ފިނިޕޭޖް

އެންމެ އެޕިސޯޑަކުން ވެސް "ހުވާ" މަގުބޫލު ވެއްޖެ

ފާތިމަތު ނަހުލާއޭ ބުނެފި ކަމަށްވާނަމަ އެއީ ދިވެހި ސިނަމާގައި އެންމެ ކާމިޔާބު އެއް ނަމެވެ. އެ ނަން މިފަހަރު ފެނިފައިވަނީ ތަފާތު ޕްލެޓްފޯމަކުން ތަފާތު ގޮތަކަށެވެ. ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒް، "ހުވާ"ގެ ޑައިރެކްޓަރެވެ. އެ ސީރީޒް ދައްކަނީ ބައިސްކޯފުންނެވެ. ފުރަތަމަ އެޕިސޯޑް ދައްކާފައިވާއިރު ތަރުހީބު އޮހިގެން ވަނީ ގޮސްފަ އެވެ. ފުރަތަމަ އެޕިސޯޑު ބެލުމަށް އެތައް ހާސް މީހުން އެެއްފަހަރާ މަސައްކަތް ކުރިކަމަށް ހުވާގެ ޑައިރެކްޓަރު ފާތިމަތު ނަހުލާ، ނަހޫ ބުންޏެވެ.

ހުވާގެ ދެވަނަ އެޕިސޯޑު މިރޭ ނުވައެއް ޖަހާއިރު ދައްކާނެ އެވެ.

ނަހޫ ބުނީ އެތައް ބަޔަކު ބައިސްކޯފު އެޕްލިކޭޝަންއަށް ވަނުމުން ސާވާއަށް ނުކަތާ ވަރުވި ކަމަށެވެ. އަދި މި ވެބް ސީރިޒްގެ އެޕިސޯޑްތައް ފަހުން ބަލާލެވޭނެކަން އެނގި ތިބެ ވެސް ގިނަ ބަޔަކު ސީދާ އެ ގަޑީގައި ބަލާލަން ބޭނުންވުން މިއީ ދިވެހި ޑްރާމާތައް ބެލުމަށް އަދިވެސް ބޮޑު ތަރުހީބެއް އޮތްކަން އަންގައިދޭ ކަމުގެ ހެއްކެއް ކަމަށެވެ. ފުރަތަމަ އެޕިސޯޑު ބަލަމުންދިޔައިރު ސްޓަކްވެ ލޯޑު ނުވުން ފަދަ މައްސަލަތައް ދިމާވި ނަމަވެސް ދެވަނަ އެޕިސޯޑަށް އެކަންކަން ހައްލުކުރާނެ ކަމަށް ވެސް ނަހޫ ބުންޏެވެ.

ފުރަތަމަ އެޕިސޯޑު ރިލީޒް ކުރާއިރަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ބެލޭތޯ މަސައްކަތް ކުރި. 14 ހާހަށްވުރެ ގިނަ މީހުން އެރޭ ވަގުތުން ބަލާލުމަށް ވަދެ ތިބި. އަދި އެހާ ގިނަ ބަަޔަކު ވަންނާނެ ކަމަށް އުއްމީދު ކޮށްގެންނެއްވެސް ނޫން ތިބީ، ނަހޫވެސް އަދި ބައިސްކޯފު ޓީމުންވެސް. އެހެންވެ ސްޓަކްވެ ލޯޑުވުމުގައި ތަންކޮޅެއް ލަސްވި.
ހުވާގެ ޑައިރެކްޓަރު ފާތިމަތު ނަހުލާ

އެެތައް ބަޔަކު އެއްފަހަރާ އެ އެޕްލިކޭޝަންއަށް ވަނުމުގެ ސަބަބުން ސްޓަކްވެ ޓްރެފިކް މައްސަލަ ޖެހުމުން ބައިސްކޯފު ޓީމުން އެ ރޭ ވަނީ ސްޓޭޓްމަންޓެއް ވެސް ނެރެފަ އެވެ. އަދި ބެލުންްތެރިންގެ ކިބައިން މާފަށް އެދެމުން ވީހާވެސް އަވަހަކަށް އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރާނޭ ކަމަށް އެ ސްޓޭޓްމަންޓުގައި ބުނެފައިވެ އެވެ.

ހުވާގެ ފުރަތަމަ އެޕިސޯޑަށް ލިބުނު ތަރުހީބާ ދޭތެރޭ ބައިސްކޯފުން ވެސް ހިތްހަމަޖެހެ އެވެ. ނަހޫ ބުނީ ވެބް ސީރިޒްއަކީ ދިވެހިންނަށް އާ އެއްޗަކަށް ވީ އިރުވެސް ގިނަ ބަޔަކު ބައިސްކޯފު އެޕް އަޅައިގެން ހުވާ ބަލާލަން ބޭނުން ވީތީ އުފާ ކުރާ ކަމަށެވެ. އަދި ދެވަނަ އެޕިސޯޑު މިރޭ ދެއްކުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ އެޕިސޯޑަށް ލިބުނު ތަރުހީބަށް ބަލާ، މިރެއަށް ތިބީ ތައްޔާރުވެގެން ކަމަށް ނަހޫ ބުނެ އެވެ. ނަހޫގެ އިތުރުން މުހައްމަދު ފައިސަލްއަކީ ވެސް ސީރީޒްގެ ޑައިރެކްޓަރެކެވެ.

ރާއްޖޭގެ ފުރަތަމަ ދިވެހި ވެބް ސީރީޒް "ހުވާ"ގެ ޓްރެއިލާ ލޯންޗުކުރީ ބައިސްކޯފު އެޕްލިކޭޝަން ލޯންޗުކުރި ރަސްމިއްޔާތުގަ އެވެ. ނަހޫ ޑައިރެކްޓުކުރާ ހުވާގެ މުޅިން އާ އެޕިސޯޑެއް ކޮންމެ ބުރާސްފަތި ދުވަހަކު އަދި ހޯމަ ދުވަހެއްގެ ރޭގަނޑު ނުވައެއް ޖަހާއިރު ބައިސްކޯފު އެޕްއަށް އަޕްލޯޑް ކުރާނެ އެވެ.