ހޮލީވުޑް

"ގޭމް އޮފް ތްރޯންސް"ގެ ތަރި ސަންސާ ރާއްޖޭގައި

އެޗްބީއޯގެ މަޝްހޫރު ޓީވީ ސީރީޒް "ގޭމް އޮފް ތްރޯންސް" ގެ ތަރި ސޯފީ ޓާނާ، ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ.

ގޭމް އޮފް ތްރޯންސްގައި ސޯފީ ކުޅެނީ ސަންސާ ސްޓާކްގެ ރޯލެވެ. އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން ދަނީ ކޮކޯ ޕްރައިވެޓް އައިލެންޑްގަ އެވެ. ޗުއްޓީގައި ރާއްޖެ އައިސްފައި ވަނީ އިއްޔެ އެވެ. ޗުއްޓީ ނިންމާލާ ދުވަހެއް އަދި ކަށަވަރުވެފައެއް ނުވެ އެވެ.

ސޯފީ އިންސްޓަގުރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ "ބީއާރްބީ. އިން ޕެރެޑައިޒް." އެވެ.

ހަތް ކޮއިލުގެ ރަސްކަމުގެ ބޭނުމުގައި ބަޔަކު ކުރާ ހަނގުރާމަ ދައްކުވައިދޭ “ގޭމް އޮފް ތްރޯންސް” އަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ޓީވީ ސީރީޒެކެވެ. މިހާތަނަށް މި ސީރީޒްގެ ހަތް ސީޒަންނެއް ދައްކާފައި ވެއެވެ.

އިތުރު ސީޒަނަކަށް ބެލުންތެރިން ކެތްމަދުވެފައި ތިބިއިރު، ދެން އަންނާނީ އެ ސީރީޒްގެ އެންމެ ފަހު ސީޒަން އެވެ. އެ ސީޒަން ދައްކާނީ އަންނަ އަހަރު ކަމަށް އެޗްބީއޯ އިން ވަނީ ބުނެފަ އެވެ.