ފިނިޕޭޖް

ނަހުލާގެ "ހުވާ"ގެ ޓްރެއިލާ އާންމުކޮށްފި

ފުރަތަމަ ދިވެހި ވެބް ސީރީޒް "ހުވާ"ގެ ޓްރެއިލާ ރޭ އާންމުކޮށްފި އެވެ. އެ ޓްރެއިލާ ލޯންޗުކުރީ ބައިސްކޯފު އެޕްލިކޭޝަން ލޯންޗުކުރި ރަސްމިއްޔާތުގަ އެވެ.

ރާއްޖޭގައި އަލަށް އުފައްދާ، 70 އެޕިސޯޑުގެ މި ވެބް ސީރީޒްއަކީ ފާތިމަތު ނަހުލާގެ ވާހަކައަކަށް ތައްޔާރު ކުރާ އުފެއްދުމެކެވެ.

އަވަސްއަށް ދެއްވި އިންޓާވިއުއެއްގައި ނަހުލާ ބުނެފައިވަނީ މިކަަހަލަ ވެބް ސީރީޒްއެއްް އުފެއްދުމަށް ގިނަ ބަޔަކު ކުރިން ވިސްނާފައި ވިޔަސް ރަނގަޅު ފުރުސަތެއް ނުލިބޭ ކަމަށެވެ. އަދި މިއީ ޑިޖިޓަލް މާކެޓަށް ނުކުތުމަށް ފަހިވެގެން ދާނެ ރަނގަޅު ފުރުސަތެއް ކަމަށާއި މިކަހަލަ ފުރުސަތަކަށް ނޫނެކޭ ބުނުމަކީ ދިވެހި ފިލްމީ ދާއިރާއަށް ދެވޭނެ ބޮޑު ގެއްލުމެއް ކަމަށެވެ.

ވެބް ސީރީޒް ހުވާގެ ޓްރެއިލަރ

ނަހުލާ، މުހައްމަދު ފައިސަލް އަދި ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓުކޮށްފައިވާ މި ސީރީޒްގެ މަންޒަރުތައް ނެގުމަށް ބައިސްކޯފުން ވަނީ ބޮޑު އިންޑޯ ސެޓެއް ތައްޔާރުކޮށްދީފަ އެވެ. މި ސީރީޒްގެ މަންޒަރުތައް ނަގާފައި ވަނީ މާލެ އާއި ކ.ގުރައިދޫގައި އެވެ. މި ފުރުސަތު ފަހިކޮށްދިން ބައިސްކޯފުގެ ސީ.އީ.އޯ މިރުޝާދުއަށް ޝުކުރު ދަންނަވަމުން ނަހުލާ ބުނީ މިކަހަލަ ބޮޑު ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަން އުޅޭ މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އަދި މި ސީރީޒް ހެދުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ސްޓޫޑިއޯ ވެސް ދިނީ މިރޫ (ބައިސްކޯފުގެ ސީ.އީ.އޯ- މިރުޝާރު) ކަމަށް ބުންޏެވެ.

މިމަހުގެ 29ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ މި ސީރީޒްގެ މުޅިން އާ އެޕިސޯޑެއް ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހު ދެއްކުމަށް ހަމަޖެހިފައިވާ އިރު މި ސީރީޒް އިން 39 އަކަށްވުރެ ގިނަ އެކްޓަރުން ލީޑުން ފެނިގެންދާނެ ކަމަށްވެސް ނަހުލާ ބުންޏެވެ. އަދި ހަމައެހެންމެ، މި ދާއިރާއަށް މުޅިން އަލަށް ނިކުންނަ ހަތަރު ވަރަކަށް ފަންނާނުން ވެސް ފެނިގެންދާނެއެވެ.