ވިޔަފާރި

ބީއެމްްއެލް އިން މޮޓޮރައިޒް ވީލް ޗެއާ ދީ، "އުންމީދަށް" އެހީއެއް

Feb 21, 2018
  • ކޮންމެ ރަށެއްގައި ހަރަކާތެއް ހިންގާ
  • މަޝްރޫއުގެ އަގު 300 މިލިއަން ރުފިޔާ
  • މަނަދޫގައި ފައިނޭންޝަލް ލިޓްރެސީ ކިޔައިވައިދިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މޮޓޮރައިޒް ވީލް ޗެއާ ހަދިޔާކޮށް، ކުޅަހުވަދޫ އެޑިއުކޭޝަން ސެންޓަރުގެ "އުންމީދު" ކްލާސްތަކަށް އެހީވެދީފި އެވެ.

ބީއެމްއެލް އިން ކުރިއަށް ގެންދާ "އަހަރެންގެ ބޭންކް- ދިވެހިން" ގެ ބޭންކް ހަރަކާތުގެ 19 ވަނަ ހަރަކާތުގެ ގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މޮޓޮރައިޒް ވީލް ޗެއާ ހަދިޔާކޮށްފައިވަނީ ބ. އޭދަފުށީގަ އެވެ.

ކުޅަހުވަދޫގައި ހުންނަ ދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހިންގާ "އުންމީދު" ކްލާސްތަކަށް ވަނީ ކިޔެވުމަށް ބޭނުންވާ ގިނަ ސާމާނު ތަކެއް ހަދިޔާކޮށްފަ އެވެ. މިއީ ބީއެލްއެލްގެ އަހަރެންގެ ބޭންކް ކެމްޕޭންގެ 18 ވަނަ ހަރަކާތެވެ.

މީގެ އިތުރުން ބީއެމްއެލް އިން ވަނީ ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސްއާ ގުޅިގެން މ. ދިއްގަރު ސްކޫލުގެ ކުދިން ކެންސަރަށް ސްކްރީން ކުރުމުގެ ހަރަކާތެއް ވެސް ހިންގާފަ އެވެ. މި ޕްރޮގްރާމުގައި 600 ކުދިން ބައިވެރިވި އެވެ. އަދި ވަނީ ނ. މަނަދޫ ސްކޫލުގެ ކުދިންނަށް ފައިނޭންޝަލް ލިޓްރަސީ ކްލާސްތަކެއް ވެސް ހިންގާފަ އެވެ.

"އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން މިހާތަނަށް ވަނީ މުޖުތަމަ އަށް ފައިދާ ހުރި ގިނަ ހިދުމަތްތަކެއް ކޮށްފަ އެވެ. މީގެތެރޭގައި "އިންޓަގްރާމް ޗެލެންޖަކާއި" ކޮންމެ އަތޮޅެއްގައި އިޖުތިމާއި ޒިންމާގެ ހަރަކާތެއް ހިންގުމުގެ އިތުރުން ބާސްކެޓް ކޯޓެއް ހުޅުވުމާއި "ލައިފް ސްޓައިލް ލޯނު" ތައާރަފު ކުރުން ހިމެނެ އެވެ. މީގެ އިތުރުން އިންޓަނެޓު ބޭންކިންގެ ހިދުމަތަށް އިތުރު ފަސޭހަތައް ގެނެސް ދިނުމާއި ވިލިމާލޭގެ ބީއެމްއެލް ބްރާންޗު ވަރުގަދަ ކުރުން އަދި މާލީ ދާއިރާއަށް ސްކޫލް ކުދިން ހޭލުންތެރި ކުރުވުން ވެސް ހިމެނެ އެވެ. ބީއެމްއެލްގެ އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކަށް މިދިޔަ އަހަރު 300 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި މި އަހަރުވެސް މި އަދަދު ހޭދަކުރާނެ ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.