ރިޕޯޓް

ރައްޔިތުން އަމަލު ކުރަން ނުޖެހޭ ކުއްލި ނުރައްކާ!؟

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ސަރުކާރުން "ހިތުހުރި ގޮތަކަށް" އޭގެ ބާރު ބޭނުންކޮށް، ފަސޭހަ ކަމާއެކުގައި ކަންކަން ނިންމަމުން ދިޔަ އެވެ. ނަމަވެސް އެ ހާލަތުގެ މުއްދަތު ހަމަވެ، އިތުރު ކުރުމަށް މަޖިލީހަށް ދާން ޖެހުން ހިސާބުން ފެށިގެން ކަންކަން ނިމިގެން މިއައީ އެހާ އަމާން އޮމާންކޮނެއް ނޫނެވެ.

ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް ދިގު ދަންމާލަން ސަރުކާރުން ނިންމި ނިންމުމަށް ހުރަހަކަށް ވެގެން ދިޔައީ ގާނޫން އަސާސީގެ 87 ވަނަ މާއްދާގެ ބޭނުން އިދިކޮޅު މެންބަރުން އެންމެ ރަނގަޅު ދަނޑިވަޅުގައި ހިފާލާ ޖަލްސާއަށް ހާޒިރު ނުވުމާ ގުޅިގެނެވެ. އެއީ ރައްޔިތުންނާ އޭގެ މައްޗައް އަމަލު ކުރަން ޖެހޭ ކަމަކަށް ވޯޓަށް އަހަންޖެހޭނީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ހާޒިރުގައި ކަމަށް ބުނެފައިވާ މާއްދާ އެވެ. އެއީ އިދިކޮޅުގައި ތިބި މެންބަރުން ނުލާ ސަރުކާރަށް އެ އަދަދު ހަމަ ނުވާތީ އެވެ.

އިދިކޮޅުން އެ ނެންގެވި ގާނޫނީ ޕޮއިންޓާ މެދު ޕީޕީއެމް މެންބަރުން ވެސް މިދިޔަ ހޯމަ ދުވަހުގެ ނިޔަލާ ޖެހެންދެއް ދެކޮޅެއް ނަހައްދަވެ އެވެ. ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވެސް ވަނީ އެ އަދަދު ހަމަ ކުރަން ޖެހޭ ކަމާއި، އެ އަދަދު ހަމަކޮށްގެން ގަރާރު ފާސް ވެސް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ސަރުކާރުން ހުރީ 43 މެންބަރުން ހަމަ ނުވިޔަސް ގަރާރު ފާސް ކުރަން ކަން، ހަމަ އެ ބައްދަލުވުމުގައި ވާހަކަދެއްކެވި ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ވާހަކަތަކުން އެނގެ އެވެ. ކަން ހިނގައިދިޔައީ ވެސް އޭނާއަށް "އިލްހާމް" ކުރެވުނު ގޮތަށެވެ.

އިއްޔެ މެންދުރު 11:00 ހާއިރު ފަށަން އޮތް ހާއްސަ ޖަލްސާ ފެށޭ ގޮތްވީ ހަވީރު 5:30 ހާއިރު އެވެ. އެއީ 87 ވަނަ މާއްދާ އިން "ބޯ ދަމައިގަނެވޭނެ" ގޮތެއް ރާވާ، އެ މާއްދާއާ މެދު ގައުމީ ސަލާމަތުގެ ކޮމިޓީން ގޮތެއް ނިންމުމަށެވެ. އެއަށް ފަހު ޖަލްސާ ބާއްވާ 87 ވަނަ މާއްދާއާ ހިލާފަށް، މަޖިލީހުގެ ދެބައިކުޅަ އެއްބައި ހަމަ ނުވަނީސް ގަރާރަށް ވޯޓަށް އަހާ ފާސް ކުރި އެވެ.

