ހަބަރު

މާދަރީ ބަހުގެ ދުވަސް ފާހަގުކުރުން ހާއްސަ ހަރަކާތްތަކެއް

މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ 19 ވަނަ މާދަރީ ބަހުގެ ދުވަހެވެ. މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި މިއަދު ދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. ހާއްސަކޮށް ސުކޫލުތަކުގައި ގިނަ ހަރާކާތްތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

ދުވަހުގެ މުނާސަބަތުގައި ދިވެހި ބަހުގެ އެކެޑަމީ ރައީސް އަޝްރަފް ޢަލީ ވަނީ މިއަދު ހާއްސަ ހިތާބެއްވެސް ދެއްވާފަ އެވެ. ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުވަމުން އަޝްރަފް ވިދާޅުވީ، މާދަރީ ބަސް "ދިވެހި ބަސް" ހިމާޔަތްކުރުމަކީ ވަކި ފަރުދެއްގެ ޒިންމާއެއް ނޫން ކަމަށާއި އެއީ ކޮންމެ ދިވެއްސެއްގެ ވެސް ޒިންމާއެއް ކަމަށެވެ. ބަސް ރައްކާތެރިކޮށް ކުރިއެރުވުމަށް ކުދިންނަށާއި ސުކޫލުތަކާއި ބެލެނިވެރިންގެ އިތުރުން ހުރިހާ ފަރުދުންނަށް އަޝްރަފް ގޮވާލައްވާފައިވެ އެވެ.

"ޝައްކެއް ވެސް ނެތް ގޮތުގައި ބައެއްގެ އާދަކާދަ އާއި ސަގާފަތާއި ތަރިކަ ދެމެހެއްޓުމުގެ މައިގަނޑު އަސާސަކީ އެބައެއްގެ ބަސް. މާދަރީ ބަސް ކުރިއަރުވާ ތަރައްގީ ކުރުމަކީ ބަހަވީ ސިންދާފަތާއި ގިނަބައްސަކަމަށް އެޅޭ ބާރެއް. އޭގެ ސަބަބުން އެހެނިހެން ބަސްބަހާއި ސަގާފަތާ މެދު ހޭލުންތެރިވެ އެފަދަ ތަފާތުތައް ތަހައްމަލު ކުރުމުގެ ބާރު ލިބިދޭ. ނަތީޖާއެއްގެ ގޮތުން ގައުމުތަކުގެ މެދުގައި އަމަން އަމާންކަން ގާއިމުކުރާން މަގުފަހިވޭ." އަޝްރަފް ވިދާޅުވި އެވެ.

މިއަހަރުގެ މާދަރީ ބަހުގެ ދުވަހުގެ ޝިއާރަކީ "ދެމެހެއްޓެނިވި ތަރައްޤީއަށް - ބަހަވީ ސިންދަފާތާއި ގިނަބައްސަކަން" އެވެ. ޝިއާރު އަމާޒުކުރައްވާފައި ވަނީ ދުނިޔެ ތަރައްގީވެ، ޓެކްނޮލޮޖީ ފަދަ ވަސީލަތްތައް ކުރި އަރަމުން އަންނަ އިރު ވަޒީފާ އާއި ތައުލީމީ މައިދާނުގައި އަމިއްލަ މާދަރީ ބަސް ބޭނުންކުރުން އިތުރު ކުރުމަށެވެ.

އަޝްރަފް ދެއްވި ހިތާބުގައި އިތުރަށް ވިދާޅުވެފައި ވަނީ ރާއްޖޭގެ ތައުލީމީ ނިޒާމުގައި ބޮޑުބައެއް ބަރޯސާވެފައި އޮންނަނީ އިނގެރޭސި ބަހަށް ކަމަށެވެ. ސުކޫލްތަކާއި ތައުލީމީ ހިދުމަތްދޭ ހުރިހާ ތަނެއްގައި ވެސް ދިވެހި ބަހުން މުއާމަލާތްކޮށް، ހިޔާލު ފާޅުކުރުމުގެ ފުރުސަތު ފަހިވެފައި އޮތުން މުހިންމުކަމަށް އަޝްރަފް ވީދާޅުވި އެވެ. އެކި މުއައްސަސާތަކުން ވެސް ދިވެހި ބަހަށް އިސްކަންދެއްވާ އާއްމު އެންގުންތަކާއި ލިޔެކިޔުންތައް ދިވެހި ބަހުން ލިޔެ އެކަންކަން ދެމެހެއްޓުމަށް އެދިފައިވެ އެވެ.

"ދިވެހިބަސް ރާއްކާތެރިކޮށް ދަމަހައްޓައިދޭކަށް ބޭރަކުން ބަޔަކު ނާންނާނެ. އެއީ އަޅުގަނޑުމެން އަމިއްލައަށް ކުރަންޖެހޭ ކަމެއް. އެހެންވީމަ އާ އަޒުމަކާއެކު ތެދުވަމާ ހިނގާށެ."

މާދަރީ ބަހުގެ ދުވަސް ބައިނަލްއަގުވާމީ ދުވެހެއްގެ ގޮތުން ފާހަގަކުރުމަށް ޔުނެސްކޯއިން ނިންމީ 1999 ވަނަ އަހަރު އެވެ. ޔުނެސްކޯއިން މި ދުވަސް ފާހަގަކުރަން ނިންމީ ދުނިޔޭގެ އެކި ހިސާބުތަކުގައި މީހުން ވާހަކަދައްކާ އުޅޭ އެބައެއްގެ އަމިއްލަ މާދަރީ ބަސް ކުރި އަރުވާއި ހިމާޔަތްކުރުމާއި، ބަހާއި މެދު ހޭލުންތެރިކަން އިތުރުކޮށް ބަސް ދެމެހެއްޓުމަށް މަސައްކަތްކުރުމުގެ މަގުސަދުގަ އެވެ.