ފާތުމަތު ނަހުލާ

މިރޭ އަނެއްކާވެސް "ބޮސް" އޮލިމްޕަހަށް!

މިދިޔަ އަހަރު ރިލީޒްކޮށް އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ޕްރޮޑިއުސާ އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ލޯބީގެ ފިލްމު "ބޮސް" ގެ ހާއްސަ ޝޯއެއް މިރޭ އޮލިމްޕަހުގައި އޮންނާނެ އެވެ.

ބޮސްއާ އެކުއެކީގައި މާދަމާ ރޭ ނަހުލާގެ ބިރުވެރި ފިލްމު "4426" ގެ ހާއްސަ ޝޯއެއް ދެއްކުމަށް ވެސް ވަނީ ނިންމާާފަ އެވެ. މި ޝޯތަކުގެ ޓިކެޓް މިހާރު އަންނަނީ އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން ވިއްކަމުންނެވެ.

މި ދެ ފިލްމު އަލުން އަޅުވަން ނިންމީ، ފިލްމު އަދި ބަލާ ނުލެވި ތިބި ފަރާތްތަކާއި ފިލްމު އަލުން ބަލާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދާ ދިނުމުގެ ގޮތުން ކަމަށް ނަހުލާ ވަނީ ބުނެފަ އެވެ.

ފިލްމު "ބޮސް" ގެ ލަވަތަކުގެ ވީޑިއޯ ހިމެނޭ ޑީވީޑީ ވެސް އޮލިމްޕަހުން ވިއްކަ އެވެ. ރާއްޖޭގައި މިހާރު ތިބި މަޝްހޫރު ލަވަކިޔުންތެރިންގެ އަޑު އިވިގެންދާ "ބޮސް" ގެ ލަވަތަކަކީ ގިނަ ބައެއް މަގުބޫލުކަން ހޯދާފައިވާ ލަވަތަކެކެވެ.