ރިޔާސީ ބަޔާން

މާދަމާ ރިޔާސީ ބަޔާން އިއްވާ، ޖަލްސާތައް ފަށަނީ

ރައްޔިތުން މަޖިލިސް މި އަހަރަށް ހުޅުވައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ޖަލްސާ މާދަމާ ބާއްވަން ނިންމައިފި އެވެ. އެކަން މަޖިލީހުން އިއުލާންކޮށްފައި ނުވި ނަމަވެސް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު މިއަދު ވަނީ އެކަން އިއުލާންކޮށްފަ އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ބާއްވަން ޖެހެ އެވެ. އަދި މި މަހު ފަސް ވަނަ ދުވަހުގައި ދަރުބާރުގޭގައި އެ ޖަލްސާ ބޭއްވުމަށް ނިންމާ، ތައްޔާރު ވެސް ވި އެވެ. ނަމަވެސް 1 ފެބްރުއަރީގެ އަމުރަށް ފަހު ޖަލްސާ މަޖިލީހުގެ ޖަލްސާ ނުފަށާ އޮތީ މަޑު ޖައްސަލައިފަ އެވެ. އެއަށް ފަހު ކުއްލު ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމަށް އިއްޔެ އާއި މިއަދު ވަނީ ދައުރުގެ ބޭރުން ޖަލްސާއެއް ބާއްވާފަ އެވެ.

މަޖިލީހުގެ ޖަލްސާތައް ނުފަށައި ފާޑު ކިޔުންތައް އަމާޒުވެފައި ވަނިކޮށް، ޕީޕީއެމް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ ރައީސް ވަޑައިގެން ރިޔާސީ ބަޔާން އިއްވާ ޖަލްސާ މާދަމާގެ ވަގުތެއްގައި ބާއްވާނެ ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް އޭނާ ނުދެއްވަ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ޖަލްސާ ބާއްވަނީ މާދަމާ ރޭގެ ވަގުތެއްގައި ދަރުބާރު ގޭގަ އެވެ.

މަޖިލީހުގެ ޖަލްސާތައް އަލުން ފަށާއިރު، 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް 1 ފެބްރުއަރީގެ އަމުރުން ކަނޑައެޅި މައްސަލަ ދާދި ފަހުން ސުޕްރީމް ކޯޓުން ވަނީ މަޑު ޖައްސާލައިފަ އެވެ. އޭގެ ސަބަބުން އެ މެންބަރުންނަށް ޖަލްސާތަކުގައި ބައިވެރިވެވަޑައި ނުގަނެވެ އެވެ. އޭގެ ސަބަބުން ދައުރުން ބޭރުން ބޭއްވި ދެ ޖަލްސާވެސް އިދިކޮޅު ފަރާތްތަކުން ވަނީ ބޮއިކޮޓްކޮށްފަ އެވެ.