ގާނޫން އަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް މަޖިލީހުން އިއްޔެ އަމަލު ކުރި ކަމުގެ ހުއްޖަތަކަށް ދައްކާފައި ވަނީ ދެ ކަމެކެވެ. އެއް ކަންތައް ފާހަގަ ކުރެއްވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދެވެ. އޭނާ ވިދާޅުވި ގޮތުގައި 87 ވަނަ މާއްދާގައި ރައްޔިތުން އަމަލު ކުރަން ޖެހޭ ކަންކަމުގައި ދެބައިކުޅަ އެއްބައި މެެންބަރުން ބޭނުންވާ ކަމަށް ބުނެފައިވީ ނަމަވެސް، "ރައްޔިތުން އަމަލު ކުރަން ޖެހޭ ކަންކަން" ބަޔާން ކުރާ މަޖިލީހުގެ ގަވައިދުގެ 38 ވަނަ މާއްދާގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރެކޭ ލިޔެފައެއް ނެތެވެ. އެހެންކަމުން 43 މެންބަރުން ނެތަސް ވޯޓަށް އަހާ އެ ގަރާރު ފާސް ކުރެވޭނެ އެވެ.

"އިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން މަޖިލީހުގެ ގަވައިދުގެ 38 ވަނަ މާއްދާގައި ބަޔާން ކުރައްވާފައިވާ ކަންކަމުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްޓަކައި ނެރޭ ގަރާރު ހިމެނިފައެއް ނެތް، އެހެންވެ މި ޖަލްސާ މި ހިނގަނީ ގާނޫނީ އަދަދާއެކު،" މަސީހު ވިދާޅުވި އެވެ.

މަސީހުގެ އެ ޖަޖްމަންޓްގެ ސައްހަ ކަމާމެދު ގާނޫނީ ބޭފުޅުންގެ ބޮޑެތި ފާޑު ކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައިވާ ގޮތާ މެދު ސުވާލު އުފެދެނީ ވެސް އެ ނިންމުމުގެ ސަބަބުންނެވެ.

އެގޮތުން މަޖިލީހުން ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމަށް ފާސް ކުރަން ދެއްކެވި "ބަހަނާ"އަކީ އެއީ ރައްޔިތުން އަމަލު ކުރަން އެއްޗެއް ގޮތުގައި ގަވައިދެއްގައި ލިޔެފައި ނެތުމެވެ. މަޖިލީހުގެ ގަވައިދުގައި ރައްޔިތުން އަމަލު ކުރަން ޖެހޭ އެއްޗެއް ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ލިޔެފައި ނެތް ކަމުގައިވީ ނަމަވެސް އެއީ ހާލަތަކީ ރައްޔިތުން އަމަލު ކުރަން ޖެހޭ އެއްޗަކަށް ނުވޭ ހެއްޔެވެ؟

"ރައީސް ޔާމީން މި ނެރުއްވައިގެން އުޅޭ ކުއްލި ނުރައްކަލުގެ ގަރާރުގައި ވެސް އެބަ ބުނޭ ސީދާ ރައްޔިތުން އެއަށް އަމަލު ކުރަން ޖެހޭ 20 އަށް ވުރެ ގިނަ އަސާސީ ހައްގުތައް ހިފަހައްޓާފައިވާކަން، އެ ހުރިހާ އެއްޗަކީ ސީދާ ރައްޔިތުން އެއަށް ތަބާވާން ޖެހޭ ކަންކަން، ކުއްލި ނުރައްކަލުގެ ހާލަތަށް އަމަލު ކުރަން ނުޖެހޭ ނަމަ ފުލުހުންނާއި ސިފައިން އިހުތިޖާޖަށް ހުރަސް އަޅަނީ ކީއްވެތޯ، ހައްޔަރުކޮށްފައި ތިބި މީހުންނަށް ލިބެން ޖެހޭ ހައްގުތައް ނުލިބެނީ ކީއްވެތޯ، މިއީ ސީދާ ރައްޔިތުން އަމަލު ކުރަން ޖެހޭ އެއްޗެއް، މަޖިލީހުގެ ގަވައިދުގައި ގަރާރެކޭ ބުނެފައި ނެތުމަކުން، އެއީ ރައްޔިތުން އަމަލު ކުރަން ނުޖެހޭ އެއްޗަކަށް ނުވޭ،" އިދިކޮޅު މެންބަރަކު "އަވަސް"އަށް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ "ކުއްލި ނުރައްކަލުގެ ހާލަތަށް ރައްޔިތުން އަމަލު ކުރަން ކަމަށް ގަވައިދުގައި ނުބުނާތީ 38 މެންބަރުންގެ ވޯޓަކުން އެ ގަރާރު ފާސް ކުރީމަ އެއަށް ރައްޔިތުން އަމަލު ކުރާކަށް ނުޖެހޭނެ ނޫން ހެއްޔެވެ.، އެހެން އެ ވިދާޅުވަނީ ސަރުކާރުން އަމިއްލައަކަށް ނޫންތޯ، ސަރުކާރުން އަމިއްލައަށް އެ ބުނަނީ އިއްޔެ ފާސް ކުރީ އަމަލު ކުރަން ޖެހޭ ކުއްލި ނުރައްކަލުގެ ހާލަތެއް ނޫނޭ،"

