ދިވެހި ސިނަމާ

"ވަކިން ލޯބިން" ގެ އާ ޓްރެއިލާ ބަލައިލާ

ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފިލްމު "ވަކިން ލޯބިން" ރިލީޒްކުރުމަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު ޑާކްރެއިން އިން އަންނަނީ ބެލުންތެރިންނަށް ކޮންމެ ހަފްތާއަކުހެން ހަދިޔާއެއް ދެމުންނެވެ. މިފަހަރު ހަދިޔާއަކަށް ދިނީ ފިލްމު އާ ޓްރެއިލާ އެކެވެ.

ޒުވާން ދެމަފިރިއެއްގެ ކައިވެނި، ވަރި ފަށަށް އެރުމުން ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ ފެމިލީ ޑްރާމާ މި ފިލްމަކީ އައިޝަތު ފުއާދު ތައުފީގުގެ ސްކްރީންޕްލޭއަކަށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓުކޮށްފައިވާ ފިލްމެކެވެ.

ފިލްމުގެ ޓިކެޓް މިހާރު އޮލިމްޕަހުން ވިއްކަމުން ދާއިރު، މާލޭގެ އިތުރުން އަތޮޅު ތެރޭ ގިނަ ރަށްތަކެއްގައި ފިލްމު ދެއްކުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ފިލްމު ޕްރިމިއާ ކުރާ ދުވަހު ހދ.ކުޅުދުއްފުށީގައި ފިލްމު ދައްކާނެ އެވެ. އައްޑޫ އަދި ފުވައްމުލަކުގައިވެސް ފިލްމު ދެއްކުމަށް ހަމަޖެހިފައިވެ އެވެ. ޑާކްރެއިން ބުނީ ވީހާވެސް ގިނަ ރަށެއްގައި ފިލްމު ދެއްކުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.