ކުއްލި ނުރައްކަލުގެ ހާލަތު

ހަވީރު 4 ޖަހާއިރު، މަޖިލިސް ޖަލްސާ ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ހަވީރު 4:00 ހާއިރު ބާއްވާނެ ކަމަށާއި ޕީޕީއެމް އާއި އެމްޑީއޭ ކޯލިޝަނުގައި މިހާރު ތިބި މެންބަރުންގެ ވޯޓުން ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސް ކުރަން ނިންމާފައިވާ ކަމަށް އެ ޕާޓީތަކުގެ މެންބަރުންނަށް އަނގައިފި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 30 ދުވަހަށް ދަމާލަން ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވީ ނަމަވެސް ގާނޫނުގައިވާ ގޮތުން އެކަން ކުރެވެނީ މަދުވެގެން 43 މެންބަރުން ހާޒިރުގައި އަހާ ވޯޓަކުންނެވެ. ނަމަވެސް އިދިކޮޅު މެންބަރުން ޖަލްސާ ބޮއިކޮޓް ކުރުމާ ގުޅިގެން، އެ އަދަދު ހަމަނުވާތީ ޖަލްސާ ފެށުން ވަނީ މަޑުޖެހިފަ އެވެ.

ނަމަވެސް މިއަދު މެންދުރުގެ ވަގުތެއްގައި ޕީޕިއެމް އަދި އެމްޑީއޭ އިން ބޭއްވި ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމަކުން ވަނީ 43 މެންބަރުން ހަމަ ނުވި ނަމަވެސް ވޯޓަށް އަހަން ނިންމާފަ އެވެ. އަދި އެކަމަށް އެ ޕާޓީތަކުން ވަނީ ތްރީ ލައިން ވިޕެއް ވެސް ނެރެފަ އެވެ. އޭގެ އިތުރުން މިއަދު 4:00 ހާއިރު މަޖިލީހުގެ ޖަލްސާ ބާއްވާނެ ކަމަށް ވެސް އެ ޕާޓީތަކުގެ މެންބަރުންނަށް ވަނީ އަނގައިފަ އެވެ.

ޖޮއިންޓް ޕީޖީ ގްރޫޕުން މިހެން އެނގި ނަމަވެސް، ޖަލްސާގެ އެޖެންޑާއެއް އަދިވެސް މަޖިލީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައެއް ނުވެ އެވެ. އަދި މަޖިލީހުން މިއަދު ބުނެފައި ވަނީ އެ ޖަލްސާ އޮންނަ ގަޑިއެއްވެސް އެނގިފައި ނުވާ ކަމަށެވެ.

ރައީސް ޔާމީން 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ މި މަހުގެ ފަސް ވަނަ ދުވަހުގަ އެވެ. އެ މުއްދަތު މިއަދު 8:00 ހާއިރަށް ހަމަވާނެ އެވެ. ގާނޫން އަސާސީގައިވާ ގޮތުން އެ މުއްދަތު އިތުރު ކުރާނަމަ 14 ދުވަހުގެ ތެރޭގައި މަޖިލީހުގެ ޖަލްސާ ބާއްވާ އެކަން ފާސް ކުރަން ޖެހެ އެވެ.