ދުނިޔެ

އިޒްރޭލުން 15 ބިލިޔަން ޑޮލަރުގެ ގޭސް މިސްރަށް ގަންނަނީ

ގުދުރަތީ ގޭސް ގަތުމުގެ 15 ބިލިޔަން ޑޮލަރުގެ އެއްބަސްވުމެއްގައި މިސްރުން އިޒްރޭލާއެކު ސޮއިކޮށްފި އެވެ. މިއީ ނެޗުރަލް ގޭސް އެކްސްޕޯޓު ކުރަން އިޒްރޭލަށް މިހާތަނަށް ލިބުނު އެންމެ އަގު ބޮޑު ޑީލެވެ.

މިސްރުގެ ޑޮލްފިނަސް ކުންފުންޏާއި އިޒްރޭލުގެ ޑެލެކް ޑްރިލިން އާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ޑެލެކް ޑްރިލިން އާއި އެ ކުންފުންޏާ ބައިވެރިިވާ އެމެެރިކާގެ ނޯބުލް ކުންފުނިން 64 ބިލިޔަން ކިއުބިކް މީޓަރުގެ ގޭސް ގަންނާނެ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެއީ "ތާރީހީ އެއްބަސްވުމެއް" ކަމަށް ސިފަ ކުރައްވައި އެ އެއްބަސްވުމަށް މަރުހަބާ ވިދާޅުވެފަ އެވެ. އެ މުއާމަލާތަކީ އިޒްރޭލުގެ ސަލާމަތާ ރައްކާތެރިކަމާއި އެ ގައުމުގެ އިގުތިސާދު ވެސް ވަރުގަދަވެގެންދާނެ މުއާމަލާތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ ސަރަހައްދީ ގުޅުންތައް ރަނގަޅުވެގެންދާނެ ކަަމެއް ކަަމަށް ވެސް ވިދާޅުވި އެވެ.

މިސްރަށް އިޒްރޭލުން ގޭސް އެކްސްޕޯޓް ކުރުމަށް އެއްބަސްވި އިރު މިސްރަކީ ކުރިން އިޒްރޭލަށް ގޭސް ފޯރުކޮށްްދިން ގައުމެވެ. މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ދުވަސްވަރު ގާއިމްކުރި އެއްބަސްވުމެއްގެ ދަށުން އިޒްރޭލަށް ގޭސް އެކްސްޕޯޓު ކުރަމުން އައި ޕައިޕްލައިން 2012 ވަނަ އަހަރު ހަލާކުކޮށްލުމާ ހަމައަށް އެ އެއްްބަސްވުން ދެމި އޮތެވެ. ގޭސް ޕައިޕްލައިން ހަލާކުކޮށްލީ މިސްރުގެ ސީނާ ސަހަރާގައި އޭރު އަންސާރުލް ބައިތުލް މަގުދިސްގެ ނަމުގައި ހަރަކާތްތެރިވި ހަނގުރާމަވެރިން ދިން ހަމަލާތަކެއްގަ އެވެ.

ތަމާރް ނަމަކަށް ކިޔާ ގޭސް ފީލްޑަކާއި ލަވިއާތަން ނަމަކަށް ކިޔާ ގޭސް ފީލްޑް އިޒްރޭލުން ހޯދީ 2009 ވަނަ އަހަރާއި 2010 ވަނަ އަހަރުއެވެ. އޭގެ ފަހުން އެ ގައުމުން ވަނީ ގޭސް އެކްސްޕޯޓް ކުރަން ފަށާފަ އެވެ، އެގޮތުން 15 އަހަރު ދުވަހުގެ ތެރޭގައި 10 ބިލިޔަން ޑޮލަރުގެ ގޭސް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި އެ ގައުމުން ވަނީ އުރުދުންއާއެކު ވަނީ ސޮއިކޮށްފަ އެވެ.

މިސްރާއި އުރުދުން އަކީ އިޒްރޭލާއެކު ސުލްހައިގެ މުއާހަދާއެއް ހަދައިގެން އުޅޭ ދެ ގައުމެވެ. އަރަބި ގައުމުތަކުގެ ތެރެއިން އިޒްރޭލާއެކު އެންމެ ފުރަމަ ސުލްހައިގެ މުއާހަދާއެއްގައި ސޮއިކުރީ ވެސް މިސްރެވެ.

އިޒްރޭލަކީ ޔޫރަޕުން ހިޖުރަކުރި ޔަހޫދީންނަށް ފަލަސްތީނުގެ ބިމުގައި އިނގިރޭސިން އުފައްދައިދިން ގައުމެކެވެ. އެ ދައުލަތް އދ. އިން ބަލައިގަތީ 1948 ވަނަ އަހަރު އެވެ. އޭރު ގެދޮރުން ބޭރުކުރި ފަލަސްތީނު މީހުންގެ އާއިލާތައް އަދިވެސް ދިރިއުޅެމުން އަންނަނީ ސޫރިޔާއާއި ލުބުނާއި ފަލަސްތީނުގެ ބައެއް ހިސާބުތަކުގައިވާ ރެފިއުޖީ ކޭމްޕްތަކުގަ އެވެ.