ފިނިޕޭޖް

4426 ބަލާލަން ލިބޭނެ މިއީ ފަހު ފުރުސަތު؟

ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ ކާމިޔާބު ޑައިރެކްޓަރުގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ފާތިމަތު ނަހުލާއަކީ ހުއްޓުމެއް ނެތި ދިވެހިންނަށް އެކި ކަހަލަ ފިލްމުތައް އުފައްދަމުން އަންނަ ކުޅަދާނަ އަންހެނެކެވެ. ބައެއް ފަހަރު ރޮއްވާލަމުން، އަނެއްބައިފަހަރު ހެއްވާލަމުން ގޮސް ދިވެހިން ލޯބީގައި ޖައްސަމުންދާއިރު މިއީ ނަހޫގެ ދެގޮތެއްނުވާ ފިލްމުތަކުގެ އަސަރެވެ. ނަހޫގެ ފިލްމުތަކަކީ ބަލާބަލާ ފޫހި ނުވާނެ ފިލްމުތަކެކެވެ.

ނަހޫގެ ފިލްމުތަކުގެ ތެރެއިން ބޮސް، 4426 އަދި ޔޫސުފް ވަނީ މި ހަތްފާގެ ބުދަ ދުވަހު އޮލިމްޕަހުގައި އަލުން އަޅުވާފަ އެވެ. ފިލްމު 4426 ގެ ފޭސްބުކް ޕޭޖުގައި އެ ފިލްމުގެ މޭކިން ލައިވް ކުރަމުން ނަހޫ ބުނެފައިވަނީ މި މިއަދު ފިލްމު އަޅުވަން ހަމަޖެހިފައިވާއިރު، މިއީ މި ފިލްމު ބަލާލުމަށް ލިބޭނެ އެންމެ ފަހު ފަހަރުކަމަށްވެސް ވުން އެކަށީގެންވާ ކަމަށެވެ. އަދި މި ގޮތަށް ފޭސްބުކް މެދުވެރިކޮށް ބުނުމުން މި ޑިސެމްބަރު މަސް ނިމެންދެން މި ފިލްމު އޮލިމްޕަހުގައި އެޅުވުމަށް ގިނަ ބަޔަކު ދަނީ ކޮމެންޓު ކުރަމުންނެވެ. އަދި ޗުއްޓީ ބަންދުގައި ފިލްމު އެޅުވުމަކީ އަތޮޅު ތެރޭގެ ގިނަ ބަޔަކަށްވެސް އެފިލްމު ސްކްރީނުން ބަލާލައި އެ ތަޖުރިބާ ކޮށްލެވޭނެ ފުރުސަތެއް ކަމަށްވެސް ނަހޫ ބުނެ އެވެ.

4426 ފޭސްބުކް ޕޭޖުގައި ފިލްމުގެ މޭކިންގ ވަނީ ލައިވްކޮށްފަ އެވެ.

އޮކްޓޯބަރު 2016 ގައި ރިލީޒް ކުރި 4426 އަކީ ސްކްރީނުތަކުގައި ނަހޫ ސްޓައިލުގައި ބިރު ގަންނަވާލި ފިލްމެކެވެ. ފިލްމުގެ ލީޑް މަރިޔަމް އައްޒަ އަށް ދިވެހި ފިލްމު އެވޯޑްސްގައި ވަނަ ނުލިބުމާއި 4426 އަށް އެންމެ މޮޅު ފިލްމުގެ ވަނަ ނުލިބުމުން ގިނަ ބަޔަކު ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ މައްސަލަ ވެސް ޖައްސާފަ އެވެ. މި ފިލްމަށް

މި ފިލްމުވަނީ 35 ވުރެ ގިނަ ޝޯ އޮލިމްޕަހުގައި އަޅުވާފަ އެެވެ. އަދި އަތޮޅުތެރޭގެ ހުރިހާ ހިސާބެއްގައިވެސް މި ފިލްމު ވަނީ ދައްކާފަ އެވެ. އެހެންނަމަވެސް، މުޅިން އާ ފިލްމަކަށް އޮންނަ ވަރުގެ ތަރުހީބު ކޮންމެ ފަހަރަކު އެޅުވުމުންވެސް ލިބޭނެ ކަމަށް ނަހޫ ބުނެ އެވެ.

ނަހުލާ ޕްރޮޑިއުސްކޮށް ރިޝްމި ޑައިރެކްޓުކުރި ބޮސް ވެސް އޮލިމްޕަހުގައި އަޅުވަން ވަނީ ހަމަޖެހިފަ އެވެ. މި ފިލްމުވެސް ސްކްރީނަށް އަންނަ މިއީ ހަތަރުވަނަ ފަހަރު އެވެ. އަދި 2009ގައި ރިލީޒްކުރި ޔޫސުފް އަކީ މާލޭ ސްކްރީނުގައި 50 އަށްވުރެ ގިނަ ޝޯތައް ދައްކާފައިވާ ފިލްމެކެވެ. މި ފިލްމުވެސް މި ޑިސެމްބަރު މަަހުގެ ނުވައެއްގައި ވަނީ އެޅުވުމަށް ހަމަޖެހިފަ އެވެ.

ފިލްމު 4426 އަދި ބޮސްގެ ޓިކެޓު އޮލިމްޕަހުގައި 100 އަށް ވިއްކަމުން ދާއިރު، ޔޫސުފްގެ ޓިކެޓު ވިއްކަނީ 50 ރުފިޔާ އަށެވެ. ފިލްމު 4426 ހުކުރު ދުވަހު، ބޮސް ހޮނިހިރު ދުވަހު އަދި ޔޫސުފް އާދިއްތަ ދުވަހު ފުލު ފުލުގައި އަޅުވަން ހަމަޖެހިފައިވާއިރު މިއީ މި ފިލްމުތައް ސްކީރުގައި ބަލާލަން ލިބޭނެ އެންމެ ފަހު ފުރުސަތު ކަމަށްވެސް ވެދާނެ އެވެ.