ދައުރުގެ ބޭރުން މިއަދު ބާއްވަން ނިންމާ އިއުލާން ކުރި ރައްޔިތުން މަޖިލީހުގެ ހާއްސަ ޖަލްސާ ފަށާ ގަޑި އެނގިވަޑައި ނުގަންނަވާ ކަމަށް މަޖިލީހުގެ އިދާރީ ކަންކަމާ އެންމެ އިސްކޮށް މިހާރު ހަވާލުވެ ހުންނެވި، އަމީންއާންމްގެ ނައިބު ފާތުމަތު ނިއުޝާ ވިދާޅުވެއްޖެ އެވެ.
ނިއުޝާ މިހެން ވިދާޅުވިއިރު މަޖިލީހުން ރޭ ވަނީ ހާއްސަ ޖަލްސާ މިއަދު ބާއްވާނެ ކަމަށް އަންގާފަ އެވެ. އަދި އެކަން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވެސް ކަށަވަރުކޮށް ދެއްވި އެވެ.
އާންމު އުސޫލުން މަޖިލީހުގެ ޖަލްސާތައް 9:00 ހާއިރު ފަށަ އެވެ. ނަމަވެސް ހާއްސަ ޖަލްސާ އިއްޔެ ފަށާފައި ވަނީ 11:00 ޖެހި އިރު އެވެ. މިއަދު މެންދުރުވިއިރު ވެސް މިއަދަށް ތާވަލު ކުރި ޖަލްސާ ފަށާ ގަޑިއެއް ނޭނގެ އެވެ. އެ ޖަލްސާގެ އެޖެންޑާއެއް ވެސް މަޖިލީހުގެ ވެބްސައިޓުގައި ޝާއިއެއް ނުކުރެ އެވެ. އެހެންވެ ޖަލްސާ ފަށާ ގަޑި، މަޖިލީހުގެ މެންބަރުންނަށް ވެސް އެނގިވަޑައެއް ނުގަންނަވަ އެވެ. މަޖިލިސް ފަށާ ގަޑި ނިންމަވަނީ ރައީސެވެ.
"އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނިއުޝާ މިއަދު ވިދާޅުވީ މަޖިލީސް ނުފެށި ލަސްވަމުން ދަނީ ފަށާ ގަޑި އަންގާފައި ނުވާތީ ކަމަށެވެ. އަދި ފަށާ ވަގުތެއް އޭނާއަށް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށާއި ނަމަވެސް އެ ޖަލްސާއަށްވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"މިއަދު ޖަލްސާ ބާއްވާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެ، ނަމަވެސް އަޅުގަނޑުމެން މި އަންނަނީ ތައްޔާރުވަމުން،" ނިއުޝާ ވިދާޅުވި އެވެ.
ދައުރުގެ ބޭރުން މަޖިލީހުގެ ޖަލްސާ ބާއްވަނީ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސް ކުރުމަށާއި އެ މުއްދަތު 30 ދުވަހަށް އިތުރު ކުރަން ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ކަނޑައެޅުމަށެވެ. ގާނޫން އަސާސީގައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރަން ބޭނުން ނަމަ އެކަން މަޖިލީހުން ފާސް ކުރަން ޖެހެ އެވެ.
އެކަން ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ވަނީ ޖަލްސާ ބޮއިކޮޓްކޮށްފަ އެވެ. ނަމަވެސް ގާނޫން އަސާސީގެ 87 ވަނަ މާއްދާގައިވާ ގޮތުން ރައްޔިތުންނާ ސީދާ ގުޅުން ހުރި ކަންކަމުގައި ގޮތެއް ނިންމަން ޖެހޭނީ މަޖިލީހުގެ ޖުމުލަ އަދަދުގެ ދެބައިކުޅަ އެއްބައި ހާޒިރުވެ ތިބެގެނެވެ. އެއީ 43 މެންބަރުން ހިމެނޭ ގޮތަށް ނަގާ ވޯޓަކުންނެވެ. ނަމަވެސް ސަރުކާރު މެންބަރުން ހިމަނައިގެން އިއްޔެ ލިބުނީ ޖުމުލަ 38 ވޯޓެވެ.
އެހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ނުކުރެވޭނެ ކަމަށާއި އެ ގަރާރު ފާސް ވެސް ނުކުރެވޭނެ ކަމަށް އިދިކޮޅު މެންބަރުން އަންނަނީ ބުނަމުންނެވެ. އަދި 43 މެންބަރުން ބޭނުންވާނެ ކަމަށް ސަރުކާރު މެންބަރުން ވެސް ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. ނަމަވެސް ވޯޓު ނަގާއިރު އެ އަދަދަށް މެންބަރުން ހަމަވާނެ ކަމަށް ޕީޕީއެމް އިން ބުނެ އެވެ.
ނަމަވެސް އިދިކޮޅު ޕާޓީތަކުން އިއްޔެ ބުނީ ސަރުކާރުގެ ފަރާތުން އެ ޕާޓީތަކުގެ މެންބަރުންނަށް ހުށަހެޅުންތަކެއް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން އެ ވޯޓުގައި ބައިވެރިވެވަޑައިގަތުމަށް ސަރުކާރުގެ އިސް ފަރާތްތަކުން އިދިކޮޅު މެންބަރުންނަށް ކަންކަން ހުށަހަޅަމުން އަންނަ ކަމަށް އެ މެންބަރުން އަންނަނީ ތުހުމަތު ކުރަމުުންނެވެ.
މަޖިލީހުގެ ޖަލްސާތައް ނުފެށި ލަސްވެފައިވާ އިރު ގާނޫން އަސާސީގައިވާ ގޮތުން އިއުލާން ކުރާތާ 14 ދުވަހުގެ ކުރިން މަޖިލީހުން ފާސް ކުރަން ޖެހެ އެވެ. އެ މުއްދަތު މިއަދު ހަމަވާނެ އެވެ.