ހަބަރު

މެންބަރު ނަޝީދުވެސް މިއަދުގެ ވޯޓްގައި ބައިވެރިނުވި

Feb 20, 2018
7

ޕީޕީއެމްގެ މެންބަރު، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ޕީޕީއެމްގެ ވިޕްލައިނާ ހިލާފުވެ އެސްއޯއީ އިތުރު ކުރަން ނެގި ވޯޓްގައި މިއަދު ބައިވެރިވެވަޑައިނުގަންނަވައިފި އެވެ. އަދި އިއްޔެ ވެސް ޖަލްސާއަށް ވަޑައިނުގެންނެވި، ޕީޕީއެމްއަށް ނިސްބަތްވާ ފުވަމުލަކު މެދުދާއިރާގެ މެންބަރު އަލީ ފަޒާދުވެސް ޖަލްސާއަށް މިއަދުވެސް ވަޑައި ނުގަންނަވަ އެވެ.

ގާނޫނީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ، މެންބަރު ނަޝީދު މިއަދު ވޯޓް ނެގި ވަގުތު ޖަލްސާގެ ޗެމްބަރުގައި ވަޑައިގެން ނަމަވެސް އޭނާ ވަނީ ވޯޓްގައި ބައިވެރިވެ ވަޑައިގެންފައިނުވާ ކަމަށް ޕީޕީއެމްގެ މަޖިލީހުގެ މެންބަރަކު އަވަސް އަށް ކަށަވަރުކޮށްދެއްވި އެވެ. ނަޝީދު ވޯޓްގައި ބައިވެރިވެ ވަޑައިނުގެންނެވި ސަބަބެއް ނޭނގެ އެވެ.

މެންބަރު ނަޝީދު އިއްޔެގެ ޖަލްސާގެ ބަހުސްގެ މަރުހަލާގައި ވިދާޅުވީ، އެސްއޯއީގައި ނުހިފެހެއްޓޭނެ ބާރުތައް ރައީސްގެ ގަރާރުގައި ހިފަހައްޓަވާފައިވާ ކަމަށެވެ. އެގޮތުން ޝަރުއީ ދާއިރާގެ ބާރުތަކާއި މަޖިލީހަށް ލިބޭ ބާރުތައް ހިފަހައްޓާފައިވާ ކަމަށާއި އެކަން ކުރެވޭނެ ކަމަށް ނުދެކޭ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި މަޖިލީހުން އެ ގަރާރު ފާސްކުރަން ވާނީ އެ ބައިތައް އުނިކުރުމަށް ފަހު ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ކޮމިޓީ އިން އެ ގަރާރު އިސްލާހު ކުރި އިރު، އުނިކުރީ މަޖިލީހަށް ލިބިފައިވާ ބާރުތައް އެކަންޏެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރު އަހުމަދު މަހުލޫފް މަޖިލީހުގެ ބޭރުގައި ބޭއްވި އިދިކޮޅު ފަރާތްތަކުގެ ޕްރެސްގައި ވިދާޅުވީ، މެންބަރު ނަޝީދު މިއަދު ދެއްކެވީ ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި ނަޝީދު މިއަދުގެ ވޯޓްގައި ބައިވެރިވެ ވަޑައިނުގެންނެވި ކަމަށެވެ. އަދި ނަޝީދު މިއަދުގެ ވޯޓްގައި ބައިވެރިވެ ވަޑައިނުގެން އިންނެވީ، އެ ވޯޓަކީ ޣައިރު ގާނޫނީ ވޯޓަކަށް ވާތީ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

އޭނާ ވަނީ މެންބަރު އަލީ ފަޒާދު ވެސް މިއަދުގެ ޖަލްސާގައި ބައިވެރިނުވާކަން ފާހަގަ ކުރައްވައިފަ އެވެ. އޭނާ ވަނީ އަލީ ފަޒާދު ވެސް މިއަދުގެ ޖަލްސާއަށް ވަޑައިނުގެންފައި ވާތީ އެ ނިންމުމަށް ވެސް ތައުރީފް ކުރައްވައިފަ އެވެ.

"މެންބަރު ނަޝީދާއި އަލީ ފަޒާދު މި ދެއްކެވި ހިތްވަރަށް އަޅުގަނޑުމެން ސާބަސް ދަންވަން. މިކަމުން ވެސް އެނގިގެން މިދިޔައީ ޕީޕީއެމްގެ އެތެރޭގެ މެންބަރުންތަކެއް ވެސް މިކަމާ ހިޔާލު ތަފާތުވެފައިވާ މިންވަރު،" މަހުލޫފް ވިދާޅުވި އެވެ.

ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކާ އެކު ސަރުކާރު ކޯލިޝަންގައި މަޖިލީހަށް ލިބުނީ 38 ވޯޓެވެ. ނަޝީދާއި ފަޒާދު ބައިވެރިވި ނަމަ، 40 ވޯޓް ސަރުކާރު ކޯލިޝަންއަށް ލިބޭނެ އެވެ. ނިހާން ރޭ ޕީޕީއެމްގެ ޕްރެސްގައި ވިދާޅުވީ، އަލީ ފަޒާދު ކޮންމެހެން ވެސް ވޯޓަށް ގެނައުމަށް ޕީޕީއެމްގެ ޕީޖީ އިން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އޭނާ ވަޑައިނުގަތް ސަބަބެއް ނޭނގެ އެވެ.

އަލީ ފަޒާދު ހުންނެވީ އޭނާގެ ބައްޕަގެ ބޭސްފަރުވާއަކަށް ސްރީލަންކާއަށް ވަޑައިގެން އެވެ.

މަޖިލީހުގެ މިއަދުގެ ވޯޓް ނަގާފައި މި ވަނީ، ރައްޔިތުން އޭގެ މައްޗަށް އަމަލު ކުރުން ލާޒިމް އެއްވެސް ނިންމުމެއް މަޖިލީހުން ނިންމަންވާނީ މަޖިލީހުގެ ޖުމްލަ އަދަދުގެ ދެބައިކުޅައެއް ބަޔަށް ވުރެ ގިނަ މެންބަރުން ތިބި ޖަލްސާއެއްގައި ކަމަށް ގާނޫނު އަސާސީގައި ބުނެފައި ވާތީ މިއަދުގެ ވޯޓްގެ ސައްހަ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އެ ވޯޓް ނެގޭނީ މަޖިލީހުގައި 43 މެންބަރުން ހާޒިރުވެ ތިބެގެން ކަމަށް ރާއްޖޭގެ ހުރިހާ ތަޖުރިބާކާރު ގާނޫނީ ވަކީލުން ވަނީ ބުނެފަ އެވެ.