އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް މެލޭޝިއާގެ ލީގުން ހޮވާލެވޭ ޓީމުން މި މަހުގެ ފަހުކޮޅު ކުޅޭ އެކުވެރިކަމުގެ މެޗުގައި މެލޭޝިއާގެ ޓީމުން ޕީޑީއާރްއެމް އަށް ކުޅެމުންދާ ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް ފުރުސަތު ލިބޭނެކަން ޔަގީންވެއްޖެ އެވެ.
މެލޭޝިއާ ލީގުން ހޮވާލެވޭ ޓީމުގެ ކޯޗަކަށް ހުންނަ ޕީޑީއާރްއެމްގެ ކުރީގެ ކޯޗު އަދި މިހާރު މެލޭޝިއާގެ ގައުމީ ޓީމުގެ ކޯޗު ޑޯލާ ސާލޭހްގެ އެދުމުގެ މަތިން، މެލޭޝިއާގެ ފުޓްބޯލް އެސޯސިއޭޝަން އިން ފަސް ބިދޭސީ ކުޅުންތެރިން ޓީމަށް ނެގުމަށް ދިން ފުރުސަތުގައި ޑޯލާ ނެގި ފަސް ކުޅުންތެރިންގެ ތެރޭގައި ދަގަނޑޭ ހިމެނެ އެވެ.
"މި ފުރުސަތު ދިން ކަމަށްޓަކައި މެލޭޝިއާގެ ފުޓްބޯލް އެސޯސިއޭޝަނާއި ކޯޗު ޑޯލާ ސާލޭހް އަށް ޝުކުރު އަދާކުރަން. މިހާރު ސަމާލުކަން މި އޮތީ މި ބޮޑު މެޗަށް،" ދަގަނޑޭ އޭނާގެ ފޭސްބުކް ޕޭޖުގައި ބުނެފައިވެ އެވެ.
މިދިޔަ އަހަރު ޕީޑީއާރްއެމްއާއެކު ދަގަނޑޭ ކުޅުނުއިރު، އެ ޓީމުގެ ކޯޗަކަށް ހުރީ ޑޯލާ އެވެ. ދަގަނޑޭ އަކީ ޑޯލާ ވަރަށް އިތުބާރުކުރާ ކުޅުންތެރިއެކެވެ. މެލޭޝިއާ ޕްރިމިއާ ލީގުގައި މިދިޔަ އަހަރު ދެއްކި މޮޅު ކުޅުމާއެކު، މެލޭޝިއާގައި މިދިޔަ އަހަރު ކުޅުނު އެންމެ މޮޅު ބިދޭސީ ކުޅުންތެރިއާގެ މަގާމު ދަގަނޑޭ އަށް ވަނީ ލިބިފަ އެވެ. މި އަހަރު މެލޭޝިއާގެ ސުޕަ ލީގުގައި ވެސް ދަގަނޑޭ ދަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.
މިދިޔަ އަހަރު މެލޭޝިއާގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި، ޕީޑީއާރްއެމް މެލޭޝިއާގެ ފުރަތަމަ ޑިވިޝަން ޕްރޮމޯޓްކޮށްދިނުމުގައި ދަގަނޑޭ މުހިންމު ރޯލެއް އަދާކުރި އެވެ. މީގެ އިތުރުން މެލެޝިއާގެ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލާއި މެލޭޝިއާ ކަޕްގެ ސެމީ ފައިނަލާ ހަމައަށް ޕީޑީއާރްއެމް ގެންގޮސްދިނުމުގައި ދަގަނޑޭ ހިއްސާބޮޑެވެ.
މިދިޔަ ސީޒަންގައި ޕީޑީއާރްއެމް އަށް 22 ލަނޑު ޖަހައިދިން ދަގަނޑޭ ވަނީ ޕީޑީއާރްއެމްގެ ކޮންޓުރެކްޓް ދެ އަހަރަށް އާކޮށްފަ އެވެ.