ހޮލީވުޑް

ޖެނިފާ ލޯރެންސް ބްރޭކެއް ނަގާކަށް ނޫޅޭ

މަޝްހޫރު ހޮލީވުޑް އެކްޓާ އަދި އެކަޑެމީ އެވޯޑު ހޯދާފައިވާ ޖެނިފާ ލޯރެންސް ފިލްމީ ދާއިރާއިން އެއް އަހަރުގެ ބްރޭކެއް ނަގަން އުޅޭ ކަމަށް ބުނެފައިވެ އެވެ. ޖެނިފާ ބުނެފައި ވަނީ ފިލްމީ ދާއިރާއަށް ކުޑަކޮށް ދުރަށް ޖެހިލުމަށް ފަހު، ސިޔާސީ ދާއިރާއަށް ނިކުންނަ ޒުވާން ކުދިންނަށް އެހީތެރިވުމަށް އޭނާ ވަގުތު ހުސްކުރާނެ ކަމަށެވެ.

"އަހަރެން އެއް އަހަރުގެ ބްރޭކެއް އެބަ ނަގަަން. ސިޔާސީ ދާއިރާއަށް ނިކުންނަ ޒުވާން ކުދިން ތަމްރީނުކުރުމަށް އަމިއްލަ ޖަމިއްޔާ "ރިޕްރެޒެންޓް އަސް" އާއެކު އަހަރެން މަސައްކަތް ފަށާނަން. މީގައި އަހަރެމެން އެ ކުދިން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާށާއި ގާނޫނާއި ގަވާއިދުތައް އެ ކުދިންނަށް އަހުލުވެރި ކުރުމަށް މަސައްކަތް ކުރާނަން." ޖެނިފާ އެންޓަޓެއިންމަންޓް ވީކްލީއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

ނަމަވެސް ޖެނިފާގެ ރެޕްރެޒެންޓޭޓީވް މިހާރު ވަނީ އޭނާ ބްރޭކެއް ނަގަން ނޫޅޭކަން ކަށަވަރުކޮށްދީފަ އެވެ. އޭނާ ބުނީ ޖެނީފާގެ ގިނަ ފިލްމުތަކެއް މަސައްކަތް ކުރިއަށް ހުރުމުން ފިލްމީ ދާއިރާ އިން ބްރޭކެއް ނެގެން ނެތް ކަމަށެވެ. ބްރޭކެއް ނުނެގި ނަމަވެސް އޭނާ މިއަހަރު "ރިޕްރެޒެންޓް އަސް" ޖަމިއްޔާއާއެކު ކުރަން ރާވާފައިވާ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.

ކުރިއަށް ހަތް ފިލްމެއްގެ މަސައްކަތް އޭނާ ކުރަން އެބަ އޮތެވެ. އޭގެ ތެރޭއިން ފާހަގަކޮށްލެވޭ ފިލްމުތަކުުގެ ތެރޭގައި ޒެލްޑާ ފިޓްޒްޖެރެލްޑްގެ ބަޔޮޕިކް "ޒެލްޑާ" އާއި އެޑަމް މެކްކޭގެ "ބޭޑް ބްލަޑް" ހިމެނެ އެވެ. ރަސްމީކޮށް އަދި ނަން އިއުލާންކޮށްފައި ނުވި ނަމަވެސް މަޝްހޫރު ކޮމެޑީ އެކްޓާ އެމީ ޝޫމާއާއެކު ޖެނިފާ ކުޅޭ ފިލްމެއްގެ މަސައްކަތް އެބައޮތެވެ.

މީގެ ކުރިން ގިނަ ފަހަރެއްގެ މަތިންވެސް ޖެނިފާ މި ދާއިރާއިން ބްރޭކެއް ނަގަން އުޅޭ ކަމަށް ބުނެ އޭނާ އެކި ޝޯތަކުގައި ވާހަކަ ދައްކާފައިވެ އެވެ.