ދިވެހި ސިނަމާ

ނަހުލާގެ ފިލްމް ޔޫސުފް، 4426 އަދި ބޮސް އަނެއްކާވެސް އޮލިމްޕަހަށް

ނަހުލާގެ ފިލްމުތަކަށް ލޯބިކުރާ މީހުންނަށް މިފަހަރު މިއޮތީ އުފާވެރި ހަބަރެކެވެ. ނަހޫގެ ފިލްމުތަކުގެ ތެރެއިން، އެންމެ މަގުބޫލު ފިލްމުތަކުގެ ލިސްޓުގައި ހިމެނޭ 4426، ޔޫސުފް އަދި ބޮސް އަނެއްކާވެސް އޮލިމްޕަހުގައި އަޅުވަން ނިންމައިފި އެވެ.

ދިވެހި ސިނަމާތަކުގައި ގިނަ ބަޔަކު ބިރުގަންނަވާލި އެއް ފިލްމު 4426 އާއި ފިލްމު ޔޫސުފް އަދި ބޮސް އަނެއްކާވެސް އަޅުވަނީ މި މަހުގެ ހަތެއް އަށެއް އަދި ނުވައެއްގަ އެވެ. ނަހުލާ ބުނި ގޮތުގައި މި ތިން ފިލްމު އަޅުވަން ނިންމީ މި ފިލްމުތައް ކުރިން ނުބެލި ތިބި މީހުންނަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ކަމަށެވެ. އަދި މިއީ އަތޮޅުތެރޭގެ ގިނަ ބަޔަކު މާލެ އަންނާނެ ދުވަސްވަރަށް ވުމުން އެ މީހުންނަށްވެސް އޮލިމްޕަހުން މި ފިލްމުތައް ބަލާލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

މި ފިލްމުތައް އަލުން އަޅުވަން ނިންމީ އަތޮޅުތެރޭގެ ވަރަށް ގިނަ މީހުން ތަކުރާރުކޮށް އެދޭ މި ފިލްމުތައް އޮލިމްޕަހުން ބަލާލުމަށް، އަދި މި ދުވަސްވަރު އަތޮޅުތެރޭގެ ގިނަ ބަޔަކު މާލެ އަންނާނެތީ އެ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން. މި ފިލްމުތައް އޮލިމްޕަހުން ބަލާލުމަށް ލިބޭނެ ރަނުގެ ފުރުސަތެއް މީ.
ފާތިމަތު ނަހުލާ

މީގެ އިތުރުން ނަހުލާ ބުނި ގޮތުގައި، ފިލްމު ޔޫސުފްއަކީ ރާއްޖޭގައި ރެކޯޑް އަދަދަކަށް ބަލާފައިވާ ފިލްމެއް ކަމަށެވެ. އަދި އޮލިމްޕަހުގައި އެކަނިވެސް 50 ޝޯ ދީފައިވާ ކަމަށް ކުޅަދާނަ ފިލްމު ޕްރޮޑިއުސަރު ނަހުލާ ބުންޏެވެ. ނަހުލާގެ އެންމެ ނަންހިނގާ ފިލްމުތަކުގެ ލިސްޓުގައި ހިމެނޭ ބޮސް، ޔޫސުފް އަދި 4426 އަކީ އޮލިމްޕަހުގައި ހައުސްފުލް ޝޯތަކެއް މީގެކުރިން ދީފައި ހުރި ފިލްމުތަކެކެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ވެސް މި ފިލްމުތައް އެކި ފަހަރުމަތިން އަޅުވާ ގިނަ ބައެއްގެ ލޯތްބާއި ތަރުުހީބު ވަނީ ލިބިފަ އެވެ.

ހޯމަ ދުވަހުން ފެށިގެން މި ފިލްމުތަކަށް އޮލިމްޕަހުން ޓިކެޓުތައް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ފިލްމު ޔޫސުފްގެ ޓިކެޓު 50ރުފިޔާ އަށް އަދި ފިލްމު ބޮސް އާއި 4426، 100 ރުފިޔާއަށް ވިއްކުމަށް ނިންމާފައި ކަމަށް ނަހުލާ ބުންޏެވެ. ނަހުލާގެ ފިލްމުތަކަށް ލޯބި ކުރާ މީހުންނަށް އަނެއްކާވެސް މި ފިލްމުތައް ބަލާލުމަށް މި ލިބުނީ ރަނުގެ ފުރުސަތެކެވެ.