޓިކެޓް ކައުންޓަރުން ލިބެ އެވެ. ނަހުލާ ބުނީ އޮންލައިންކޮށް ޓިކެޓް ބުކްކޮށްފައިވާ ފަރާތްތަކަށް ވެސް ޓިކެޓް ލިބޭނެ ކަމަށެވެ.

ފިލްމު "ބޮސް" ގެ ލަވަތަކުގެ ވީޑިއޯ ހިމެނޭ ޑީވީޑީ ވެސް އޮލިމްޕަހުން މިއަދު ވަނީ ވިއްކަން ފަށާފަ އެވެ. ރާއްޖޭގައި މިހާރު ތިބި މަޝްހޫރު ލަވަކިޔުންތެރިންގެ އަޑު އިވިގެންދާ "ބޮސް" ގެ ލަވަތަކަކީ ގިނަ ބައެއް މަގުބޫލުކަން ހޯދާފައިވާ ލަވަތަކެކެވެ.

"ބޮސް" ގެ ދެ ޝޯ ދައްކާނެ އެވެ. އެއީ އަންނަ މާޗު މަހުގެ އެއްވަނަ ދުވަހާއި ތިން ވަނަ ދުވަހު އެވެ. މާޗު ދޭއް ގައި "4426" ގެ ޝޯއެއް ދައްކާނެ އެވެ.

މި ދެ ފިލްމު އަލުން އަޅުވަން ނިންމީ، ފިލްމު އަދި ބަލާ ނުލެވި ތިބި ފަރާތްތަކާއި ފިލްމު އަލުން ބަލާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދާ ދިނުމުގެ ގޮތުން ކަމަށް ނަހުލާ ބުންޏެވެ.