ދިވެހި ސިނަމާ

"ވަކިން ލޯބިން"ގެ ފްރީ ޓިކެޓް ހޯދަން ދާންވީ ސޭންޑްވިޗް ބާއަށް

ދިވެހި ސިނާމާގައި މިހާރު އެންމެ އަޑުގަދަ ފިލްމު ޑާކްރެއިންގެ "ވަކިން ލޯބިން" ރިލީޒްކުރާ ދުވަސް މި ދަނީ ގާތްވަމުންނެވެ. އަންނަ މަހު ފަހެއްގައި ފިލްމު ރިލީޒްކުރަން ތައްޔާރުވަމުންދާއިރު ޑާކްރެއިން އަންނަނީ ބެލުންތެރިންނަށް ތަފާތު ހަދިޔާތައް ދެމުންނެވެ. މިހާތަނަށް ފިލްމުގެ ދެ ޓްރެއިލާ އާއި ދެ ލަވަ ބެލުންތެރިންނަށް ދޫކޮށްލާފައިވެ އެވެ.

ފިލްމަށް އިންތިޒާރުކުރާ ފަރާތްތަކަށް އަނެއްކާވެސް ޑާކްރެއިންގެ ފަރާތުން ހަދިޔާއެއް ދޭން ވަނީ ނިންމާފަ އެވެ. އެކަމަކު މި ފަހަރު މި ދޭ ހަދިޔާ ހޯދަންޖެހޭނީ ކުޑަ މަސައްކަތެއް ކުރާށެވެ. މަޝްހޫރު ސޭންޑްވިޗް ބާ އިން ސޭންޑްވިޗް އެއް ކާލާށެވެ.

ސޭންޑްވިޗް ބާ އިން ގަންނަ ކޮންމެ ސޭންޓްވިޗް އަކަށް ކޫޕާނެއް ލިބޭނެ އެވެ. މި ކޫޕާން ފުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުމަކުން ހޮވޭ ފަސް ފަރާތަކަށް ވަކިން ލޯބިން ބަލާލަން ދިއުމަށް ދެ ޓިކެޓް ލިބޭނެ އެވެ. އަދި ސަޅި ތަންކޮޅަކީ މިހާރު ސޭންޑްވިޗް ބާ އިން ސޭންޑްވިޗް ލާފައިދޭ ވްރެޕް ޕޭޕާގައި އިންނަނީ ވަކިން ލޯބިންގެ ޕޯސްޓަރެކެވެ.

ފިލްމުގެ ޓިކެޓް މިހާރު އޮލިމްޕަހުން ވިއްކަމުން ދާއިރު، މާލޭގެ އިތުރުން އަތޮޅު ތެރޭ ގިނަ ރަށްތަކެއްގައި ފިލްމު ދެއްކުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ފިލްމު ޕްރިމިއާ ކުރާ ދުވަހު ހދ.ކުޅުދުއްފުށީގައި ފިލްމު ދައްކާނެ އެވެ. އައްޑޫ އަދި ފުވައްމުލަކުގައިވެސް ފިލްމު ދެއްކުމަށް ހަމަޖެހިފައިވެ އެވެ. ޑާކްރެއިން ބުނީ ވީހާވެސް ގިނަ ރަށެއްގައި ފިލްމު ދެއްކުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

ފެމިލީ ޑްރާމާ މި ފިލްމަކީ އައިޝަތު ފުއާދު ތައުފީގުގެ ސްކްރީންޕްލޭއަކަށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓުކޮށްފައިވާ ފިލްމެކެވެ.