މަސީހުގެ އެ ނިންމުމަށް ދެން އަމާޒުވާ ފާޑު ކިޔުންތަކަކީ ސީދާ ގާނޫން އަސާސީގެ ކަނޑައެޅިގެން ލިޔެފައިވާ މާއްދާއެއް "ޓެކަލް ކުރަން" މަސީހު ބޭނުން ކުރެއްވީ ގަވައިދެވެ. އެއީ ކުރެވޭނެ ކަމެއް ނޫންކަމާއި ގާނޫން އަސާސީގެ މާއްދާއަކަށް ފުށު އަރާ ގޮތަށް ގަވައިދަކަށް ބިނާކޮށް އެފަދަ ނިންމުންތަކެއް ނުނިންމޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

އެ ކަންކަން އެގޮތަށް އޮއްވާ ވެސް ފާސް ކުރުމަކީ ސަރުކާރު ތަމްސީލު ކުރާ މެންބަރުންގެ ވެސް ޖެހިލުންވެދާނެ ކަމެކެވެ. އެހެންކަމުން ގަރާރުގެ މުއްދަތު އިތުރު ކުރަން ފާސް ކުރީ ރަނގަޅަށް ކަމަށް ސާބިތު ކުރުމަށް އެ މެންބަރުން ދައްކަވާ ދެވަނަ ހުއްޖަތަކީ ކުއްލި ނުރައްކަލުގެ ހާލަތު މުއްދަތު އިތުރު ކުރަން ނިންމި ނިންމުމުގެ ސައްހަކަން ކަނޑައެޅުމަށް ސުޕްރީމް ކޯޓުގެ ލަފާއަކަށް އެދުމެވެ.

ނަމަވެސް ސުވާލަކީ ސުޕްރީމް ކޯޓު އޮތީ އެފަދަ ދުސްތޫރީ މައްސަލައެއްގައި ގޮތެއް ނިންމޭ ފަދަ ހާލަތެއްގައި ހެއްޔެވެ؟ އެ މައްސަލާގައި ގާނޫނީ ގޮތުން ފުންނާބު އުސް އެތަށް ވަކީލަކު އަންނަނީ އެކަމާ ދެކޮޅަށް ވާހަކަދައްކަވަމުންނެވެ. އެގޮތުން މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވެސް ވަނީ އެކަން ނުކުރެވޭނެ ސަބަބުތަކަށް ގާނޫނީ ނަޒަރަކުން އަލިއަޅުވާލައިފަ އެވެ.

ގާނޫނު އަސާސީގެ 145 ވަނަ މާއްދާއަށް އިޝާރަތް ކުރައްވާ މާރިޔާ ވިދާޅުވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ސަސްޕެންޑްކޮށްފައި ތިބުމުން މަޖިލީހުން އިއްޔެ ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓަކަށް ގޮތެއް ކަނޑައެއް ނޭޅޭނެ އެވެ. 145 ވަނަ މާއްދާގައި ބުނެފައި ވަނީ ސުޕްރީމް ކޯޓު އެކުލެވިގެން ވަނީ އުއްތަމަ ފަނޑިޔާރާއި ގާނޫނުން ކަނޑައަޅައި އޮނަހިރި އަދަދެއްގެ ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ. މިހާރު ގާނޫނު އޮތް ގޮތުން ސުޕްރީމް ކޯޓުގައި ތިއްބަވަން ޖެހެނީ ފަސް ފަނޑިޔާރުންނެވެ. ނަމަވެސް އެ ދެ ބޭފުޅުން ހައްޔަރުގައި ހުރުމުން އެކަން ނުކުރެވޭނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

މާރިޔާ މިހެން ވިދާޅުވި ނަމަވެސް ތިން ފަނޑިޔާރުންގެ އިއްތިފާގުން ފަސް ފަނޑިޔާރުންގެ އަމުރުގެ ބައެއް ބާތިލުކުރި އަމުރު ދިފާއުކޮށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައިވެ އެވެ. އެ އަމުރުގައިވާ ގޮތުން އެއްވެސް ސަބަބަކާހުރެ އުއްތަމަ ފަނޑިޔާރަށް ހާޒިރު ނުވެވޭނަމަ ފަނޑިޔާރުންގެ މަޖިލީހަށް ހާޒިރުވެ ތިއްބެވި އެންމެ ސީނިއާ ފަނޑިިޔާރުންގެ ރިޔާސަތުގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހެއް ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތެވެ.

އެ އަމުރުގައި އިތުރަށް ބުނެފައި ވަނީ ކޯޓުތަކާ ބެހޭ ގާނޫނަށް ޑިސެމްބަރު 11، 2014 ގައި ގެނައި އިސްލާހުގެ ދަށުން މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ ފަހެއް ކަމަށެވެ. ދުސްތޫރީ ތަބީއަތުގެ މައްސަލައެއް ނުވަތަ ދުސްތޫރީ ތަބީއަތާ ގުޅުން ހުރި އެއްވެސް ކަމެއް ބަލައި ނިންމުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތު ހިމެނޭ އޮނަހިރި އަދަދަކީ ތިނެއްކަން އެ އިސްލާހުގައި ސާފުކޮށް ބުނެފައިވެ އެވެ.

އެހެން ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި މުއްދަތު ރޭ 8:00 އަކަށް ހަމަވި އިރު ވެސް މަޖިލީހުން "ބަހަނާ"ތަކެއް ދައްކައިގެން ފާސް ކުރި ގަރާރުގެ ސައްހަ ކަމާމެދު ސުޕްރީމް ކޯޓަކުން ގޮތެއް ނުނިންމަ އެވެ. އެހާ ހިސާބުން އެކަން އަނެއްކާ ވެގެން ދިޔައީ ގާނޫނީ ބަހުސަކަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އަދިވެސް ވުޖޫދުގައި އެބައޮތްތޯ އުފައްދާ ސުވާލުތަކެއްގެ ތެރެއަށެވެ.

ކޮންމެ ގޮތެއް ވިޔަސް އެއްކަމެއް ވަރަށް ސާފެވެ. އެއީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 30 ދުވަހަށް އިއްޔެ ދަންމާލީ ގާނޫން އަސާސީގައި ހުރި "ލޫޕް ހޯލްސް" ތަކުން ދެމިގަނެގެނޭ ބުނެވޭނެ ޖާގަ އެބައޮތެވެ. ނޫނީ އެއީ ރައީސް ވިދާޅުވާ ގޮތަށް ގާނޫން އަސާސީ ތަސްދީގު ކުރުމުގައި އަވަސް އަރުވާލާފައި ހުރުމުގެ ސަބަބުން ހުރި އުނި ސިފަތަކާ ހެދި ކަމަށް ވެސް ވެދާނެ އެވެ.